ށ. ގޮއިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ: ރައީސް

މުޙައްމަދު ފަޟްލޫން - 13 އޮކްޓޯބަރު 2025 - 13:54
ށ. ގޮއިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފައްޓަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަންދެއްވީ، އެ މަނިކުފާނު މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ގޮއިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ގޮއިދޫ ޞިއްޙީ މަރުކަޒުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރުމަކީ އެރަށު ރައްޔިތުންނަށް ނުހަނު ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، އެ މަޝްރޫޢުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ބަޔަކާއި ޙަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާ އަދި އެންމެ ލަސްވެގެން އަންނަ މަހުގެ ތެރޭގައި ބަޔަކާއި ޙަވާކުރައްވާނެކަމުގައި ވިދާޅުވިއެވެ.
ގޮއިދޫގައި ސަރުކާރުން ބިނާކުރާ ޞިއްޙީ މަރުކަޒުގެ ދެ ބުރީގެ އައު އިމާރާތަކީ ދިހަ ވޯޑުއެނދު ހިމެނޭ، ޕްރައިވެޓް ރޫމްތަކާއި ޓްރައޭޖް އަދި ކޮންސަލްޓޭޝަން ރޫމް ހިމެނޭހެން ޖުމްލަ ވިހި އެނދާއެކު ތަރައްޤީކުރާ ޢިމާރާތެކެވެ.
މީގެއިތުރުން މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ހުއްޓިފައިއޮތް ގޮއިދޫ ސްކޫލްގެ މަޝްރޫޢު ނިންމައި ޙަވާލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ. އެގޮތުން ސްކޫލުގެ 8 ކްލާސްރޫމުގެ މަސައްކަތަކީ ފަށައިގެން ހިޔާކުރުމާއި ހަމައަށްގޮސް ހުއްޓިފައިވާ މަޝްރޫޢެއް ކަމަށާއި ދިގުލައިގެންގޮސްފައިވާ މި މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ ފަރާތާއެކު ކުރިއަށް ނުގެންދެވުމުން މިހާރު ސަރުކާރުގެ ކުންފުންޏަކާއި ޙަވާލުކުރައްވާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތް ހަވާލުކުރައްވާފައިވާ ފެނަކައިން މި މަސައްކަތަށް ބޭނުންވާ ތަކެތި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހަމަކޮށް، ރަށަށް އެ ސާމާނު ގެނެސް، އެ މަސައްކަތް ފެށިގެންދާނެކަމުގައި އެ މަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ ގޮއިދޫގެ ދަނޑުވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން