
ޕިއެސްޖީގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު..
ފީފާ އިންޓަރކޮންޓިނެންޓަލް ކަޕް ޕީއެސްޖީ އިން ކާމިޔާބުކޮށްފި

ހަސަން ޝަމްއޫން - 18 ޑިސެމްބަރު 2025 - 00:45
ދުނިޔޭގެ ބައްރުތަކުގެ ޗެމްޕިއަން ކުލަބު ތަކުގެ މެދުގައި ކުޅެވޭ ފީފާ އިންޓަރކޮންޓިނެންޓަލް ކަޕް 2025 ގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބްރެޒިލްގެ ފްލަމިންގޯ ބަލިކޮށް ފްރާންސްގެ ޕީއެސްޖީ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލުން ދެކޮނު އެމެރިކާގެ ޗެމްޕިއަން ފްލެެމިންގޯ ޖާގަހޯދީ ސެމީފައިނަލުގައި އެފްރިކާގެ ޗެމްޕިއަން މިސްރުގެ ޕެރަމިޑްސް 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި މުބާރާތުގައި އިތުރު މެޗެއް ނުކުޅެ ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީއަށް ވަނީ ސީދާ ފައިނަލުން ޖާގައެއް ކަށަވަރުވެފައެވެ.
ގަތަރުގެ، އަލް ރައްޔާންގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕީއެސްޖީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޚަވިޗާ ކަވަރަޓްސްޚޭލިއާ އެވެ. އަދި ފްލެމިންގޯ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޖޯޖީނިއޯ އެވެ.
މިލަނޑާއެކު މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރަށް ކުޅުނު އިތުރު ވަގުތު 15 މިނެޓުގެ ދެހާފުގެ ކުޅުން ވެސް ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ފްލެމިންގޯގެ ފަސް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީ އެކެވެ. އަދި ޕީއެސްޖީ އިން ވަނީ އެޓީމުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ކާމިޔާބުކޮށް ފީފާ އިންޓަރކޮންޓިނެންޓަލް ކަޕްގެ ޗެމްޕިއަންކަން ހޯދި ފްރާންސްގެ ފުރަތަމަ ކުލަބުގެ ޝަރަފް ހޯދާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކޮޕާ ޑެލަރޭ: ތިންވަނަ ޑިވިޝަންގެ ޓަލަވޭރާ އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް
8 ގަޑިއިރު ކުރިން

އީއެފްއެލް ކަޕް: ބްރެންޓްފޯޑް ބަލިކޮށް މެންޗެސްޓާ ސިޓީ ސެމީފައިނަލުން ޖާގަ ހޯދައިފި
9 ގަޑިއިރު ކުރިން

ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 50 މިލިއަން ޑޮލަރު
12 ގަޑިއިރު ކުރިން

މި އަހަރުގެ ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑު ޑެމްބެލޭއަށް
ދުވަހެއް ކުރިން


