logo

ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ބީއެމްއެލް އަށް ލިބިއްޖެ

profile

މުޙައްމަދު ފަޟްލޫން - 09 އޮކްޓޯބަރު 2026 - 04:29

މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 1.93 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

https://wamco.com.mv/

މި ހިނގާ 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ބީއެމްއެލް އިން އާންމުކޮށްފައިވާއިރު، މިއީ އެ ބޭންކުގެ ދިގު ތާރީހުގައި ވެސް 9 މަސްދުވަހުގެ ތެރޭގައި މިހާ ބޮޑު ފައިދާއެއް ހާސިލުކުރެވުނު ފުރަތަމަ ފަހަރެވެ.

މި އަދަދަކީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 26 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

ބީއެމްއެލްގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 647.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު 36 އިންސައްތައިގެ އިތުރުވުމެކެވެ.

ބޭންކުން އާންމުކުރި ހިސާބުތަކަށް ބަލާއިރު، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ލޯނު ދޫކުރި މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު އަލަށް ދޫކުރި ލޯނުގެ ޖުމްލަ އަދަދު 12.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރު މުޅިއެކު ދޫކުރި ޖުމްލަ ލޯނަށްވުރެވެސް މަތީ އަދަދެކެވެ.

މީގެއިތުރުން ކަސްޓަމަރުންގެ އިތުބާރު ބޮޑުވެ، ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓްތަކުގެ އަދަދު މިހާރު ވަނީ 42.36 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.

މާލީ ހަމަޖެހުމާއި ރައްކާތެރިކަމުގެ ގޮތުން ބަލާއިރު، ބޭންކުގެ ރައުސްމާލުގެ ފުދުންތެރިކަން ދައްކުވައިދޭ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ހުރީ 38 އިންސައްތައިގައެވެ.

މިއީ ރެގިއުލޭޓަރީ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑު ކަމުގައިވާ 12 އިންސައްތައާ އަޅައިބަލާއިރު ތިން ގުނަ މަތީ އަދަދެކެވެ. އަދި ނުރައްކާ ބޮޑު (ސްޓޭޖް 3) ލޯނު ރޭޝިއޯ ވަނީ 4.8 އިންސައްތައަށް ދަށްކުރެވި، ބޭންކުގެ އެސެޓްތަކުގެ ފެންވަރު އިތުރަށް ވަރުގަދަކުރެވިފައެވެ.

ދުނިޔޭގެ މާލީ ބާޒާރުގައި ޑޮލަރު ހޯދުމުގެ ހޭދަ ބޮޑުވެ، މެދުއިރުމަތީގެ ހަނގުރާމައާއި ޖިއޯޕޮލިޓިކަލް އެކި ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، ރާއްޖޭގެ އިގްތިސާދަށް ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބީއެމްއެލް އިން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.

އަހަރުގެ މިހާތަނަށް 373,600 އަށްވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް ރާއްޖެއިން ބޭރަށް 2.86 ބިލިއަން ޑޮލަރު ވަނީ ފޮނުވާފައެވެ.

ދިވެހި ރުފިޔާއަށް ބަދަލުކޮށް ކަސްޓަމަރުންނަށް 722.1 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާއިރު، މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80.2 މިލިއަން ޑޮލަރެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، 2026 ވަނަ އަހަރަކީ ބޭންކުގެ ދިގު ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބު އަހަރަށް ވެގެންދާނެ ކަމަށެވެ.

ސެޕްޓެންބަރު މަހަކީ އަބަދުވެސް ބޭރު ފައިސާ ލިބުން އެންމެ ދަށް މަސް ކަމުގައިވީ ނަމަވެސް، ބޭންކުން ފައިސާގެ ވަސީލަތްތައް މެނޭޖްކުރަމުން ދަނީ ޒިންމާދާރުކަމާއެކު ދިވެހި އާއިލާތަކަށާއި ވިޔަފާރިތަކުގެ އަސާސީ ބޭނުންތަކަށް އިސްކަންދީގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ އައު ސީޒަން ފެށި، އަހަރުގެ ފަހު ކުއާޓަރާ ބޭންކުން ކުރިމަތިލާއިރު ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވެ، މުޅި އަހަރުގެ މާލީ ނަތީޖާ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބީއެމްއެލް އިން އުއްމީދު ކުރެއެވެ.

https://wamco.com.mv/
tel:+9607331319