logo

މެންދޫ އެއަރޕޯޓާ އެކު ޒަމާންވީ ތަކުލީފްތައް ނިމުމަކަށް އަންނާނެ!

profile

އާމިނަތު ޝަޒްލާ - 07 ޖޫން 2026 - 11:11

ލާމު އަތޮޅުގެ ދެކުނު ސަރަޙައްދަކީ އެކިއެކި ރަށްތައް ވަރަށް ކައިރިކައިރީގައި އޮންނަ ސަރަޙައްދެކެވެ.

https://wamco.com.mv/

މީގެ ތެރޭގައި ހިތަދޫ، ކުނަހަންދޫ، މާމެންދޫ، އަދި މާވަށް ހިމެނެއެވެ.

ވަޒީފާގެ ބޭނުންތަކަށާއި، އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ތަޢުލީމާއި ކުޅިވަރުގެ އިތުރުން އިޖުތިމާޢީ އެކި ކަންކަމުގައި މި ރަށްތަކުގެ ރައްޔިތުން އާންމުކޮށް އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރެއެވެ.

މި ރަށްތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އުމްރާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް މިހާރު ވަނީ ރޭވިފައެވެ. އެގޮތުން، ލާމު އަތޮޅު ހިތަދޫ، މެންދޫ އަދި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއު ތަރައްގީކުރަން ސަރުކާރުން މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.

މިއީ މި ރަށްތަކުގެ މެދުގައި އޮތް ޖިއޮގްރަފީ ގުޅުމާއި އާބާދީ އެއްފަސްވެފައިވާ މުޖުތަމައެއްގެ ގޮތުގައި އޮތުމަށް ދެވޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.

މީގެ އިތުރުން، މެންދޫއަކީ ކުރިމަގުގައި ވައިގެ ދަތުރުފަތުރުގެ މަރުކަޒަކަށް ވެދާނެ ފުރުޞަތު އޮތް ރަށެއް ކަމަށް ބަލައި، އެ ރަށުގައި އެއަރޕޯޓެއް ތަރައްޤީކުރުމާ ގުޅޭގޮތުން "ސްވޮޓް" (SWOT) އެނަލިސިސް އަކާއި ފީޒިބިލިޓީ ދިރާސާއެއް ހެދުމަށް ވަނީ ހުށަހަޅާފައެވެ.

މިއީ އެ ރަށުގައި އެއަރޕޯޓެއް އެޅުމަށް އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި އޮތް ބޮޑު ޝައުގުވެރިކަން ހާމަކޮށްދޭ ކަމެކެވެ.

މި މަޝްރޫޢަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މެންދޫ އޮތް ސަރަހައްދުގެ ގޮތުން އެ ރަށުގައި އެއަރޕޯޓެއް ގާއިމުކުރުމަކީ ލ އަތޮޅުގައި އޮތް ދެ ރިސޯޓާއި ހިތަދޫ، ކުނަހަންދޫ، މާމެންދޫ، އަދި މާވަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ގޮތުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. އެހެންނަމަވެސް، މިކަމާ ގުޅޭގޮތުން މިހާތަނަށް ރަސްމީ އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ.

ލާމު އަތޮޅުގައި ދެވަނަ އެއަރޕޯޓެއް ގާއިމުކުރުމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކުގައި، ދަތުރުފަތުރުގެ ފަސޭހަކަމަށް ބަލައި، އެ އަތޮޅުގެ ދެކުނު ބިތުގެ ރަށްތަކަށް ބޮޑު އިސްކަމެއް ދެވިފައިވެއެވެ.

ދައުލަތުގެ އިސްވެރިން މީގެ ކުރިން ދެއްވާފައިވާ ބަޔާންތަކުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ވައިގެ މަގުން ދަތުރުފަތުރުގެ ހިދުމަތް ރަނގަޅުވުމުގެ ސަބަބުން ހިތަދޫ، ކުނަހަންދޫ އަދި މާވަށަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެހެންނަމަވެސް، މި އެއަރޕޯޓް އަޅާނެ ވަކި ރަށެއް ސަރުކާރުން އަދި ރަސްމީކޮށް އިއުލާނުކުރައްވާފައި ނުވާއިރު، އެކަމާ ގުޅޭ ފީޒިބިލިޓީ ދިރާސާތައް މިހާރުވެސް ދަނީ ކުރިއަށެވެ.

ލާމު އަތޮޅުގައި ދެވަނަ އެއަރޕޯޓެއް އެޅުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާއިރު، އެ އެއަރޕޯޓު އެ އަތޮޅު މެންދޫ ސަރަހައްދުގައި ތަރައްގީކުރުމަށް ގިނަ ރައްޔިތުންތަކެއް ދަނީ ތާއީދުކުރަމުންނެވެ.

މިކަމަށް ތާއީދުކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ހިތަދޫ، މާމެންދޫ އަދި ކުނަހަންދޫ ހިމެނޭހެން މީހުން ދިރިއުޅޭ ބައެއް ރަށްތަކާ އެންމެ ގާތްކޮށް އޮތީ މެންދޫއެވެ. އެހެންކަމުން، އެ ސަރަހައްދުގައި އެއަރޕޯޓު ތަރައްގީކުރުމަކީ ގިނަ އަދަދެއްގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ލިބި، އާއްމު ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން، އެ ސަރަހައްދުގައި އޮތް ފަތުރުވެރިކަމުގެ މަޝްރޫއުތަކަށާއި ރިސޯޓުތަކަށް، ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވުމުން ބޮޑެތި ފައިދާތަކެއް ކުރާނެއެވެ.

އެ ފަރާތްތަކުން ދެކޭގޮތުގައި، މަރުކަޒީ ސަރަހައްދެއްގައި އެއަރޕޯޓެއް ގާއިމުކުރުމަކީ މުޅި ސަރަހައްދުގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ވިޔަފާރީގެ އައު ފުރުސަތުތައް ފަހިކުރުމަށާއި، އިގްތިސާދީ ކުރިއެރުމަށް މަގުފަހިވާނެ ކަމެކެވެ.

މެންދޫގައި އެއަރޕޯޓު އެޅުމަށް ތާއީދުކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ގިނަ ރަށްތަކަކާ ކައިރި ހިސާބެއްގައި އެއަރޕޯޓު ގާއިމުކުރުމުން، ދަތުރުވެރިން އެއަރޕޯޓަށް ދިއުމަށްޓަކައި ކުރަންޖެހޭ ދިގު ދަތުރުތައް ކުރުވެ، ހޭދަވާ ވަގުތު ވަރަށް ބޮޑަށް ސަލާމަތް ކުރެވޭނެއެވެ.

ކަނޑުގެ ހާލަތަށް ބަލައި، ލޯންޗުގައި ގާތްގަނޑަކަށް 20 މިނެޓުން ބައެއް ރަށްރަށަށް ދެވޭތީ، މިއީ ގުދުރަތީ ގޮތުން ގުޅިފައިވާ އެއް ސަރަހައްދެކެވެ.

މާވަށުގައި އެއަރޕޯޓެއް އަޅައިފިނަމަ، ތިން ރަށުގެ ރައްޔިތުން މާވަށަށް ދިއުމަށް 20 މިނެޓް ހޭދަވެ އެދަތުރަށް ބޮޑު ހަރަދެއް ކުރަން ޖެހެއެވެ.

މެންދޫގައި އެއަރޕޯޓެއް ގާއިމްކުރެވިގެން ދިއުމާއެކު މިހާރު ލ. އަތޮޅުގައި އޮތް ހަމައެކަނި އެއަރޕޯޓް ކަމަށްވާ ކައްދޫ އެއަރޕޯޓަށް މާވަށުގެ ރައްޔިތުން 45 މިނެޓުން ކުރާ ދަތުރު 20 މިނެޓަށް ކުޑަވެގެންދާނެއެވެ.

މިއީ މާވަށާއި ދެން ކައިރީގައި އޮތް ތިން ރަށް ކަމަށްވާ ހިތަދޫ އާއި ކުނަހަންދޫ އާއި މާމެންދޫގެ އިތުރުން ލާމު އަތޮޅުގައި އޮތް ދެ ރިސޯޓް ކަމަށްވާ ރަހާ ރިސޯޓާއި ސިކްސް ސެންސަސް ލާމު ރިސޯޓްގެ ފަތުރުވެރިންނާއި މުވައްޒަފުން އަދި ދެން އޮތް ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ފަސޭހައެކެވެ.

މި މައްސަލައިގައި، މާވަށް ހިމެނޭހެން އެއަރޕޯޓް އެޅުމަށް ހުށަހެޅިފައިވާ އެހެނިހެން ރަށްރަށަށް ތާއީދުކުރާ ފަރާތްތަކުން ވެސް ދަނީ، އެ ރަށްރަށުގައި އެއަރޕޯޓް އެޅުމުން ލިބޭނެ ތަރައްޤީގެ ފުރުޞަތުތަކާއި ސަރަޙައްދީ ކުރިއެރުމާ ގުޅޭގޮތުން ވަކާލާތު ކުރަމުންނެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ކުރަމުންދާއިރު، ލާމު އަތޮޅުގެ މުސްތަޤުބަލަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިކަމާ މެދު އަތޮޅުގެ ރައްޔިތުން ދަނީ ތަފާތު ޚިޔާލުތައް ފާޅުކުރަމުންނެވެ.

މިހާތަނަށް އެއަރޕޯޓް އަޅާނެ ވަކި ތަނެއް ނިންމައި އަދި ރަސްމީކޮށް އިޢުލާނުކޮށްފައި ނުވާއިރު، މިފަދަ ނިންމުމެއް ނިންމުމުގެ ކުރިން ފަންނީ، ތިމާވެށި، އިޤްތިޞާދީ އަދި އިޖުތިމާޢީ ގިނަ ކަންތައްތަކަކަށް ކަމާބެހޭ އިދާރާތަކުން ރިޢާޔަތްކުރަން ޖެހޭނެއެވެ.

ލާމު އަތޮޅުގައި ތަރައްގީކުރުމަށް ހުށަހެޅިފައިވާ އެއަރޕޯޓް މަޝްރޫއުގެ ކުރިމަގާ ގުޅޭގޮތުން އިތުރު ތަފްސީލެއް ލިބޭނެ ދުވަހަކަށް އެ އަތޮޅުގެ ރައްޔިތުން އިންތިޒާރު ކުރަމުންދާއިރު، މިކަމާ ގުޅޭ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށެވެ.

ލާމު އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންގެ އުއްމީދަކީ އެއަތޮޅު މެންދޫގައި އެއަރޕޯޓެއް އަޅައި އޭގެ ނަފާ މުޅިއަތޮޅަށް އަވަސް މުސްތަކުގަލެއްގައި ލިބިގެން ދިއުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk