logo
ދިވެހިންގެ ބިން ދިވެހިންނަން އެއްވުން - ފޮޓޯ

ދިވެހިންގެ ބިން ދިވެހިންނަން އެއްވުން - ފޮޓޯ

ރައްޔިތުންގެ އަޑު ސަރުކާރަށް އިވޭބާ؟

profile

އަހުމަދު ޖަމީލް - 14 ނޮވެމްބަރު 2026 - 10:41

ޑިމޮކްރެސީއެއްގެ އެންމެ ބާރުގަދަ އަޑަކީ ރައްޔިތުންގެ އަޑެވެ. ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީވެސް އަދި ދެމިއޮންނަނީވެސް ރައްޔިތުންގެ ރުހުމާއި އިތުބާރާ އެކުގައެވެ. ސަރުކާރަކީ ރައްޔިތުންގެ މައްޗަށް ބާރު ހިންގާ ފަރާތެއް ނޫނެވެ. އެއީ ދިވެހިންގެ މި ފަސްގަނޑާއި ޤައުމީ މަސްލަޙަތުތައް އަމާނާތްތެރިކަމާއެކު ރައްކާތެރިކުރަން ރައްޔިތުން އިސްކޮށްފައިވާ ބަލަދުވެރިޔާއެވެ. ނަމަވެސް މިއަދު މުޅި ޤައުމު މިވަނީ ސުވާލެއްގެ ތެރޭގައެވެ. ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމަށްވާ "ރަސްމާލެ" ތަރައްޤީކުރުމަށް ޔޫ.އޭ.އީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ މެދު، ދިވެހިންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކަކާއި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

https://wamco.com.mv/

މަންޒަރު ސިފަކޮށްލައްވާށެވެ. ސަރުކާރުން އިޢުލާނުކުރީ، ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި 20 ބިލިއަން ޑޮލަރުގެ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ހިންގުމަށާއި، ހުޅުމާލެ ފޭސް 3 އިން 5،000 ހައުސިންގ ޔުނިޓް އެޅުމަށް އީގަލް ހިލްސްއާ ޙަވާލުކުރި ވާހަކައެވެ. އިޤްތިޞާދީ ބޮޑު އިންޤިލާބަކާއި، 54،000 އައު ވަޒީފާގެ ފޮނި އުންމީދުތައް ސަރުކާރުން ދެއްކިއެވެ. ނަމަވެސް، ފަރުދާގެ ފުރަގަހުގައި ވަނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ކާބަފައިންގެ ލެޔާއި ޤުރުބާނީން ރައްކާތެރިކުރި ދިވެހި ބިމުން ސަތޭކަ އެތައް ހެކްޓަރެއް، ބޭރުގެ ކުންފުންޏަކަށް 99 އަހަރުގެ ދިގު މުއްދަތަކަށް ދޭން މިވަނީ ނިންމާފައެވެ. އަދި މި މުހިންމު އެއްބަސްވުން މިއަދާ ހަމައަށްވެސް އޮތީ ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލީހަށް ސިއްރުކޮށްފައެވެ. މި ބިމުގައި ޣައިރު މުސްލިމުން ވަޒަންވެރިވެ، ދިވެހިންގެ ޒަމާންވީ އިސްލާމީ ވަޙުދަތާއި މިނިވަންކަން ގެއްލިދާނެ ކަމުގެ ބިރުވެރިކަން އުފެދުނީ މި ސަބަބާ ހުރެއެވެ. ޤައުމުގެ ބިން ވިއްކާލައި، މިނިވަންކަން ނުރައްކަލަށް ހުށަހަޅައިގެން ހޯދާ ތަރައްޤީއަކުން ދިވެހި ދަރިންނަށް ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟

ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް ސަރުކާރުން ބީރުކަންފަތެއް ދިނުމުން، ދެން ފެނިގެންދިޔައީ ކެތްތެރިކަން ކޮޅުންލައިގެން ދިޔަ މަންޒަރެވެ. 13 ނޮވެމްބަރުގެ ހުކުރު ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗަށް އެތައް ހާސް ރައްޔިތުންނެއް އެއްވިއެވެ. "ޤައުމީ ޙަރަކާތް" އިން އިސްނަގައިގެން "ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިޢާރުގެ ދަށުން ބޭއްވި މި އެއްވުމަށް އެތައް ހާސް ދިވެހި ރައްޔިތުންނާއި، ޒުވާނުންނާއި، ޢާއިލާތައް އެއްތަންވީ އެއް އަޒުމެއްގައެވެ. އެއީ ސަރުކާރުގެ ޚުދުމުޚުތާރު ނިންމުންތަކާ ދެކޮޅަށް ފާޅުގައި އަޑުއުފުލުމަށެވެ. އެ އެއްވުމުގެ ތެރެއިން މުޅި މާހައުލުގައި ގުގުމައިގެން ދިޔައީ ވެރިން ހޭލައްވައިލުމަށް ގޮވާލި ވަރުގަދަ ގޮވައިލުމެކެވެ. އެ ރައްޔިތުން ސަރުކާރަށް ހުށަހެޅި ޑިމާންޑުތައް ވަރަށް ސާފެވެ. ރަސްމާލެ އެއްބަސްވުން ފޮރުވުމެއް ނެތި ވަގުތުން ރައްޔިތުންނަށް ހާމަކުރުމެވެ. ދިވެހިންގެ ބިންތައް ބޭރުގެ ދާއިމީ ބާރުގެ ދަށަށް ދިޔަނުދިނުމެވެ. އަދި މިފަދަ ޤައުމީ ބޮޑު ނިންމުމެއް ނިންމުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަކަށް، ނުވަތަ ރެފަރެންޑަމަކަށް ގޮސް، ޤައުމުގެ އިސްލާމީ ވަޙުދަތު ޙިމާޔަތްކުރުމެވެ.

13 ނޮވެމްބަރުގެ އެ ބޮޑު އެއްވުމުން ސަރުކާރަށް ދިން މެސެޖު ވަރަށް ސާފެވެ. ދެފުށް ފެންނަ ހަމަތައް އެއްފަރާތްކޮށް، ރައްޔިތުންގެ ބައިވެރިވުމެއް ނެތި ސިއްރިއްޔާތުގައި ކުރާ އެއްވެސް މުޢާމަލާތަކަށް ދިވެހި ރައްޔިތުން ދުވަހަކުވެސް ރުހި ޤަބޫލެއް ނުވާނެއެވެ. ރައްޔިތުންގެ ވޯޓަކަށް ދިއުމަށް ފަސްޖެހި، ގޮތްދޫނުކުރުމަކީ ރައްޔިތުންގެ އަޑު ކަނޑުވާލެވޭނެ ގޮތެއް ނޫނެވެ. ވެރިކަމުގެ އަސްލު ބާރަކީ ރައްޔިތުންނެވެ. ރައްޔިތުންގެ ރުހުމާއި އިތުބާރު ނެތި، ގަދަބާރުން ހިންގަން އުޅޭ އެއްވެސް މަޝްރޫޢެއް ކާމިޔާބެއް ނުވާނެއެވެ. ޙަޤީޤީ ތަރައްޤީއަކީ ހަމައެކަނި އުސް ޢިމާރާތްތަކެއް ނޫނެވެ. އެއީ ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްލާމީ ވަޙުދަތާއި، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމެވެ.

ވަގުތު ފާއިތުނުވަނީސް، 13 ނޮވެމްބަރުގެ އެ ގަދަފަދަ އަޑަށް މިއަދު ސަރުކާރުން އިޖާބަދޭން އެބަޖެހެއެވެ. ރައްޔިތުންގެ ބަހަށް އިޙްތިރާމްކޮށް މި އެއްބަސްވުންތައް އަލުން މުރާޖަޢާ ނުކޮށްފިނަމަ، ދެން ޤައުމު ވެއްޓިގެންދާނެ ސިޔާސީ ނާމާންކަމާއި ހަލަބޮލިކަމުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ ހަމައެކަނި ސަރުކާރުންނެވެ. ރަސްމާލެއާއި ޤައުމުގެ މިނިވަންކަމާ ގުޅޭގޮތުން މުޅި ޤައުމު މިއަދު އަހަން ބޭނުންވަނީ ހަމަ އެންމެ ސުވާލެކެވެ؛ ރައްޔިތުންގެ އަޑު ސަރުކާރަށް އިވޭބާ؟

https://wamco.com.mv/
tel:+9607331319