logo

މެލޭޝިޔާ އެކްސިޑެންޓާއި ގުޅިގެން ޑްރައިވަރުގެ މައްޗަށް 3 ދައުވާ އުފުލައިފި

profile

މުޙައްމަދު ފަޟްލޫން - 09 އޮކްޓޯބަރު 2026 - 12:22

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެ، އިތުރު ދަރިވަރަކަށް އަނިޔާވި މައްސަލައިގައި އީ ހެއިލިންގް ޑްރައިވަރެއްގެ މައްޗަށް ތިން ދައުވާއެއް އުފުލައިފިއެވެ.

https://wamco.com.mv/

މި މައްސަލައިގައި ދައުވާ ލިބޭ އުމުރުން 37 އަހަރުގެ މުޙައްމަދު ޝަފީޤު އިބްރާހީމް، 8 އޮކްޓޫބަރު 2024 ގައި ޝާހް އާލަމް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާ ވަނީ މި ތިން ދައުވާއަށް ވެސް އިންކާރުކޮށްފައެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި، ދިވެހި ދަރިވަރު އާމިނަތު އިމިލީ ނާޒިމްގެ މަރަށް ޒިންމާވާންޖެހުމާއި، އިތުރު ފަސިންޖަރަކަށް އަނިޔާވުމަށް މެދުވެރިވުމުގެ އިތުރުން ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ދައުވާ ހިމެނެއެވެ. މީގެ ތެރެއިން ފުރަތަމަ ދެ ދައުވާ އުފުލާފައިވަނީ އެކްސިޑެންޓް ހިނގި ވަގުތު އޭނާ މެތަމްފެޓަމިން ބޭނުންކޮށްގެން މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތުކުރެވޭތީއެވެ. އަދި ތިންވަނަ ދައުވާއަކީ ނުރައްކާތެރިކޮށް ކާރު ދުއްވުމާ ގުޅިގެން ކޮށްފައިވާ ދައުވާއެކެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ 8:40 ހާއިރު، ދަމަންސާރާ ޕުޗޯންގް އެކްސްޕްރެސްވޭގެ ޕީ.ޖޭ.އެސް ޓޯލް ޕްލާޒާ ކައިރީގައެވެ. އޭނާ ދުއްވި ޕެރޮޑުއާ އެޓީވާ މަރުކާގެ ކާރު ކޮންޓްރޯލުން ނެއްޓި އެހެން ކާރެއްގައި ޖެހި ހިނގި މި އެކްސިޑެންޓުގައި، ނިޔާވި ދަރިވަރު ކާރުގެ ތެރޭގައި ތާށިވެފައިވާއިރު، އޭނާ ނިޔާވީ ހާދިސާ ހިނގި ތަނަށް ކަމަށް މައުލޫމާތު ލިބެއެވެ.

ކޯޓުން އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލާފައިވަނީ 9،000 މެލޭޝިއަން ރިންގިޓްގެ ކަފާލާތެއްގައެވެ. އަދި ޝަރީއަތް ނިމެންދެން އޭނާގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ކުރިއަށް އޮތް އަޑުއެހުން ތާވަލުކޮށްފައިވަނީ 4 ޑިސެމްބަރު 2024 އަށެވެ.

މި ދައުވާތައް ސާބިތުވެއްޖެނަމަ، ފުރަތަމަ ދައުވާއަށް އެކަނިވެސް 15 އަހަރުގެ ޖަލު ހުކުމެއް އައުމުގެ އިތުރުން، 50،000 އާއި 100،000 ރިންގިޓާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި އެހެން ދައުވާތަކާ ގުޅިގެންވެސް، މެލޭޝިއާގެ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އިތުރު އަދަބުތައް ކަނޑައެޅިގެންދާނެއެވެ.

ތުހުމަތު ރައްދުވާ ފަރާތުން މި ހުރިހާ ދައުވާތަކަށް އިންކާރުކޮށްފައިވާއިރު، މައްސަލައިގެ ޝަރީއަތް އަދިވެސް ކޯޓުގައި ދަނީ ކުރިއަށެވެ.

https://wamco.com.mv/
tel:+9607331319