logo

މިއަހަރު ތާރީޚީ ޑިޖިޓަލް ދާރުލް އާސާރު ހުޅުވާނެ: ރައީސް

profile

ޝަހްޒާ މުޙައްމަދު - 05 ފެބްރުއަރީ 2026 - 05:14

ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބިނާކުރެވޭ އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމް ނުވަތަ ޑިޖިޓަލް ދާރުލްއާސާރު މިއަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

https://wamco.com.mv/

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މި ދާރުލްއާސާރު ބިނާކުރުމުގެ މަސައްކަތް މިހާރު އުސްކެކޮޅާއި އެ ގެކޮޅު ހުރި ސަރަޙައްދުގައި ކުރިއަށްދާ ކަމަށެވެ.

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ފަށާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ތަރިކައިގެ ދާއިރާގެ ޢިލްމީ މުޖުތަމަޢެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިގޮތުން، މި ދާއިރާއިން 50 ދިރާސާވެރިން ހިމެނޭހެން ދިރާސާ މަސައްކަތްތައް ކުރިއަށްދަކަން ރައީސް ފާހަގަކުރެެއްވިއެވެ.

މީގެއިތުރުން ހއ. އުތީމު، ތަކަންދޫ، އަދި ބާރަށުގައި ތަރިކައިގެ ޤައުމީ މަޝްރޫޢުތައް ފަރުމާކޮށް، އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދިވެހި ހިރިގަލުގެ މިސްކިތްތަކާއި ގަލުވަޑާމުގެ މަސައްކަތްތައް ޔުނިސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދަފްތަރުކުރުމަށް ބޭނުންވާ ދިރާސާތައް ނިންމައި، ނޮމިނޭޝަން ފައިލް މިހާރު ޔުނިސްކޯގެ ވޯލްޑް ހެރިޓޭޖް ސެންޓަރަށް ހުށަހަޅާފައިވާ ކަމަށެވެ.

ނެތެމުންދާ ސަގާފީ ފަންނުތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، އެކި ރަށްރަށުގައި ތަމްރީނު މަރުކަޒުތައް ގާއިމުކުރުމަށް ނިންމަވާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ބ. ތުޅާދޫގައި ލިޔެލާ ޖެހުމުގެ ހުނަރު ދަސްކޮށްދޭ މަރުކަޒަކާއި، ދ. ރިނބިދޫގައި ރަންރިހީގެ މަސައްކަތް ދަސްކޮށްދޭ މަރުކަޒެއްގެ އިތުރުން، ގދ. ގައްދޫގައި ތުނޑުކުނާ ވިއުމުގެ މަސައްކަތް ދަސްކޮށްދޭނެ ތަމްރީން މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ތުނޑުކުނާ ވިއުމާއި، ތިލޭރުކަމާއި، މާވަޑިކަމާއި، ލިޔެލާޖެހުމާއި، ކަސަބު ގަތުން ފަދަ މަސައްކަތްތަކަށް ޚާއްޞަ ނެޝަނަލް އޮކިއުޕޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް ރައީސް ވިދާޅުވިއެެވެ.

މާއްދީ ބިނާތަކުގެ އިތުރުން، ދިވެހީންގެ މާނަވީ ތަރިކަ ކަމުގައިވާ މާތް އަޚުލާޤާއި އަދަބުވެރިކަން އިއާދަކުރުމަށް ވެސް މިއަހަރު ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން، ދިވެހީންގެ ރީތި އުޅުމާއި ގުޅުންތައް ތަރައްޤީކުރުމުގެ ޤައުމީ ތަޞައްވުރެއް އެކުލަވާލައި، "އިހުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް" މިއަހަރު މުޅި ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ރައީސް އިއުލާންކުރެއްވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay