
މިދިޔަ މަހު މިފްކޯއަށް ކިރުވި މަހުގެ އަދަދު 78 މިލިއަން ރުފިޔާ!

ރިޟްވާން މޫސާ - 04 މޭ 2026 - 12:59
އެޕްރީލް މަހު މިފްކޯއަށް ކިރުވި މަހަށް 78 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، މިފްކޯއިން ވިދާޅުވެއްޖެއެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި މިހާރު ދަނީ ފައިސާ ދޫކުރަމުންނެވެ. އަދި މަސްވެރިންނަށް ޚާއްސަ އަގެއްގައި ދަނީ ތެޔޮ ދޫކުރަމުންނެވެ.
މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް "އަސްލު" ނޫހަށް ބުނީ މަސްވެރިން މަހަށް ފުރުވައި ގައުމަށް އާންމުދަނީ ހޯދުމަކީ އަދި މަސްވެރިކަމުގެ އިންޑަސްޓްރީ ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ. އަދި މަސްވެރިންނަށް ބޭނުންވާ ތެޔޮ ނުލިބިގެން އެއްވެސް މަސްދޯންޏެއް މަހަށް ނުފުރިފައި ތިބެން ނުޖެހޭނެ ކަމަށެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަރުކާރުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 1.1 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވެ އެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ، ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މިފްކޯއަށް 1068 ދޯންޏަކުން ވަނީ 4414 ޓަނުގެ މަސް ކިރުވާފައެވެ. އަދި މިފްކޯއަށް ކިރުވާފައިވާ މަހަށް 78،778،405 ( ހަތްދިހަ އަށް މިލިއަން ހަތް ލައްކަ ހަތްދިހަ އަށް ހާސް ހަތަރުސަތޭކަ ފަސް ރުފިޔާ ) ވަނީ ދޫކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ، މިފްކޯ މެދުވެރިކޮށް ތެޔޮ ދޫކުރުމުގައި އުޅަނދުފަހަރުގެ ބޮޑުމިނަށް ބަލައި ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
މިގޮތުން:
85 ފޫޓަށްވުރެ ބޮޑެތި އުޅަނދުފަހަރަށް: 5,000 ލީޓަރު
50 ފޫޓާއި 85 ފޫޓާ ދެމެދުގެ އުޅަނދުފަހަރަށް: 3,000 ލީޓަރު
50 ފޫޓަށްވުރެ ކުދި އުޅަނދުފަހަރަށް: 1,500 ލީޓަރު
މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް ޑީސަލް ލީޓަރެއް 16.54 ރުފިޔާއަށް ލިބޭއިރު، ތިން ޓަނަށްވުރެ ގިނައިން މަސްކިރާ އުޅަނދުތަކަށް ޑީސަލް ލީޓަރެއް ދޫކުރަނީ 16.04 ރުފިޔާގެ ރޭޓުންނެވެ. ނަމަވެސް، އާންމު ފަރާތްތަކަށް މިފްކޯއިން ޑީސަލް ވިއްކާނީ ކުރިއެކޭވެސް އެއްގޮތަށް ލީޓަރެއް 17.54 ރުފިޔާއަށެވެ.
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ތެޔޮ ދޫކޮށްފައިވަނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިންނެވެ.
ގުޅުން ހުރި ޙަބަރުތައް

އޭޝިއާ މީޑިއާ ސަމިޓުގެ ވޯކްޝޮޕްތައް މިމަހު 11ގައި
2 ގަޑިއިރު ކުރިން

ދެޤައުމުގެ މަޖިލީހުގެ މެދުގައި ފަންނީ މައުލޫމާތު ބަދަލުކުރަން މަޝްވަރާކޮށްފި
2 ގަޑިއިރު ކުރިން
ހުރުމުޒް ކަނޑު އޮޅި ސަރަހައްދުން އަނެއްކާވެސް ހަމަލާދީފި!
2 ގަޑިއިރު ކުރިން
އެމެރިކާއިން އޭޝިޔާއަށް ވިއްކާ ގޭހުގެ މިންވަރު އިތުރުވެއްޖެ
2 ގަޑިއިރު ކުރިން


.gif&w=3840&q=75)