logo

"ރާއްޖޭގައި ޕޯސްޓުގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގައި ޕޯސްޓް އޮފީސް މުހިއްމު"

profile

މަރްޔަމް އުމްނާ އިސްމާޢީލް - 09 އޮކްޓޯބަރު 2024 - 18:40

ވަޒީރު އިހުސާން

ވަޒީރު އިހުސާން

ރާއްޖޭގައި ޕޯސްޓުގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްލެވޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ދުނިޔޭގެ ޕޯސްޓްގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތާބުގައެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ، ދުނިޔޭގެ މުވާސަލާތީ ނިޒާމަށް އަންނަމުންދާ އިންގިލާބީ ހަލުވި ބަދަލުތަކާ އެކު މުވާސަލާތުގެ އަސާސީ ހިދުމަތެއްގެ ގޮތުގައި، ޕޯސްޓުގެ ހިދުމަތް އޮތް އޮތުމަށާއި ދެކޭ ދެކުމަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

އަދި ޓެކްނޮލޮޖީގެ ސަބަބުން ޕޯސްޓުގެ ހިދުމަތްތަކާއި ޕޯސްޓަލް އޮޕަރޭޝަނަށް އައި ތަރައްގީއާ އެކު ބައިނަލްއަގްވާމީ ޕޯސްޓުގެ ވިއުގައިގެ ބޭނުންތެރިކަން ފަރުދުންނަށާއި ވިޔަފާރިތަކަށް މިއަދު އެތައް ގުނައަކަށް ބޮޑުވެގެން ގޮސްފައިވާކަން ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޕޯސްޓުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ޕޯސްޓުގެ ހިދުމަތްތައް ޒަމާނީ ކުރުމަށާއި ހިދުމަތުގެ ބިންގާ ފުޅާކޮށް، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ކުރަމުންދާ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކަމަށެވެ.

މިއަހަރު ޕޯސްޓުގެ ދުވަސް ފާހަގަކުރަމުންދަނީ "ގައުމުތަކުގެ މެދުގައި މުވާސަލާތު ކުރެވޭނެ ގޮތް ހެދުމާއި މުޖުތަމައުތައް ބާރުވެރިކުރުމުގެ 150 އަހަރު" މި ޝިއާރުގެ ދަށުންނެވެ.

މިއަދަކީ ޔުނިވާރސަލް ޕޯސްޓަލް ޔޫނިއަންއަށް 150 އަހަރު ފުރޭ މުނާސަބަތުވެސް މެއެވެ.

ޔުނިވާސަޕް ޕޯސްޓަލް ޔޫނިއަން އަކީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ޕޯސްޓަލް އޮޕަރޭޝަންސް ހިންގުމަށް ބޭނުންވާ ނިޒާމުތަކާއި ސިޔާސަތުތައް ކަނޑައެޅުމުގައި ގައުމުތަކުގެ މެދުގައި ވިލަރެސް ކުރުމުގެ މެންޑޭޓު ދެވިފައިވާ އދގެ އޭޖެންސީއެކެވެ.

ދުނިޔޭގެ 192 ގައުމުގެ މައްޗަށް އެކުލެވޭ ޕޯސްޓުގެ ވިއުގައިގެ މެމްބަރު ގައުމުތަކުން މިދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ޕޯސްޓު ދުވަހުގެ ގޮތުގައެވެ.

https://int.etukuri.mv/
tel:+9607331319