
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަޅަން ނިންމާފައިވާ ނެޓްބޯލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ހުޅުމާލެ ނެޓްބޯލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފި

އާމިނަތު ޝަޒްލާ - 16 ނޮވެމްބަރު 2026 - 11:16
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަޅަން ނިންމާފައިވާ ނެޓްބޯލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.ނެޓްބޯލް ކޮމްޕްލެކްސްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޖިއޯ ވޭވް ޕްރައިވެޓް ލިމިޓެޑާއެވެ.
މިމަސައްކަތް ޖިއޯ ވޭވް އާއި ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލުމަށެވެ.މި ކޮމްޕްލެކްސް ޢިމާރާތްކުރަނީ ހުޅުމާލޭގެ ލޮޓް 11790 (ޗަންބޭލީ މަގާއި ބޯގަންވިލާ މަގާ ދެމެދު) ގައެވެ. ޖުމްލަ 4,658 އަކަމީޓަރު (50,141 އަކަފޫޓު) ގެ ބިމެއްގައި ޢިމާރާތްކުރާ މި ތަނުގެ އުސްމިނުގައި 23.9 މީޓަރު ހުންނާނެއެވެ.
މި ކޮމްޕްލެކްސްގެ މުހިންމު ބައިތައް:ފަސް އިންޑޯ ކޯޓު: ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ 1 މައި ކޮމްޕެޓިޝަން ކޯޓު (ގްރައުންޑް ލެވެލްގައި) އަދި ފަރިތަކުރުންތަކަށް ޚާއްޞަ 4 ޕްރެކްޓިސް ކޯޓު (ގްރައުންޑް އަދި މަތީ ފަންގިފިލާގައި) ހިމެނެއެވެ.
ބަލާ މީހުންނާއި ވީ.އައި.ޕީ ވަސީލަތްތައް: މައި ކޯޓަށް ކުރިމަތިވާގޮތަށް ތައްޔާރުކޮށްފައިވާ ގޮނޑިބަރިތަކާއި، ވީ.އައި.ޕީ ލައުންޖާއި ވީ.އައި.ޕީ ސީޓިންގް، ޓިކެޓް ކައުންޓަރު، ކެފޭ އަދި ނަމާދުކުރާ ކޮޓަރި ހިމެނެއެވެ.ކުޅުންތެރިންނާއި އޮފިޝަލުންގެ ވަސީލަތްތައް: ޓީމުތަކާއި ރެފްރީންގެ ޗޭންޖިންގް ރޫމްތައް، ޖިމް، މެޑިކަލް ރޫމް، ޑޯޕިންގް ޓެސްޓް ފެސިލިޓީ އަދި ލިވިންގް ކުއާޓަރސް ހިމެނެއެވެ.
މީޑިއާ އަދި އިދާރީ ބައިތައް: ބައިނަލްއަޤްވާމީ މުބާރާތްތައް ވަގުތުން ދެއްކުމަށް ޚާއްޞަ މީޑިއާ ބްރޯޑްކާސްޓިންގް ރޫމްތަކާއި، ޓީވީ ކެމެރާ ޕެރިމީޓަރ ޒޯން އަދި އިދާރީ އޮފީސްތައް ހިމެނެއެވެ.
ރާއްޖޭގެ މޫސުމާ ގުޅޭ ޒަމާނީ ޑިޒައިނެއް: ރާއްޖޭގެ މޫސުމަށް ފެތޭގޮތަށް، ވައި ދައުރުވާނެހެން (ކްރޮސް-ވެންޓިލޭޝަން) އަދި އަވިން ހޫނުވުން ކުޑަކުރުމަށް ލޫވަރޑް ޝޭޑިންގް ސްކިން ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ޢިމާރާތެކެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ގާޒީ ސްކޫލް ކުރިމަތީ އޮންނަ ހުސްބިމުގައި ނެޓްބޯލް ކޮމްޕްލެކްސް އެޅުމަށް ބިން ދިނުމަށް، މި މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ އަދި އެޗްޑީސީން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

ސިޓިޒަންޝިޕް ޤާނޫނަށް ބަދަލު ނުގެނެވުމުން ސަރުކާރުން އުޅެނީ އެސްއީޒެޑްގެ ތެރެއިން ރަށްވެހިކަން ދޭން: އިމްރާން
10 ގަޑިއިރު ކުރިން

ރިއަލް އެސްޓޭޓް ބިލަށް ރައްޔިތުންގެ ހިޔާލު ހުށަހަޅަން އަލީ ހުސެއިން ގޮވާލައްވައިފި
11 ގަޑިއިރު ކުރިން

ކަސްޓަމްސް އޮޕަރޭޝަންތަކުގައި ބޮޑީވޯން ކެމެރާ އާއި ސަވައިލަންސް ޑްރޯން ބޭނުންކުރަން ފަށައިފި
12 ގަޑިއިރު ކުރިން

އުމްރާއަށް ގެންދާނެ ކަމަށް ބުނެ ސްކޭމް ހިންގި މައްސަލައިގައި އަސްކޮއި ގްރޫޕަށް ދައުވާކުރަން ފޮނުވައިފި
12 ގަޑިއިރު ކުރިން


