
ސްޕޯޓިންގ ލިޒްބަންގެ ކޯޗް ރުބެން އެމޮރިމް
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗަކަށް ދެން އައްޔަންކުރާނީ ކާކު ؟

މުހައްމަދު ޞާދިޤް - 30 އޮކްޓޯބަރު 2024 - 10:02
އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެ ކާމިޔާބު ޓީމުކަމަށް ގިނަބަޔަކު ޤަބޫލކުކުރަމުންއައި މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗްގެ މަޤާމުން އެރިކް ޓެން ހާގް ވަކިކުރި ފަހުން އެމަޤާމާ ދެން ހަވާލުވާނީ ކާކުބާއޭ، މިއީ އެޓީމްގެ ސަޕޯޓަރުންގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުގެ ވަރަށް ބޮޑު ސުވާލެކެވެ.
އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ސަޕޯޓަރުން ހިތްހަމަ ޖެހޭވަރުގެ ނަތީޖާއެއް ނުނެރެވި އެންމެ ފަހުން ކްލަބްގެ ބޯޑުން ނިންމީ ޓެން ހާގް މަޤާމުން ވަކިކުރާށެވެ. ލީގުގައި ވެސްޓްހަމް އަތުން ބަލިވި މެޗާއެކު ތާވަލްގެ ސާދަވަނައަށް ސޮއްސާލުމުން އޭނާ މަޤާމުން ވަކިކޮށް، ވަގުތީ ގޮތުން އެޒިންމާ ޙަވާލުކުރީ އެޓީމްގެ އެސިސްޓެންޓް ކޯޗް ނެސްޓްލް ރޫއީއާއެވެ. އޭގެފަހުން މީޑިއާގައި ދެން ފެތުރެން ފެށްޓީ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗްކަމާ ޙަވާލު ވެދާނެކަމަށް ޤަބޫލުކުރެވޭ ފަރާތްތަކުގެ ނުވަތަ އެޓީމުން ޝޯޓް ލިސްޓް ކޮށްފައިވާ ފަރާތްތަކެއްގެ މަޢުލާމާތެވެ. އޭގެ ތެރޭގައި އިނގިރޭސި ޤައުމީ ޓީމަށް އެންމެފަހުން އިރުޝާދު ދިން ގެރެތް ސައުތުގޭޓާއި، ބާސެލޯނާގެ ކުރީގެ ތަރި އަދި ކޯޗް ޒަވީ ހެނާންޑޭޒްގެ ނަންވެސް ހިމެނެއެވެ. ނަމަވެސްގިނަބަޔަކު ބުނާގޮތުގައި އެޓީމާ ދެން ޙަވާލުވާނީ ޕޯޗްގަލްގެ ސްޕޯޓިންގ ލިޒްބަންގެ ކޯޗް ރުބެން އެމޮރިމްއެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ޓާރގެޓް ލިސްޓްގެ އެންމެ ކުރީގައި އޮތީ އެމޮރިމް ކަމުން ނޫސްވެރިން އަންނަނީ އޭނާއާ ސުވާލުތައް ކުރިމަތި ކުރުވަމުންނެވެ. ސްޕޯޓިންގައި ރަނގަޅު ސީޒަނެއް ކުރިޔަށް ދަނިކޮށް ޓީމް ދޫކޮށް ދިއުމުގެ ވިސްނުން އެބަހުރިތޯ ސުވާލު ކުރެއެވެ. އެންމެ ފަހުން ނޫސްވެރިންނަށް އޭނާ ދިން ޖަވާބަކީ މިވާހަކަތަކާ ގުޅިގެން މިހާތަނަށް އަދި އެއްވެސް ނިންމުމެއް އޭނާ ނިންމާފައި ނުވާކަމަށެވެ.
މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއާލާ ބުނެފައިވަނީ ޔުނައިޓެޑްގެ ލިސްޓްގެ އެންމެ ކުރީގައި އޮތް އެމޮރިއަމްއާއެކު އެޓީމަށް ރަނގަޅު ނަތީޖާތަކެއް ހޯދޭނެ ކަމަށެވެ.
ސްޕޯޓިންގެ ސަޕޯޓަރުން ބުނާގޮތުން މެންޗެސްޓަރ ޔުނައިޓެޑަކީ އެމޮރިމްއަށް އެންމެ ރަނގަޅު ޓީމް ނޫންކަމަށެވެ. ސޕޯޓިންގެ ސަޕޯޓަރުން އެދެނީ އޭނާ އެޓީމްގައި މަޑުކޮށްދިނުމަށެވެ. ނަމަވެސް ކަންވެ ނިމޭނީ އަދި ކިހިނެއްކަމެއް ނޭނގެއެވެ.
ގުޅުން ހުރި ޙަބަރުތައް

މެންޗެސްޓަރ ޔުނިޓެޑް ދައްކުވައިދިނީ އެކަތިގަނޑެއްގެ ގޮތުގައި އޮތްކަން - ޓެން ހާގް
7 މަސް ކުރިން

މެންޗެސްޓަރ ޔުނައިޓެޑުން ކޯޗަކަށް ޒަވީ އައްޔަން ކުރާނެތަ ؟
7 މަސް ކުރިން

މެޗުން ބަލިވީ އިންސާފެއް ނެތް ނިންމުމެއްގެ ސަބަބުން – ޓެން ހާގް
7 މަސް ކުރިން

މެންޗެސްޓަރ ޔުނައިޓެޑްގެ ހެޑް ކޯޗަކަށް ރުބެން އެމޯރިމް
7 މަސް ކުރިން