logo

ޚުޠުބާގައި ގޮވާލީ ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސް ނުވުމަށް!

profile

ޒިދާން މުޙައްމަދު - 27 ޑިސެމްބަރު 2024 - 11:55

ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސް ނުވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

https://wamco.com.mv/

"ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސް ނުވުން" މިމަޢުޟޫގެ މައްޗަށް ބިނާކޮޮށް އިއްވި ހުކުރު ޚުޠުބާގައި ވަނީ ﷲއަށް تقوى ވެރިވުމަށް ބާރުއަޅާފައެވެ.

މާތް ﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނާގައިވެއެވެ.

"އަދި، ހަމަކަށަވަރުން، ﷲއަށް تقوى ވެރިވުމަށް ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންނަށާއި، ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ وصية ކުރައްވައި އެންގެވީމެވެ."

ދިރިއުޅުމުގެ ޙަޔާތަކީ ހިތްދަތިކަންކަމާއި ހިތާމަތަކާއި ދަތި އުނދަގޫ ކަންކަން ހިމެނިގެންވާ ޙަޔާތެއް ކަމަށާއި ދަތި އުނދަގުލަށް ފަހު، ފަސޭހަކަން އަންނާނެކަން ކަށަވަރު ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ހިތާމަތަކަށް ފަހު، އުފާވެރިކަން އަންނާނެކަން ޔަޤީންކަން ފާހަގަކޮށް ބުނީ މިއީ މި ޙަޔާތުގެ ފިޠުރަތު ކަމަށެވެ.

ޚުޠުބާގައި ބުނީ މުއުމިން އިންސާނާއަށް ހުރިހައި ކަމެއްގައި ވެސް ވަނީ ހެޔޮކަން ކަމަށާއި އުފާވެރިކަމެއް މެދުވެރިވެއްޖެ ނަމަ، ޝުކުރުވެރިވާންޖެހޭނެ ކަމަށެވެ. ހިތްދަތިކަމެއް މެދުވެރިވެއްޖެ ނަމަ ކެތްތެރިކަން އިސްކުރުމަށްވެސް ޚުޠުބާގައި ބާރު އެޅިއެވެ.

ޚުޠުބާގައި ބުނި ގޮތުގައި ހިތްދަތިކަންކަމުން އަރައިގަތުމަށް މަސައްކަތްކުރާންވާނީ ޢަޒުމާއި ހިތްވަރާއެކުގައެވެ. ކިތައްމެ އަޤީދާ ވަރުގަދަ މީހަކުވެސް މާޔޫސްވުމުގެ ތެރެއަށް ވެއްޓިދާނެ ޙާލަތެއް އަތުވެދާނެއެވެ. އެއީ މީހާގެ އަޤީދާގެ ބަލިކަށިކަމުން ވާ ކަމެއްނޫނެވެ.

އެއީ، އިންސާނާގެ ނަފްސުގެ ބަލިކަށިކަމެވެ. އިންސާނާގެ ނަފްސު މާޔޫސްކަމުން ސަލާމަތްވުމުށްޓަކައި އަޤީދާގައި ސާބިތުވުމަކީ މުހިންމުކަމެކެވެ. މިގޮތުން ވަސްވާސްތަކުގެ ޝިކާރައަކަށް ނުވެ، ވަރުގަދަ ޢަޒުމަކާއެކު ސަލާމަތުގެ އައްސޭރިއަށް ވާޞިލްވެވިދާނެއެވެ.

ދިރިއުޅުމުގައި ދިމާވާ ދަތިކަމަކަށްފަހު ލުޔެއް ލިބޭނެކަމުގެ އުއްމީދު ބައެއް މީހުން ކަނޑާލައެވެ. ނަމަވެސް އިންސާނާއާ އެކި ގޮތްގޮތުން ދިމާވާ މުޞީބާތްތަކާއި ދަތިކަން ފިލައިދިއުން ﷲގެ އިރާދަފުޅުގައި ކަނޑައަޅުއްވައިފައި ވެއެވެ. އެހެނަސް ބައެއް މީހުންގެ މަސައްކަތަކަށް ވެފައި އޮންނަނީ، އެ ފަދަ ކަންކަމުން ސަލާމަތްވުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ނާއުންމީދުގެ ބަސްތައް ތަކުރާރުކުރުމެވެ.

މި ފަދަ ޝުޢޫރުތަކާއި ވާހަކަތައް ދެކެވެނީ އުއްމީދު ކެނޑި ދުނިޔެވީ ޙަޔާތުން މާޔޫސްވެފައި ވާތީއެވެ. އެހެންކަމުން، ސަބަބުތަކުގައި ހިފައި، ޙާލަތު ބަދަލުކުރުމަށް މަސައްކަތްކުރުމަށް އިންސާނާ ފަހަތަށް ޖެހެއެވެ. الله سبحانه وتعالى އިންސާނާ ސިފަކުރައްވައި ވަޙީކުރައްވައިފައި ވެއެވެ.

" އަދި ތިމަންރަސްކަލާނގެ އިންސާނާއަށް رحمة އެއް ލައްވައި، ދެން އޭނާގެ ކިބައިން ތިމަންރަސްކަލާނގެ އެ رحمة ނިގުޅައިގަންނަވައިފިނަމަ، ހަމަކަށަވަރުން، އޭނާ ވަނީ، ތިމަންރަސްކަލާނގެ رحمة ން އުންމީދުކަނޑައި، نعمةއަށް ދެކޮޅުހަދާ كافر އަކަށެވެ."

ކީރިތި ޤުރްއާނުގައި މާޔޫސްވުމާއި އުއްމީދު ކެނޑުމާ މެދު އެތައް ބަސްފުޅެއް އައިސްފައިވެއެވެ. އެއީ އަޅާ އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ރުޖޫޢަވެ ތައުބާވުން ކަމުގައި ވިޔަސް، ނުވަތަ ޤަޟާގަދަރާ ގުޅުން ހުރިކަމެއް ކަމުގައި ވިޔަސްމެއެވެ. ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުން އީމާންކަމުގެ ރުކުނެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ މާޔޫސްވުމާއި އެތައް ނުރައްކަލަކުން އިންސާނާ ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދިނުމުގެ ބާރެއްގެ ގޮތުންނެވެ. ކަންކަމުގައި ﷲ އާ ވަކީލުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ. އަދި މާތް ﷲ ގެ ރަޙްމަތާ މެދު މާޔޫސްވުމަކީ މަގުފުރެދުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއްކަމުގައި ސިފަކުރައްވައި އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ.

"މަގުފުރެދިގެންވާ މީހުން މެނުވީ، އެ މީހެއްގެ ވެރިރަސްކަލާނގެ رحمة އާމެދު، އުންމީދުކަނޑާލާނީ ފަހެ، ކާކުހެއްޔެވެ؟" އަހަރެމެންނަށް އެންމެ ހެޔޮކަންބޮޑު ގޮތް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. އަހަރެމެންނަށް އެކަން ނޭނގިދާނެއެވެ.

އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ.

" އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި الله ހުރިހައި ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ."

މުއުމިނުންނަކީ އެންމެ ބޮޑެތި މުޞީބާތުގެ ވަގުތުތަކުގައި ވެސް، މާތް ﷲ ގެ ރަޙްމަތާއި ލުޔަށް އުއްމީދުކުރާ، އެ މީހުންގެ ހިތްތައް ޔަޤީންކަމުން ފުރިފައިވާ ބައެކެވެ. އަދި މާތް ﷲގެ މަގުގައި ޘާބިތުވެ ހުންނަ މީހަކު މާޔޫސްވެގެން ނުވާނެއެވެ. އޭނާ ޢަމަލުކުރާނީ الله سبحانه وتعالىގެ މި ވަޙީބަސްފުޅާ އެއްގޮތަށެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ رحمةން އުންމީދު ކަނޑައިނުލާށެވެ!"

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސްވުންތަކުން އަޅަމެން ރައްކާތެރިކޮށްދެއްވާނދޭވެ! އިބަރަސްކަލާނގެއީ ދަތިކަމަށްފަހު، ތަނަވަސްކަމަށް މަގުދައްކަވާ ރަސްކަލާނގެއެވެ. - އާމީން

https://etukuri.mv/
tel:+9607331319