logo

މަސްވެރިން ދަފުތަރު ކުރުމުގެ މަސައްކަތް ފުޅާކުރަނީ

profile

އައިޝަތު އިނާޝާ - 13 ސެޕްޓެމްބަރު 2024 - 13:18

ފިޝަރީޒް މިނިސްޓަރ އަޙުމަދު ޝިޔާމް

ފިޝަރީޒް މިނިސްޓަރ އަޙުމަދު ޝިޔާމް

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަސްވެރިން ދަފުތަރު ކުރުމުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި އެ މިނިސްޓްރީގެ ޓީމުތައް އަތޮޅުތަކަށް ފޮނުވަން ފަށައިފިއެވެ.

މި މަސައްކަތަކީ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި މި ހަފުތެރޭގައި މިނިސްޓްރީ ގެ ޓީމުތައް ޅ. ދ. ލ. ގއ. ގދ. އަދި ސ. އަތޮޅުގައި ހަރަކާތްތެރިވާނެއެވެ. އަދި މަސްކިރާ ސަރަހައްދުތަކުގައި މިނިސްޓްރީގެ ޓީމުތައް މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އޭގެ ބޭނުމަކީ ވީހާވެސް ގިނަ މަސްވެރިންނާއި ބައްދަލުކޮށް ކެޔޮޅު އެޕްލިކޭޝަނާއި ދަފުތަރާއި ގުޅޭ މައުލޫމާތު ފޯރުކޮށް ދިނުން ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މަސްވެރިން ދަފުތަރު ކުރަނީ އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކުގައި ބޭނުންކުރެވޭ 'ކެޔޮޅު' އެޕްލިކޭޝަނުންނެވެ. މީގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މަސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ވެސް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނިގޮތުގައި ދަފުތަރު ކުރުމުގެ މަސައްކަތް އަވަސްކުރުމަށް ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ކުރިޔަށްދާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިނިސްޓްރީގެ ޓީމުތައް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީން ހަމާ ކުރިގޮތުގައި ށ. ރ. ގއ. ގދ. އަދި ޏ. އަތޮޅުގައި މަސްވެރިކަން ކުރާ %50 އަށްވުރެ ގިނަ މަސްދޯނި، މަސްވެރިންގެ ދަފުތަރުގައި ވަނީ ރަޖިސްޓަރީ ކުރެވިފައެވެ.

މިނިސްޓްރީގެ އަމާޒަކީ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ ހުރިހާ ދޯންޏަކާއި އެ ދޯނިތަކުގެ ފަޅުވެރިން ދަފުތަރުކޮށް ނިންމުން ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި ދަފުތަރު ކުރެވިފައިވާ މަސްދޯނިތަކާއި ފަޅުވެރިންގެ އަދަދު ފަހުން ހާމަކުރާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

tel:+9607331319