logo

މަސް ބޭރުކުރުމަށް ރާއްޖެއިން ބޮޑު ޓެކްސްއެއް ދައްކަންޖެހުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި

profile

އާމިނަތު ޝަފާ - 10 ޖުލައި 2024 - 22:05

މިނިސްޓަރ ޝިޔާމް

މިނިސްޓަރ ޝިޔާމް

މަސް ބޭރުކުރުމަށް ރާއްޖެއިން ބޮޑު ޓެކްސްއެއް ދައްކަންޖެހުމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެކަން ބަދަލުކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ އދ. ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާ (އެފްއޭއޯ) ގެ މަސްވެރިކަމާބެހޭ ކޮމިޓީގެ 36 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ޖަލްސާގައި ބައިވެރިވުމަކީ، ހަމައެކަނި ވަޒީފާގެ ޒިންމާއެއް ނޫންކަމަށާއި އެއީ ކާބަފައިންނާއި، ވަޠަނުގެ ކަނޑުތަކާ ގުޅިފައިވާ އަމިއްލަ ދަތުރެއްކަމަށެވެ.

ވަޒީރު ވިދާޅުވީ، މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި އެއްތަނބު ކަމަށެވެ. އެގޮތުން މި ސިނާޢަތުގައި ރާއްޖޭގެ މަސައްކަތްތެރިންގެ 11 އިންސައްތަ މީހުން ވަޒީފާ އަދާކުރާއިރު، އެ ސިނާއަތް އަމާނާތްތެރިކަމާއެކު އަންނަން އޮތް ޖީލަށް ފޯރުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ހިމާޔަތް ކުރުމަށް ރާއްޖެއިން މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި ދެމެހެއްޓެނިވި މަސްވެރިކަމެއްކޮށް ދުނިޔެއަށް ރާއްޖެއިން އެކަމުގެ މިސާލު ދައްކުވާފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ރާއްޖެއަށް އެކަނި ނުކުރެވޭނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ރާއްޖެ ފަދަ ކުދި އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މަސްވެރި ސިނާޢަތުގައި ވިޔަފާރި ކުރުމަށް ހުރި ހުރަސްތަކަށްވެސް ވަޒީރުވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ ބައިނަލްއަޤުވާމީ މާކެޓަށް މަހުގެ ބާވަތްތައް ނެރުމުގައި ކުރަންޖެހޭ ޚަރަދުތައް ބޮޑުވުން ކަމަށެވެ. މިއާއެކުވެސް މަސް ޕްރޮސެސްކުރުމަށް ރާއްޖެއިން ރޯމަސް ދުނިޔޭގެ ބާޒާރަށް ނެރެން މަޖުބޫރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ މަހުގެ އަގު އެއްކޮށްގެން ރާއްޖެއިން މަސް ބޭރުކުރުންކަމަށާއި އަދި މި ހާލަތު ބަދަލުކުރަން ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވާފައިވެއެވެ.

tel:+9607331319