އަރަބި ކަނޑުގައި ގާއިމްވެފައިވާ އެމެރިކާގެ މަރުކަޒީ އަސްކަރ ކަނޑުގެ ގާފިލާއާ ދެކޮޅަށް، ޔަމަނުގައި ވެރިކަންކުރާ ހޫޘީން ވަރުގަދަ އަސްކަރީ ދެ އޮޕަރޭޝަނެއް ހިންގައިފިއެވެ.
މި ދެ އޮޕަރޭޝަނަށްފަހު ހޫޘީ އަސްކަރިއްޔާއިން ބުނެފައިވަނީ، މި އޮޕަރޭޝަންގައި، އަރަބި ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ ހަނގުރާމަމަތީ މަތިންދާ ބޯޓު އުފުލާ ބިޔަ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަންއަށް ހަމަލާ ދީފައިވާ ކަމަށެވެ.
އަދި ހަމަ އެއާއެކު، އަރަބި ކަނޑުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާ ސިފައިންގެ ހަނގުރާމަމަތީ ދެ މަނަވަރަކަށްވެސް ހަމަލާ ދީފައިވާކަމަށް ހޫޘީން ބުނެފައި ވެއެވެ.
ޔޫއެސްއެސް އަބްރަހަމް ލިންކަންއަކީ، އެމެރިކާގެ ކަނޑުގެ ސިފައިންގެ ފައުޖުގައި ހިމެނޭ އެންމެ ބޮޑެތި، ހަނގުރާމަމަތީ މަނަރުތައް އުފުލާ މަނަވަރުތަކުގެ ތެރޭގައި ހިމެނޭ މަނަވަރެކެވެ.
އެމެރިކާ ސިފައިން ޔަނަމަށް ވައިގެ ހަމަލާތައް ދިނުމަށް ބޭނުންކުރާ އަސްކަރީ މަތިންދާ ބޯޓުތައް އުދުހިގެން އަންނީ ޔޫއެސްއެސް އަބްރަހަމް ލިންކަންއިންނެވެ.
އެމެރިކާ ސިފައިންނާއި އިނގިރޭސި ސިފައިން ގުޅިގެން ޔަމަނަށް ވައިގެ ހަމަލާތައް ދިނުމުގައި މި މަނަވަރު އިސް ދައުރެއް އަދާކުރެއެވެ.
އެހެންކަމުން، ޔޫއެސްއެސް އަބްރަހަމް ލިންކަންއަށް ހުޘީން ހަމަލާދިނީ، ވައިގެ ހަމަލާތަކަށް ހުރަސްއެޅުމުގެގޮތުންނެވެ.
ޔޫއެސްއެސް އަބްރަހަމް ލިންކަންއަށް ހަމަލާދިނުމަށް އެތައް ބެލިސްޓިކް މިސައިލާއި އަދި ހަމަލާދޭ ބާވަތުގެ އެތައް ޑްރޯންވެސް ބޭނުންކޮށްފައިވާނޭ ކަމަށް ހޫޘީން ބުނެފައި ވެއެވެ.
ހޫޘީން ދިން ހަމަލާތަކުގައި ޔޫއެސްއެސް އަބްރަހަމް ލިންކަންއަށާއި، އަދި ހަމަލާދޭ ބާވަތުގެ އެހެން މަނަވަރުތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ. އެކަމާ ގުޅޭގޮތުން އެމެރިކާއިންވެސް އަދި އެއްޗެއް ނުބުނެއެވެ.
އެމެރިކާއާއި އިނގިރޭސީން ގުޅިގެން ޔަމަނަށް ވައިގެ ހަމަލާތައް ދެމުންގެންދަނީ، ޔަމަނު ކައިރިން ރަތްކަނޑު ހުރަސްކޮށް އިސްރާއީލަށް ހަތިޔާރާއި މުދާ ހިފައިގެންދާ އާގު ބޯޓުފަހަރަށް ހަމަލާދީ، ހުރަސްއެޅުމަށް ހޫޘީން ހިންގަމުންގެންދާ އަސްކަރީ އޮޕަރޭޝަންގެ އަސަރު އިސްރާއީލަށް ވަރަށް ބޮޑަށް ކުރަމުންދާތީ ހޫޘީން ހުއްޓުމަށެވެ.
އެކަމަކު، އެމެރިކާއަކަށް އަދި އެކަމެއް ނުކުރެއެވެ. އެހެންވެ، ޔަމަނުގެ ތަންތަނަށް ވައިގެ ހަމަލާތައް ދޭންފެށީ ހުޘީން ގެންގުޅޭ ޒަމާނީ ހަތިޔާރު ފޮރުވާފައި ހުރި ތަންތަނަށް ކަމަށް ބުނެއެވެ.
އެމެރިކާގެ މަނަވަރުތަކަށް ހަމަލާ ދިނުމުގެއިތުރުން، އެމެރިކާއިން ޔަމަނުގެ ވައިގެ ސަރަހައްދުގައި އުދުއްސަމުން ގެންދާ އެންމެ ޒަމާނީ އަދި އަގުބޮޑު އެތައް ޑްރޯންއެއްވެސް ހޫޘީން ގެންދަނީ ހަމަލާދީ ވައްޓާލަމުންނެވެ.