
މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
ބަންގްލަދޭޝް މުވައްޒަފުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ގެންނަން މަޝްވަރާކޮށްފި

ޔޫޝައު ހަސަން - 12 ފެބްރުއަރީ 2023 - 12:51
ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މުވައްޒަފުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ވެދެވޭނެ އެހީތެރިކަމާ ގުޅޭ ގޮތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝެއިޚް އަބުލް ކަލަމް އަޒާދް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގެ ބިއުރޯގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރު ޝެއިޚް އަބުލް ކަލަމް އަޒާދް މިއަދު ވަނީ މާލޭގެ މޭޔަރު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ވަނީ ދެ ގައުމުގެ ދެމެދުގައިވާ ރަޙްމަތްތެރިކަމުގެ ގުޅުމާއި އެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް އަށް ނިސްބަތްވާ މުވައްޒަފުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ވެދެއްވޭނެ އެހީތެރިކަމާއި މާލެ ސިޓީ ކައުންސިލްގައި ވަޒީފާ އަދާ ކުރަމުންދާ އެ ޤައުމުގެ މުވައްޒަފުންނަށް ލުއިފަސޭހަ ފުރުޞަތުތަކެއް ފަހިވެގެންދާނެ ގޮތްތަކާއިމެދު ސަފީރު ޝެއިޚް އަބުލް ކަލަމް އަޒާދް ވަނީ ވާހަކަ ދައްކަވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ވަނީ ދާދިފަހުން މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންތިބި އެކޮމޮޑޭޝަން ބްލޮކްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ އާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ސަފީރު ޝެއިޚް އަބުލް ކަލަމް އަޒާދް ވިދާޅުވީ ދާއިމީ ހައްލެއް ގެނެވެންދެން ކައުންސިލްގެ ބެލުމުގެ ދަށުގައި ހުޅުމާލޭގެ ވަގުތީ ހިޔާގައި ތިބި މުވައްޒަފުންނަށް ޒިޔާރަތް ކުރެއްވިކަމަށާއި، އެކޮމޮޑޭޝަން އާއި މެދު އެ މުވައްޒަފުން ހިތްހަމަޖެހޭކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މޭޔަރު މުއިއްޒު ވަނީ މި ހާދިސާގައި ވަގުތީ ހިޔާގައިތިބި އެ ޤައުމުގެ މުވައްޒަފުންނަށް ވީހާވެސް އަވަހަށް ދާއިމީ ހައްލެއް ގެނެސްދިނުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާކަމުގައި ވިދާޅުވެފައެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ވަޒީފާގައިތިބި ބަންގްލަދޭޝްގެ މުވައްޒަފުންނަށް ވަޒީފާގެ މާހައުލުން ލިބިދޭންޖެހޭ ރައްކާތެރިކަމާއި ލުއިފަސޭހަގޮތްތައް ހަމަޖެހިފައިވާކަމުގެ ޔަޤީންކަންވެސް މޭޔަރު މުޢިއްޒު ވަނީ ދެއްވާފައެވެ.
މާލެ ސިޓީގެ މޭޔަރާއި ބަންގްލަދޭޝް ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވައިފައި ވަނީ ކުރިއަށްއޮތް ތަނުގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


