އިތުރު ބަރު ހަތިޔާރާއި ސިފައިން ވައްދައި ޖެނީން އުދުވާނު އިތުރަށް ފުޅާކޮށް، 2،000 އަށްވުރެ ގިނަމީހުން މަގުމަތިކޮށްފި
ސައިފް އަޒުހަރު - 22 ޖެނުއަރީ 2025 - 14:15
އިތުރު ބަރު ހަތިޔާރާއި ސިފައިންގެ ފައުޖުތައް ޖެނީންއަށް ވައްދައި، އިސްތިއުމާރީ ބާރުން ޖެނީންގައި ހިންގަމުންގެންދާ ލާއިންސާނީ ޖަރީމާތައް އިތުރަށް ފުޅާކޮށްފިއެވެ.
ޖެނީން ސިޓީއާއި، އެ ސިޓީގެ މެދުތެރޭގައި ގާއިމްކޮށްފައިވާ ޖެނީން ރެފިއުޖީ ކޭމްޕަށް އިސްތިއުމާރީ ބާރުން ވަދެގަނެ އިއްޔެއިން ފެށިގެން ގެންދަނީ ހަމަލާތައް ދެމުންނެވެ.
އެގޮތުން، ބަޑިޖަހައި މިހާތަނަށް 10 މީހުން ޝަހީދު ކޮށްލާފައި ވާއިރު، އިތުރު އެތައް ބަޔަކު ޒަޚަމް ކޮށްލާފައި ވެއެވެ.
ޒަޚަމްކޮށްލާފައިވާ މީހުން ހޮސްޕިޓަލްތަށް ގެންދިއުމަށް ހުރަސްއަޅައި އަދި އެމްބިއުލެންސްތަކަށްވެސް ގެންދަނީ ހުރަސްއަޅަމުންނެވެ.
ބުލްޑޯޒަރުތައް ވައްދައިގެން ޖެނީން ސިޓީއާއި، ޖެނީން ރެފިއުޖީ ކޭމްޕްގެ މުހިންމު އެތައް މަގުތަކެއް، ތާރުގަނޑާއެކު ކަހައި ހަލާކު ކުރުމުގެ ސަބަބުން އެމްބިއުލެންސާއި އަދި ވެހިކަލްތަކުގެ ދަތުރުތައްވެސް ވަނީ ހުއްޓިފައެވެ.
މިއަދުވަނީ، ޖެނީން ގަވަރމަންޓް ހޮސްޕިޓަލް ވަށައިގެން ހުރި މަގުތައްވެސް ބުލްޑޯޒަރުން ހަލާކުކޮށް ސުންނާފަތި ކޮށްލާފައެވެ.
މަގުތައް ހަލާކުކުރުމުގެ އިތުރުން، ގެތަކާއި ބައެއް އިމާރާތްތައްވެސް ހަލާކުކުރަމުން އެބަގެންދެއެވެ.
ރަށުތެރެއަށް ވަދެގަނެ ހަމަލާތައްދީ، އިއްޔެއިން ފެށިގެން އެތައް ޒުވާނުން ހައްޔަރުކޮށްފައިވާ ކަމަށްވެސް، ފަލަސްތީނު މީޑިއާއިން ރިޕޯޓް ކުރެއެވެ. އަދި މިހާރުވެސް ގެންދަނީ ހައްޔަރު ކުރަމުންނެވެ.
އިސްތިއުމާރީ ބާރުން ޖެނީން ސިޓީއާއި، ޖެނީން ރެފިއުޖީ ކޭމްޕްގައި އިއްޔެއިން ފެށިގެން ހިންގަމުންގެންދާ އުދުވާނުތަކުގައި ގެދޮރު ހަލާކުވުމުގެ ސަބަބުން މިހާތަނަށް 2،000 އަށްވުރެ ގިނަމީހުން މަގުމަތިވެ ހާލުގައި ޖެހިފައިވާ ކަމަށް، އދގެ ރެފިއުޖީ އޭޖެންސީން ބުނެފައި ވެއެވެ.
ޖެނީންގެ އިތުރުން، ހުޅަނގު އައްސޭރީގެ ހަބްރޫންއަށްވެސް މީހުން ވަނަނުދީ، ބޮޑެތި އުދުވާނުތައް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަބްރޫންގައި ޔަހޫދީ ވަޒަންވެރިންވެސް ރަށުތެރެއަށް ނުކުމެ ހަމަލާދީ އެތައް އާންމުން ޒަޚަމް ކޮށްލާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ހުޅަނގު އައްސޭރީގެ ހުރިހާ ރަށަކުންވެސް، އުމުރުން 20 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުން ހައްޔަރުކުރަމުން ގެންދާ ކަމަށާއި، ރޭގައި އެކަނިވެސް 50 ޒުވާނުން ހައްޔަރުކުރި ކަމަށް، ފަލަސްތީނު ސަރުކާރުގެ ރަސްމީ ނޫސް އޭޖެންސީން ބުނެފައި ވެއެވެ.
މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނަނީ، އިސްރާއީލުން ޖެނީން އަދި ހުޅަނގު އައްސޭރީގައި އުދުވާނުތައް ފުޅާކޮށް މީހުން ހައްޔަރުކުރަމުން މި ގެންދަނީ، ޣައްޒާގައި ހަމަލާތައް ހުއްޓާލަން އެއްބަސްވެ ފުރަތަމަ ދުވަހު ފަލަސްތީނުގެ 90 އަސީރުން މިނިވަންކުރަން އިސްރާއީލަށް މަޖުބޫރުވުމުން އޭގެ ބަދަލުހިފުމުގެ ގޮތުން ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
ރައީސް ސޯލިހް ދެއްވީ ރާއްޖެ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން!
2 އަހަރު ކުރިން
ދިވެހިންގެ އެހީގައި އަޅާ ފުރަތަމަ މިސްކިތް ފަލަސްތީނުގައި!
2 އަހަރު ކުރިން
ފަލަސްޠީނުގެ ތިން މީހަކު ޝަހީދުކޮށްލައިފި
2 އަހަރު ކުރިން
ޖިނީނަށް އަރައި 37 އަހަރުގެ މީހަކު ޝަހީދުކޮށްލައިފި
2 އަހަރު ކުރިން