
ސީއޭޕީ-ސީއެސްއޭގެ ބައްދަލުވުމުގައި ޑރ. ޢަބްދުﷲ ނިޔާޒު ބައިވެރިވެވަޑައިގަންނަވަނީ
ތިމާވެށި ހިމާޔަތްކުރުމަށް ބެލެންސެއް ޤާއިމުކުރަންޖެހޭ: ޓޫރިޒަމް މިނިސްޓްރީ

އާމިނަތު ޝަފާ - 28 ޖޫން 2024 - 17:18
ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާއާއި އިޤްތިޞާދީ ތަރައްޤީއާ ދެމެދު ބެލެންސެއް ޤާއިމުކުރުމަކީ ޤައުމުތަކުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް ޑރ. ޢަބްދުﷲ ނިޔާޒު ވިދާޅުވެއްޖެއެވެ.
ނިޔާޒު މިފަދައިން ވިދާޅުވީ އދ.ގެ ޓޫރިޒަމްގެ ކޮމިޝަން ފޯ އީސްޓް އޭޝިއާ އެންޑް ޕެސިފިކް އަދި ކޮމިޝަން ފޯ ސައުތު އޭޝިއާ (ސީއޭޕީ-ސީއެސްއޭ) ގެ 36 ވަނަ ޖޮއިންޓް ކޮމިޝަން މީޓިންގެ ކޯ-ޗެއަރގެ ހައިސިއްޔަތުން ވާހަކަފުޅުދައްކަވަމުންނެވެ.
ނިޔާޒު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރަމުންދާއިރު މި ސިނާޢަތަކީ ދެމެހެއްޓެނިވި ސިޔާސަތުތަކެއްގެ މައްޗަށް ބައްޓަންކޮށްފައިވާ ސިނާޢަތަކަށް ހެދުމުގެ މުހިންމުކަމަށެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއަށް މިއަހަރު 1 މިލިއަން ވަނަ ފަތުރުވެރިޔާ އައިސްފައިވާކަން ފާހަގަކުރައްވަމުން މި އަހަރު 2 މިލިއަން ފަތުރުވެރިންގެ ޓާގެޓްއާ ހަމަޔަށް ވާސިލްވެވޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ. ހަމަ އެހެންމެ، ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ތަފާތު ވިސްނުމެއް ދައްކުވައިދީ، އުފެއްދުންތެރި ސިޔާސަތުތަކެއް ބޭނުންކުރާ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަބަދުވެސް ފިލާވަޅު ލިބިގަންނަ ވަރުގަދަ ބްރޭންޑެއް ކަމަށް ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް މިހާރު ތަރައްޤީކުރަމުންދަނީ ހަމައެކަނި ލަގްޒަރީ މާކެޓެއްގެ ގޮތުގައި ނޫންކަމަށް ފާހަގަކުރައްވަމުން، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ވިސްނުމަކީ މިހާރު މި ސިނާޢަތް ތަރައްޤީކުރުމުގައި ދިވެހިރާއްޖޭން ބޭނުންކުރާ މައިގަނޑު އެއް އަސާސްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އދ.ގެ ފަތުރުވެރިކަމުގެ މެންބަރު ޤައުމުތަކާއި، އެފިލިއޭޓް މެންބަރުންނާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމްޢިއްޔާޖަމާޢަތްތަކުގެ މަންދޫބުން އެއްވެ، 2024-2025 ވަނަ އަހަރުގެ އދ.ގެ ޓޫރިޒަމް ޕްރޮގްރާމް އޮފް ވޯކް އާއި އޭޝިއާ ޕެސިފިކް ގެ މެންބަރު ޤައުމުތަކަށް އިސްކަންދޭ މުހިންމު މައުޟޫޢުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ސިނާޢަތުގެ އެކި ކަންކަމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މިގޮތުން، ފަތުރުވެރިކަމުގެ ސިނާޢަތުގައި ތިމާވެށްޓާ ރައްޓެހި ސިޔާސަތުތައް ގެންގުޅުމަށާއި ގްރީން ޓްރާންސްފޯމޭޝަން ފަދަ އުކުޅުތައް މެދުވެރިކޮށް ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އިތުރުކުރުން ފަދަ ކަންތައްތަކާމެދު ވަނީ މަޝްވަރާކޮށްފައެވެ. މި މަޝްވަރާތަކުގެ މަޤްޞަދަކީ 2030 ވަނަ އަހަރުގެ އެޖެންޑާއާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަތުރުވެރިކަމުގެ ދާއިރާގައި އިނޮވޭޝަނާއި ރެޒިލިއަންސް ކުރިއެރުވުމެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތައް ތަމްރީނުކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
ދިވެހިރާއްޖެއަކީ އދ. ގެ ފަތުރުވެރިކަމުގެ ޖަމިއްޔާގެ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ޗެއަރއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން