
މަގުމަތީގެ ރައްކާތެރިކަމަށް މާލެ ސަރަހައްދުގައި ޚާއްޞަ ޓްރެފިކް އޮޕަރޭޝަނެއް!

އާމިނަތު ޝަޒްލާ - 09 އޮކްޓޯބަރު 2026 - 09:21
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޓްރެފިކް ޤަވާއިދުތަކަށް ބޯލެނބުމަށް ބާރުއެޅުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން، ރޭގެ ވަގުތެއްގައި މާލެ ސަރަހައްދުގައި ޚާއްޞަ ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ.
މި އޮޕަރޭޝަނަކީ ފަހަކަށް އައިސް މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އިތުރުވެ، މަގުމަތީގެ އަމާންކަން ގެއްލެމުންދާތީ، އެކަން ހައްލުކުރުމަށްޓަކައި ފުލުހުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ.
ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، މި އޮޕަރޭޝަންގެ މައިގަނޑު ބޭނުމަކީ ތަކުރާރުކޮށް ޓްރެފިކް ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ހައްލުކުރުމާއި، ޤަވާއިދަށް ނުކިޔަމަންތެރިވާ އުޅަނދު ދުއްވާ ފަރާތްތަކާ މެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމެވެ. އަދި މީގެ އެންމެ ބޮޑު އަމާޒަކީ މަގުމަތި ބޭނުންކުރާ ދުއްވާ މީހުންނާއި ހިނގާ މީހުން ހިމެނޭހެން، އެންމެހައި ރައްޔިތުންނަށް ރައްކާތެރި އަދި އަމާން މާޙައުލެއް ޤާއިމުކޮށްދިނުމެވެ.
ރޭ ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި މާލެއާއި ހުޅުމާލޭގެ ކަނޑައެޅުނު ޚާއްޞަ ޕޮއިންޓްތަކެއްގައި ވެހިކަލްތައް ބަލައިފާސްކޮށް، ޓްރެފިކް ޤަވާއިދުތަކާ ޚިލާފުވި ގިނަ ފަރާތްތަކަކަށް ވަނީ ނަސޭހަތްދީ އަދި ޤާނޫނީ ފިޔަވަޅު އަޅާފައެވެ. އޭގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި، ބާރު ސްޕީޑުގައި ދުއްވުމުގެ އިތުރުން ސަލާމަތީ މިންގަނޑުތަކަށް ނުފެތޭ ގޮތަށް ދުއްވި އުޅަނދުތައް ހިމެނެއެވެ.
ފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް މާލެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި އަގުހުރި އެތައް ފުރާނައެއް ގެއްލި، ބޮޑެތި ޒަޚަމްތަކެއް ދަނީ ލިބެމުންނެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޓްރެފިކް ޤަވާއިދުތައް ތަންފީޒުކުރުން ހަރުދަނާކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް އަންގަވާފައެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، މަގުމައްޗަކީ އެންމެންނަށް އަމާން ތަނަކަށް ހެދުމަށްޓަކައި، ކޮންމެ ފަރުދަކުވެސް ޒިންމާދާރުކަމާއެކު ދުއްވުމަށާއި، ޓްރެފިކްގެ ޤަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށްޓަކައި މިފަދަ ޚާއްޞަ އޮޕަރޭޝަންތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

“ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް” ކޯހުގެ ތިން ވަނަ ބެޗް ދަސްވެނިވެއްޖެ
34 މިނިޓު ކުރިން
.webp&w=3840&q=75)
މެލޭޝިޔާ އެކްސިޑެންޓާއި ގުޅިގެން ޑްރައިވަރުގެ މައްޗަށް 3 ދައުވާ އުފުލައިފި
36 މިނިޓު ކުރިން

ޑިޕްރެޝަން ތަހައްމަލުކުރާ މީހުން ރާއްޖޭގައި ނިސްބަތުން ގިނަ: ހެލްތު މިނިސްޓްރީ
36 މިނިޓު ކުރިން

ޕޮލިޓެކްނިކްގެ ދަސްވެނިވުން: 55 ކޯހަކުން ގިނަ ދަރިވަރުންތަކެއް ދަސްވެނިވެއްޖެ
4 ގަޑިއިރު ކުރިން


