
ރެއާލް މެޑްރިޑާއި ސެވިއްޔާ ވާދަކުރި މެޗުގެ ތެރެއިން .
9 ކުޅުންތެރިންނާއެކު ކުޅުނު ސެވިއްޔާ އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން - 18 މޭ 2025 - 20:57
ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ސެވިއްޔާއި ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.
ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން މަޔޯކާ އަތުން މޮޅުވެފައިވާއިރު، ލީގުގައި ސެވިއްޔާ އިން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ލަސްޕަލްމާ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެެއާލް މެޑްރިޑުންނެވެ.
މެޗުގެ ފުރަތަމަ ހާފު ފެށިގެން ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ސެވިއްޔާގެ ޑިފެންޑަރު ލޮއިކް ބަޑޭ ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
ސެވިއްޔާ އިން އެއްކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދަނިކޮށް އެޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެޓީމުގެ ފޯވާޑް އިސާކް ރޮމޭރޯ، ކުޅެން ނިކުތްތާ މިނެޓެއްވެސް ނުވަނީސް ރެއާލްގެ ޗުއެމިނީއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ވެސް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަ ކުރީ ނުވަ ކުޅުންތެރިންނާއެކު އެވެ.
މެޗުގެ ދެވަނަ ހާފު އެއްކޮށް ސެވިއްޔާ އިން ދެކުޅުންތެރިން މަދުކޮށް ކުޅުނު ނަމަވެސް ރެއާލްއަށް މެޗުގެ ލީޑު ފަހުހާފުގެ 75 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. މިއީ މިސީޒަނުގައި ރެއާލް މެޑްރިޑާއި ގުޅުނު ފަހުން އެނާ ކާމިޔާބުކުރި 41 ވަނަ ލަނޑެވެ. އަދި ލީގުގައި ކާމިޔާބުކުރި 29 ވަނަ ލަނޑެވެ.
ރެއާލް މެޑްރިޑުން ލީޑު ފުޅާކުރި ލަނޑު މެޗު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ރެއާލް މެޑްރިޑް ކުޅުނު 37 މެޗުން އެޓީމަށް 81 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ސެވިއްޔާ އިން ލީގުގައި ކުޅުނު 37 މެޗުން އެޓީމަށް 41 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 16 ވަނައިގައެވެ.