
"ތެދުމަގު ހޯދަން މަސައްކަތް ކުރާށެވެ"

މުހައްމަދު މުޝްރިފް - 19 އޮކްޓޯބަރު 2025 - 03:35
ތެދުމަގު ހޯދަން މަސައްކަތްކުރުމަކީ އިސްލާމްދީނުގެ އެންމެ މުހިންމު އެއް މެސެޖެވެ. ކޮންމެ މުއުމިނަކަށްވެސް الله އަންގަވާފައިވަނީ ސީދާ މަގު (އައްޞިރާޠުލް މުސްޠަޤީމް)، الله ގެ ރުހިވޮޑިގަތުމާއި ދާއިމީ ކާމިޔާބީއަށް ވާޞިލްވާ މަގު ހޯދައި، ތަބާވެ، ސާބިތުވެ ހުރުމަށެވެ.
ސޫރަތުލް ފާތިޙާގެ 6 ވަނަ އާޔަތުގައި الله އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވަނީ "އަޅަމެންނަށް ސީދާވެގެންވާ ތެދު މަގަށް މަގުދައްކަވައިދޭވެ!" އަދި 7 ވަނަ އާޔަތުގައި އިތުރަށް ބަޔާންކޮށްދެއްވަނީ އެއީ ކޮންބައެއްކަމެވެ. އެ އާޔަތުގެ މާނައިގައި ވަނީ "(އެއީ) އެއުރެންނަށް އިބަރަސްކަލާނގެ ނިޢުމަތް ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ."
ނަމާދުގެ ކޮންމެ ރަކްޢަތެއްގައި އަޅުގަނޑުމެން ކިޔަވާ މި އާޔަތުން އެނގޭ ގޮތުގައި މުސްލިމުންގެ ގޮތުގައި ދެމިތިބުމަށް އަޅުގަނޑުމެން މެދުނުކެނޑި ﷲ ގެ ހަޟްރަތުން ހިދާޔަތަށް އެދެންޖެހޭ، ސަބަބަކީ އީމާންކަމަކީ ބަދަލުވާ އެއްޗެއްކަމާއި އަބަދު އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަ އެއްޗެއް ނޫން ކަމެވެ. އަދި އެއީ އެއްފަހަރު ލިބޭ ކާމިޔާބީއެއް ނޫންނެވެ. އެއީ މުޅި އުމުރަށް ކުރާ ދަތުރެކެވެ. ޢުމުރުގެ އެކި ދުވަސްވަރުގައި އީމާންކަން ހުންނާނީ އެކި ވަރަށެވެ.
ސޫރަތުލް އަންޢާމްގެ 153ވަނ އާޔަތުގައި ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. "އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން ތަބަޢަ ވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން ތަބަޢަ ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ ވަޞިއްޔަތް ކުރެއްވީ، ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ."
މިތަނުގައި الله ތަޢާލާ އަޅުގަނޑުމެންނަށް އިންޒާރު ދެއްވަނީ، މަގުފުރެދިފައިވާ އެތައް މަގުތަކެއް ވާކަމެވެ. އެމަގުތަކުގެ ތެރޭގައި ހިމެނެނީ ދަހިވެތިކަމާއި، ބޮޑާކަމާއި، އަނިޔާވެރިކަމާއި، ކުފުރުގެ މަގުތަކެވެ. ނަމަވެސް އެކަލާނގެއާ ހަމައަށް ވާޞިލްވާން އޮންނަނީ ހަމައެކަނި އެއް ޙައްޤު މަގެވެ.
ރަސޫލާ ﷺ އެކަލޭގެފާނުގެ ޙަޔާތުގައި އަޅުގަނޑުމެންނަށް ދައްކަވައިދެއްވީ، ޙައްޤު މަގު ހޯދައި، އެމަގުގައި ދެމިތިބޭނެ ގޮތެވެ. އެކަލޭގެފާނުގެ ރަސޫލުކަމުގެ ކުރިން ދިރިއުޅުއްވީ ބުދުތަކަށް އަޅުކަންކޮށް، އަނިޔާވެރިވެ، ނިކަމެތިންނަށް އިހުމާލުވާ މީހުންގެ ތެރޭގައެވެ. އެހެނަސް ރަސޫލާ ﷺ އަބަދުވެސް އިޚްތިޔާރު ކުރެއްވީ ތެދުވެރިކަމާއި އަމާނާތްތެރިކަމެވެ.
އެކަލޭގެފާނު ޙިރާފަރުބަދައިގެ ހޮހަޅައިގައި އިންނަވާ ވިސްނާ ފިކުރުކޮށް، الله އަށް ހިދާޔަތަށް އެދި ދުޢާކުރަމުން ގެންދވިއެވެ. މިގޮތަށް އިންނެވި ވަގުތެއްގައި الله ތަޢާލާ ޤުރުއާނުގެ ފުރަތަމަ އާޔަތްތައް ރަސޫލާ ﷺ އަށް ބަޔާންކޮށްދެއްވިއެވެ. الله ވަހީކުރެއްވިއެވެ. "އިޤްރައު" (ކިޔެވާށެވެ!). މި އާޔަތްތައް ބާވައިލެއްވީ، އެކަލޭގެފާނަށް ޙަޤީޤަތް ބަޔާންކޮށްދެއްވާ، އިންސާނުންނާއި ޖިންނީންނަށް ސިދާވެގެންވާ ތެދުމަގަށް މަގުދެއްކެވުމުގެ ބުރަ މަސްޢޫލިއްޔަތު އެކަލޭގެފާނާއި މަތިކުރެއްވުމަށެވެ.
މިކަމުން އަޅުގަނޑުމެންނަށް އެނގިގެންދަނީ ތެދުމަގު ހޯދުމުގެ މަސައްކަތް ފެށެނީ އިޚްލާޞްތެރި ނިޔަތަކުން ކަމެވެ. އަދި ޙަޤީޤަތުގައި الله ގެ ރުހިވޮޑިގަތުން ހޯދާ ހިތަކަށް މެނުވީ ތެދުމަގެއް ނުލިބޭނެ ކަމެވެ.
ރަނގަޅު މަގެއް ހޯދުމަކީ އެއްއިރަކު ވެސް ފަސޭހަ ކަމެއް ނޫނެވެ. މުއުމިނުންނަށް ވެސް ކުރިމަތިވަނީ ގޮންޖެހުންތަކާއި ވަސްވާސްތަކާއި ވިސްނުން ތަޣައްޔަރު ކުރާ ކަންކަމެވެ. އެކަމަކު އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ މީހުންނަށް ކާމިޔާބު ދެއްވާނެ ކަމަށް ﷲ ވަނީ ވަޢުދުވެވޮޑިގެންފައެވެ.
ސޫރަތުލް ޢަންކަބޫތުގެ 69 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައި ވެއެވެ. "ތިމަންރަސްކަލާނގެ މަގުގައި ޖިހާދު ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، އިޙްސާންތެރިންނާ އެކުގައިކަން ކަށަވަރެވެ."
އަދި ޞަޙީޙް ބުޚާރީގައި ރަސޫލާ ﷺ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ﷲ ގެ ޙަޟްރަތުގައި އެންމެ ލޯބިވެތިކަން ބޮޑު ޢަމަލުތަކަކީ، ކުދިކުދި ޢަމަލުތަކެއް ކަމުގައި ވިޔަސް، ދެމެހެއްޓެނިވި ގޮތަކަށް ކުރާ ޢަމަލުތަކެވެ." މީގެ މާނައަކީ ތެދު މަގުގައި ދެމިހުރުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ. އަޅުގަނޑުމެން ކުރާ ދުޢާއާއި، ހެޔޮ ޢަމަލުތަކާއި، އޯގާތެރިކަމާއި، ތެދުވެރިކަމާއި، ކުރާ ހުރިހާ ކަމެއްގައި الله ގެ މަތިން ހަނދާންކުރުމެވެ.
މިއަދު އަޅުގަނޑުމެންނަށް އުޅެންޖެހިފައި މިވާ މާހައުލަކީ ސަމާލުކަން ގެއްލޭފަދަ ގިނަ ކަންކަން އޮތް މާހައުލެކެވެ. މާއްދީ ކަންކަމާއި، ސޯޝަލް މީޑިއާއާއި، ދުނިޔޭގެ އެދުންތަކުންނެވެ. އެއްކަމަކަށް ސަމާލުކަންދީގެން ސާބިތުކަމާއެކު ހުރުމަކީ އުނދަގޫ ކަމެކެވެ. އެކަމަކު އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވީހިނދު އަބަދުވެސް އަޅުގަނޑުމެންގެ އަމިއްލަ ނަފްސު މުރާޖާ ކުރަން ޖެހެއެވެ. އަމިއްލަ ނަފުސާއި ސުވާލު ކޮށްލަން ޖެހެއެވެ.
އަޅުގަނޑުމެން ހިނގަނީ الله އެންގެވި މަގާއި ދިމާއަށް ހެއްޔެވެ؟، ނުވަތަ އެކަލާނގެ އެންގެވި މަގާ ދުރަށް ހެއްޔެވެ؟
އަޅުގަނޑުމެން ޤުރުއާނުން ހިދާޔަތް ހޯދައި، ރަސޫލާ ﷺ ގެ ސުންނަތަށް ތަބާވެ، ހެޔޮލަފާ އެކުވެރިން އިޚްތިޔާރު ކުރަން ޖެހެއެވެ. ތެދުމަގަކީ ހަމައެކަނި ޢަޤީދާއެއް ނޫނެވެ. އެހެނެއްކަމަކު އަހަރެމެންގެ އަޚްލާޤާއި، ޢަމަލުތަކާއި، އެހެން މީހުންނާ މެދު ކަންތައް ކުރާ ގޮތް ވެސް މެއެވެ.
الله ގެ މަގަށް ވާޞިލްވާ މަގަކީ ސީދާ މަގަކަށް ވީނަމަވެސް އެ މަގުގައި ސާބިތުވުމަށް ކެތްތެރިކަމާއި ޢިލްމާއި އިޚްލާޞްތެރިކަން ބޭނުންވެއެވެ. އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ ﷺ އުނގަންނަވައިދެއްވި ގޮތަށް ކޮންމެ ދުވަހަކު ދުޢާ ކުރަންޖެހެއެވެ.
ދުޢާއަކީ އަޅުގަނޑުމެން އެންމެންނަށް ސީދާ މަގަށް މަގުދައްކަވައި، އެ މަގުގައި އަޅުގަނޑުމެން ސާބިތުކޮށްދެއްވައި، އަމާންކަމާއެކު ސުވަރުގެ ވަންނަ މީހުންގެ ތެރޭގައި އަޅުގަނޑުމެން ލައްވުމެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން