ސަރުކާރުގެ ދަނޑުވެރިކަމުގެ ސިޔާަސަތު ތަންފީޒުކޮށް، އިގްތިސާދީ މަންފާ އެންމެ ފުރިހަމައަށް ދަނޑުވެރިންނަށް ހޯދައި ދިނުމުގައި ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަކަށް ބިން ހާއްސަ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވާތީ ކައުންސިލްތަކުން ލޭންޑް ޔޫސް ޕްލޭން ހެދުމުގައި މިހާރު ކަން ކުރާ ގޮތް އޮޅުން ފިލުއްވުމަށް ގުޅުން ހުރި ތިން ދާއިރާގެ ވަޒީރުންނާއި މިނިސްޓަރ ޑރ ޢާއިޝަތު ރަމީލާ ބައްދަލުކުރައްވައިފިއެވެ.
މި ފަދަ ބައްދަލުވުމެއް ކުރިއަށް ގެންދަވަން މިނިސްޓަރ ރަމީލާ ނިންމެވި މައިގަނޑު ސަބަބަކީ ބައެއް ކައުންސިލްތަކުން ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަަށް ދޫކޮށްފައިވާ ބިންތައް އެކި ބޭނުންތަކަށް ނެގުމުގެ މަސައްކަތް ކުރެވޭތީ، މިކަމުގެ ސަބަބުން ދަނޑުވެރިންނަށް ދިމާވަމުން ދާގެއްލުންތަކަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުންކަމަށް ދަނޑުވެރިކަމާ ދިރޭތަކެއްޗާބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.
ކައުންސިލުތަކުގެ ލޭންޑްޔޫސް ޕްލޭން ހަދާއިރު ދަނޑުވެރިކަމުގެ ބޭނުމަށް ބިންތަކެއް ޙާއްސަ ކުރުމަކީ ސަރުކާރުގެ ފުޑް ސެކިޔުރިޓީގެ ސިޔާސަތު ދަމަހައްޓަން ވެސް މުހިންމުކަމެއް ކަމަށް މި ބައްދުވުމުގައި މިނިސްޓަރ ރަމީލާ ވަނީ ވިދާޅުވެފައެވެ.
އަދި ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަގުފަހިކުރެވޭނެ ކަންކަމާއި ބެހޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީ އާއި ބެހޭ ވަޒީރު ޑރ ހައިދަރު އަލީއެވެ.