
ނޭނގުމަށްވުރެ ވަކިން ދެރަކަމެއް ހަމަ ނެތޭ!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 08 ސެޕްޓެމްބަރު 2025 - 06:32
މިއަދަކީ ބައިނަލްއަޤުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހެވެ. މި ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ސެޕްޓެންބަރުމަހުގެ 8 ވަނަ ދުވަހުއެވެ. ލިޔަންކިޔަން ދަތުމުގެ ދުވަހެއް ފާހަގަކުރުމުގެ މަޤުޞަދަކީ ޤައުމެއްގެ ދެމެހެއްޓެނިވި ތަރައްޤީގައި ލިޔަންކިޔަން ދަތުމުގެ މުހިންމުކަމުގެ މަތިން ހަނދުމަކުރުމެވެ.
"ނޭނގުމަށްވުރެ ވަކިން ދެރަކަމެއް ހަމަ ނެތޭ، އޭގެ ގެއްލުމުގެ ހައްދެއް ހިސާބެއް ހަމަ ނެތޭ!" ތެދެކެވެ. މާނަ ފުން، ޢިލްމީ، ފަލްސަފީ ޚިޔާލެކެވެ. ޢިބުރަތުން ފުރިގެންވި ވާހަކައެކެވެ. ލިޔެކިޔަން އެނގުމަކީ މީހާ ދުނިޔެއަށް ލޯ ހުޅުވައިލަދިނުމުގެ އަސްލު ކަމަށްވާތީއެވެ. މުޖުތަމައަށް މީހާ ހެޔޮވަރުކޮށްދޭ އަސާސްކަމުގައި ވާތީއެވެ.
ތާރީޚީ ލިޔުންތަކަށް ނަޒަރު ހިންގާލާއިރު ފެންނަން އޮތް ހަގީގަތަކީ 1980ގެ އަހަރުތައް ފެށުނުއިރު ލިޔަން ކިޔަން ނުދަންނަ މީހުންގެ ނިސްބަތް ރާއްޖޭގައި ގިނައެވެ. ދިވެހީންގެ މެދުގައި ލިޔަންކިޔަން ދަސްކޮށްދިނުމުގެ އެންމެ ފުޅާ މަސައްކަތްތަކެއް ކޮށްފައިވަނީ 1980 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު އިޢުލާނުކުރި އަސާސީ ތަޢުލީމުގެ މަޝްރޫއިންނެވެ. މިމަޝްރޫޢު އިޢުލާނުކުރިއިރު ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ 19215 މީހުން ތިއްބެވެ. މިއީ އޭރުގެ އާބާދީގެ ނިސްބަތުން ބަލާނަމަ އާބާދީގެ 18.3 އިންސައްތައެވެ.
ފަށާ ތަޢުލީމުގެ ހަރުދަނާ ނިޒާމެއް ނެތުމާއެކު ދިވެހިންގެ ގިނަ ބަޔަކަށް ތަޢުލީމް ހާސިލުކުރުމުގެ ފުރުޞަތު އޭރު ލިބިފައެއް ނުވެއެވެ. ސްކޫލެއް ނެތް ކިތަންމެ ރަށެއް އޮތެވެ. ތަޢުލީމް ދެނީ އެދުރުގެތަކުންނާއި ދަންނަ މީހުން އެމީހުންގެ ގާތް މީހުންނަށް ކިޔަވައިދޭ އުޞޫލުންނެވެ. ބައެއް ރަށްރަށުގައި މަކުތަބު ހުރިނަމަވެސް އެފަދަ ތަޢުލީމް ދިނުން ދެމެހެއްޓޭނެ ގޮތްތައް އިންތިޒާމްކުރެވިފައެއް ނުވެއެވެ. ނަތީޖާއަކަށްވެފައި އޮތީ ތާނައަކުރުން ލިޔެފައި ހުންނަ ލިޔުންތައް ކިޔަން ނޭނގޭ އަދި ތާނައިން ލިޔަންވެސް ނޭނގޭ ދިވެހީން ތިބުމެވެ. ދިވެހީންނަކީ މުސްލިމުންނަށް ވީހިނދު، ޢަރަބިބަހުން ލިޔެފައި ހުންނަ ލިޔުންތައް ކިޔަން ނޭނގުމުގެ ޙާލަތުވެސް ހުރީ މިގޮތަށެވެ.
ރާއްޖޭގެ މިހާލަތު ބަދަލުކުރުމަށް، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމްގެ ޒައާމަތުގައި އޭރުގެ ތަޢުލީމީ ވުޒާރާއިން ދަށު ސާނަވީގެ ފަސްއަހަރުގެ މަޝްރޫޢެއް އެކުލަވާލެއްވިއެވެ. 1980 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 23 ގައި އިޢުލާންކުރެއްވި އައު މުޤައްރަރަކީ، ރާއްޖޭގައި ފަށާ ތަޢުލީމްގެ ނުވަތަ ދަށު ސާނަވީގެ މުޤައްރަރެއް އިޢުލާންކުރެއްވި ފުރަތަމަ ފަހަރެވެ. ޖެހިގެން އައި ދުވަހު ރާއްޖޭގައި ލިޔަން ކިޔަން ދަތުން ޢާންމުކުރެއްވުމަށްޓަކައި، ސަރުކާރުން ހާއްސަ ޤައުމީ މަޝްރޫޢެއް ފެއްޓެވިއެވެ. ޖުމުލަ ހަ އަހަރު ދުވަހުގެ މިމަޝްރޫޢުގެ އަމާޒަކަށް ހެދީ ދިވެހިންގެ ތެރޭގައި ތިބި ލިޔަން ކިޔަން ނުދަންނަ އެންމެންނަށް ލިޔަންކިޔަން ދަސްކޮށްދިނުމެވެ. އަނެއް ކަމަކީ ދިރިއުޅުމަށްޓަކައި ކޮންމެހެން އެނގެންޖެހޭ އަސާސީ ކަންކަން އުނގަންނައިދިނުމެވެ.
އަސާސީ ތަޢުލީމްގެ މަޝްރޫޢަކީ، ސަރުކާރުން އުންމީދުކުރި ވަރަށްވުރެ ވެސް ކާމިޔާބު މަޝްރޫއަކަށްވެ، މަޝްރޫޢުގެ ފުރަތަމަ 10 އަހަރު ނިމުނުއިރު، ލިޔަންކިޔަން ނޭނގޭ އާބާދީގެ ގޮތުގައި އޮތް ނަވާރަހާހެއްހާ މީހުންގެ އާބާދީ 1400 މީހުންނަށް ދަށްކުރެވުނެވެ. އޭގެ ފަހުން ރާއްޖޭގެ ތަޢުލީމީ މުޤައްރަރާއި ނިޒާމު އިތުރަށް ހަރުދަނާވަމުން، ދުވަހެއް ދުވަހަކަށް މިކަމުގައި ކުރިއެރުންތައް ރާއްޖެއަށް ލިބުނެވެ. މިއާއެކު ރާއްޖޭގައި ލިޔަން ކިޔަން ދަތުމުގެ ނިސްބަތް މިސަރަޙައްދުގެ އެންމެ ރަނގަޅު ޤައުމަކަށް ރާއްޖޭ ވެގެންދިޔައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން