
ޗެލްސީ އާއި ކާޑިފް ސިޓީ ވާދަކުރި މެޗުގެ ތެރެއިން...
އީއެފްއެލް ކަޕް: ގަނާޗޯގެ ދެލަނޑާއެކު ކާޑިފް ބަލިކޮށް ޗެލްސީ ސެމީފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން - 17 ޑިސެމްބަރު 2025 - 02:04
އީއެފްއެލް ކަޕް ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ރޭ ރަށުން ބޭރުގައި 3-1 ގެ ނަތީޖާއަކުން ކާޑިފް ސިޓީ ބަލިކޮށް ޗެލްސީ އިން މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދައިފިއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަ ހޯދީ ދެވަނަ ބުރުގައި 4-3 ގެ ނަތީޖާއަކުން ވުލްވްސް ބަލިކުރުމަށްފަހު އެވެ. އަދި ކާޑިފް ސިޓީ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި 2-1 ގެ ނަތީޖާއަކުން ވްރެކްސްހަމް ބަލިކުރުމަށްފަހު އެވެ.
ކާޑިފް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޗެލްސީ އިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު. އެޓީމުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 57 ވަަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް އަލްޖަންޑްރޯ ގަނާޗޯ އެވެ.
ކާޑިފް ސިޓީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޑޭވިޑް ޓާންބުލް އެވެ. ނަމަވެސް އޭގެ ހަތް މިނެޓު ފަހުން ޗެލްސީގެ ޕޯޗުގަލް ފޯވާޑް ޕެޑްރޯ ނެޓޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ލީޑު ހޯދައިދީފައެވެ. އަދި ޗެލްސީ އިން ލީޑު ފުޅާކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ގަނާޗޯ އެވެ.
ގުޅުން ހުރި ޙަބަރުތައް

ކޮޕާ ޑެލަރޭ: ތިންވަނަ ޑިވިޝަންގެ ޓަލަވޭރާ އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް
7 ގަޑިއިރު ކުރިން

އީއެފްއެލް ކަޕް: ބްރެންޓްފޯޑް ބަލިކޮށް މެންޗެސްޓާ ސިޓީ ސެމީފައިނަލުން ޖާގަ ހޯދައިފި
8 ގަޑިއިރު ކުރިން

ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 50 މިލިއަން ޑޮލަރު
11 ގަޑިއިރު ކުރިން

ފީފާ އިންޓަރކޮންޓިނެންޓަލް ކަޕް ޕީއެސްޖީ އިން ކާމިޔާބުކޮށްފި
11 ގަޑިއިރު ކުރިން


