logo
ކައިވެނި ކުރި ދެ މީހަކު ކޯޓަށް ވަންނަން ދަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ކައިވެނި ކުރި ދެ މީހަކު ކޯޓަށް ވަންނަން ދަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ޒަވާޖީ ޙަޔާތް ބާއްޖަވެރިކުރުން

profile

ޒިދާން މުޙައްމަދު - 10 ޖުލައި 2025 - 06:27

އަހަރެމެންގެ ތެރެއިން ބައެއް މީހުން ކައިވެނިކުރަން އުޅޭއިރާއި ކައިވެނީގެ ކުރީކޮޅު ހަށިފުރާނައިން އެކަކު އަނެކަކަށް ޤުރުބާންވުމަށް ވެސް ތިބެނީ ތައްޔާރަށެވެ. އެކަމަކު، ޒަވާޖީ ޙަޔާތް ފެށި ދެތިން އަހަރުވުމުން، އެއްކަލަ ލޯބި ފަނޑުވެ، ހަތުރުވެރިކަމަށް ދީއްލާލާތަން އެބަ ފެނެއެވެ. އެކަކު އަނެކަކަށް ފާޑުކިޔުމާއި ބޭއިޚްތިރާމްކުރުމާއި ނުރުހުމުގެ ނަޒަރުން ބަލަން ފަށާތަން އެބަ ފެނެއެވެ. ނަތީޖާއެއްގެ ގޮތުން ބައެއް ކައިވެނިތައް ރޫޅޭއިރު އަނެއް ބައިމީހުން ދަރީންނަށްޓަކައި ޤުރުބާނީއެއްގެ މަތީގައި ކެތްތެރިވެގެން ތިބެނީއެވެ. ލޯބި އާލާކުރުމަށް ދަސްނުކުރާ ނަމަ ކޮންމެ ގުޅުމެއްގެ ވެސް ހާލަކީ ހަމަ މިއީއެވެ. އެހެންކަމުން، މިއީ ޙައްލު ހޯދުން މުހިންމު ކަމެކެވެ.

https://wamco.com.mv/

މާތްވެގެންވާ އިސްލާމް ދީނަކީ އެންމެ މާތް ދީނެވެ. އެދީނުގެ ޝަރީޢަތަކީ އެންމެ މަތިވެރި، އަދި އެންމެ ޝާމިލު، އެންމެ ފުރިހަމަ ރައްބާނީ ޝަރީޢަތެވެ. އިސްލާމްދީނުގައި ކަނޑައެޅިފައިވާ ކޮންމެ ނިޒާމެއްގައިވެސް ވަނީ ވަރަށް ފުރިހަމަ އުޞޫލުތަކެވެ. ކޮންމެ ނިޒާމެއްވެސް ބިނާވެގެންވަނީ އިންސާނުންނަށް އެންމެ މަޞްލަޙަތު ހުރި ގޮތްތަކުގެ މަތީގައެވެ.

މިގޮތުން އިންސާނީ ދެޖިންސުގެ ދުންޔަވީ ޙަޔާތް ހެޔޮގޮތުގައި ހޭދަކުރުމަށްޓަކައި އިސްލާމްދީން ކަނޑައަޅުއްވާފައިވާ ނިޒާމުތަކުގެ ތެރޭގައި ޒަވާޖީ ޙަޔާތުގެ ނިޒާމު ހިމެނެއެވެ. އަންހެނަކާއި ފިރިހެނަކު ޒަވާޖީ ގޮތުން ގުޅޭގުޅުމަށް ކިޔާ ނަމަކީ ކައިވެންޏެވެ. މިގުޅުން ފަށާނެގޮތާއި ބާއްޖަވެރިކުރާނެ ގޮތް ޤުރްއާނާއި ސުންނަތުން އެނގެން އެބައޮތެވެ.

މާތް ﷲ ވަޙީކުރައްވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ.”

ޢަބްދުﷲ ޢިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންމެންނަށް ޙަދީޘްކުރެއްވިއެވެ.

“އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަވެގެންވާމީހަކު ކައިވެނިކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އެއީ ލޮލަށްވާ ފިނިކަމެކެވެ. އަދި ފަރުޖުތަކަށްވާ ސަލާމަތެކެވެ. އަދި މީހަކާ އިނުމަށް ކުޅަދާނަކަން ލިބިގެން ނުވާމީހާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ ހަމަކަށަވަރުން އެއީ އޭނާ ނުބައިކަންތަކުން ދުރުކުރާނޭ އައްޑަނައެކެވެ.”

ކާވެނީގެ ކުރީގައި ދެމީހުން އެކަކު އަނެކަކަށް ބަހައްޓާ ގާތްކަމާ އަޅާލުމުގެ ސިފަ، އޭގެ އަސްލު ޙަޤީޤީ ވަގުތުގައި ނުބެހެއްޓެނީ ކީއްވެ ހެއްޔެވެ؟ އެއީ ކާވެނީގެ ކުރިން ޖެއްސި ކުލަތަކާއި، ބޭލި ތަރިތަކާއި ހަނދަކީ، ބިލާހަކަށް ވީތީއެވެ. އެކަކު އަނެކަކުގެ ކިބައިން ނާޖާއިޒު ފައިދާތަކެއް ހޯދީމައެވެ. އަމިއްލަ އެދުންތަކެއް ފުއްދީމައެވެ. ލޯތްބާއި ކުލުނު ފެށިގެން އަންނާނީ ކާވެންޏަށްފަހުއެވެ. މާމުއިހަނދުގެ ފޮނިކަމުގެ ތެރެއިންނެވެ. ދެޖިންސުގެ ކުދިން ކާވެނީގެ ނަމުގައިވެސް ރައްޓެހިވެގެން ނޫޅެންވީ މިހެންވެއެވެ. ކާވެނީގެބޭރުން ހިލޭ އަންހެނުންނާއި ފިރިހެނުން ނަހަމަގުލުން ނުހިންގަންވީ ސަބަބަކީ މިއީއެވެ. ކާވެނީގެ ކުރިން ލައްޒަތު ހޯދާނަމަ، ދެން ކާވެންޏަށްފަހު އޮތީ ކޮން އެއްޗެއްތޯ ވިސްނާލާށެވެ.

އިންސާނީ ދަރިފަސްކޮޅު ގެއްލުމުން ސަލާމަތް ކުރެއްވުމަށް ޓަކައި ޝަރީޢަތް ހުއްދަކުރާ އުޞޫލުން ކައިވެނިކުރުމަކީ، އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުލައްވާފައިވާ ކަމެކެވެ. ބައެއްފަހަރަށް ކައިވެނިކުރުމަކީ ނަބީބޭކަލުންގެ ސުންނަތުގެ ތެރެއިން ހިމެނޭ މުހިއްމު ކަމެއްކަމުގައި އަންގަވައެވެ. އަނެއްބައި ފަހަރަށް އިސްލާމީ އުޞޫލުން ކައިވެނިކޮށް، އަންހެނަކާއި ފިރިހެނެއްގެ މެދުގައި އުފެދޭ މުޤައްދަސް ގުޅުމުގެ ސަބަބުން ދަރީން ލިބުމުގެ މިފުރިހަމަ ނިޡާމަކީ މާތްﷲ ދެއްވި ވަރަށްބޮޑު ނިޢުމަތެއްކަމުގައި ހަނދާންކޮށް ދެއްވައެވެ.

މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “އަދި، ހެޔޮގޮތުގައި އެކަނބަލުންނާ އެކު އުޅޭށެވެ!” އަނބީންނަށް ހެޔޮކޮށް ހިތުމަށް ޤުރުއާނުގައި މި ވަނީ އަންގަވައިފައެވެ.

އަދިވެސް ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “އަދި ޝަރުޢީ ހަމައިން (ފިރިންނަށް އަދާކޮށްދޭން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށް ވެސް ޙައްޤުވެގެން ވެއެވެ.”

ކައިވެނީގެ ގުޅުމަކީ އެ ގުޅުން ދެމެހުއްޓުމަށް ޓަކައި ދެ މީހުން ވެސް ހަމަހަމަ މަސައްކަތްތަކެއް ކުރާންޖެހޭ ގުޅުމެކެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay