logo

ޔަމަނުގައި އަލުން ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު އދ. އިން ދީފި

profile

އާމިނަތު ޝަޒްލާ - 08 އޯގަސްޓު 2026 - 14:07

ޔަމަނުގެ މަސްރަޙު މިހާރު އޮތް ގޮތުން، އެ ޤައުމުގައި އަލުން ބޮޑު އަހުލީ ހަނގުރާމައެއް ފެށިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް އެކުވެރި ދައުލަތްތައް (އދ) އިން އިންޒާރު ދީފިއެވެ.

https://wamco.com.mv/

މި ނުރައްކާތެރިކަން ބޮޑުވެފައިވަނީ ޔަމަނުގެ ހަތިޔާރުއެޅި ޙޫޘީ ޖަމާޢަތުން އެ ޤައުމުގެ އެކި ސަރަޙައްދުތަކަށާއި ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުތަކަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރުމާ ގުޅިގެންނެވެ.

އދ. އިން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ހާންސް ގްރުންބައި ވިދާޅުވީ، ޔަމަނުގެ މައުރިބާއި ޙަޟްރަމަވްތުގެ އިތުރުން ރަތް ކަނޑާއި ޢަދަން ކަނޑުގައި ދަތުރުކުރާ އާގުބޯޓުފަހަރަށް އަމާޒުކޮށް ޙޫޘީން ދެމުންދާ ހަމަލާތަކަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. މިއީ 2022 ވަނަ އަހަރުގެ އެޕްރީލު މަހު އދ. މެދުވެރިވެގެން އެކުލަވައިލި ޞުލްޙައިގެ އެއްބަސްވުމަށްފަހު، މިފަދަ ނުރައްކާތެރި ޙާލަތަކަށް މަސްރަޙު ބަދަލުވި ފުރަތަމަ ފަހަރުކަން އޭނާ ފާހަގަކުރެއްވިއެވެ. ގްރުންބައި ވަނީ ހަނގުރާމަ ފުޅާވިޔަ ނުދިނުމަށްޓަކައި ހުރިހާ ފަރާތްތަކަކުން އެކުގައި މަސައްކަތްކޮށް، ހަމަލާތައް ވަގުތުން މެދުކަނޑައިލުމަށް އިލްތިމާސް ކުރައްވާފައެވެ.

ޙޫޘީންގެ އެންމެ ފަހުގެ ހަމަލާތައް އަމާޒުވެފައިވަނީ، ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ ގިނަ ބަޔަކު ދިރިއުޅެމުންދާ މައުރިބުގެ 'ޞަޙްނު އަލް-ޖިންނަ' ރެފިއުޖީ ކޭމްޕަށެވެ. ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ބޭނުންކޮށްގެން ދިން މި ހަމަލާގައި ދެ މީހުން މަރުވެ، 14 މީހަކު ޒަޚަމުވެފައިވާ ކަމަށް ޔަމަންގެ ނޫސް އޭޖެންސީން ރިޕޯޓުކުރެއެވެ. ޙޫޘީން ބުނާ ގޮތުގައި މި ހަމަލާއަކީ ސަޢޫދީ ޢަރަބިއްޔާގެ މަދަދު ލިބޭ ޔަމަނުގެ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާއެކެވެ. މީގެ އިތުރުން، އޭގެ އެއް ދުވަސް ކުރިން ޙޫޘީން ދިން ހަމަލާއެއްގައި ޔަމަންގެ އަސްކަރީ މަރުކަޒަކުން 30 ސިފައިން ވަނީ މަރުވެފައެވެ.

މި ހަމަލާތަކާ ގުޅިގެން ޔަމަނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ޙޫޘީންގެ އަސްކަރީ އަމާޒުތަކަށް ރައްދު ހަމަލާ ދޭން ފަށާފައިވާ ކަމަށެވެ. އަދި ޙޫޘީންގެ ހަމަލާތައް ހުއްޓާނުލައި ފުޅާކުރާ ނަމަ، ރައްދުގައި ދޭ ހަމަލާތައް މިހާރަށްވުރެ ވަރުގަދަކުރާނެ ކަމުގެ އިންޒާރުވެސް އަސްކަރިއްޔާއިން ވަނީ ދީފައެވެ.

ޔަމަނުގެ މަސްރަޙު ނުތަނަވަސްވަމުންދާތީ އދ. ގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ ފުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މަޖިލީހުން ބުނީ، މިފަދަ ހަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ކަނޑު ދަތުރުފަތުރުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް އެޅި ނުރައްކާވަމުންދާ ކަމަށެވެ. އެހެންކަމުން، ހުރިހާ ހަމަލާތަކެއް ވަގުތުން ހުއްޓައިލުމަށާއި، މައްސަލަތައް ޙައްލުކުރުމަށް މަޝްވަރާގެ މަގު އިޚުތިޔާރުކުރުމަށް ސަލާމަތީ މަޖިލީހުން ވަނީ ޙޫޘީންނަށް ގޮވައިލާފައެވެ.

https://wamco.com.mv/
tel:+9607331319