
އެމްބީޕީގެ ޑިޖިޓަލް މަންސަތައް ރަސްމީކޮށް ރައީސް އިފުތިތާޙުކޮށްދެއްވައިފި

މުޙައްމަދު ފަޟްލޫން - 18 އޯގަސްޓު 2026 - 07:14
މޯލްޑިވްސް ޕްރިމިއަރ ބޭންކް އެމްޕީބީ ގެ ޑިޖިޓަލް މަންސަތައް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފިއެވެ.
ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، އެމް.ޕީ.ބީގެ މޯބައިލް އެޕްލިކޭޝަން އެމްޕީބީ ޕްލަސް އަދި އިންޓަރނެޓް ބޭންކިންގ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމީކޮށް ލޯންޗުކޮށްދެއްވާފައެވެ.
އެމްޕީބީ އަކީ ޓިއަރ 1 ފެންވަރުގެ، ސައްތައިން ސައްތަ ދިވެހި ބޭންކެކެވެ.
މި ބޭންކުގެ މައިގަނޑު މަގްސަދަކީ ދިވެހި މާލީ ވެއްޓާ ގުޅޭ، ޒަމާނީ އަދި އިތުބާރުހުރި މާލީ ޚިދުމަތްތަކެއް މެދުވެރިކޮށް، ވަކިވަކި ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން ބޮޑެތި ކޯޕަރޭޝަންތަކަށް ރާއްޖެއާއި ބައިނަލްއަޤުވާމީ ފެންވަރުގައި ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ.
އެ ބޭންކުން މަޢުލޫމާތު ދޭ ގޮތުގައި، އެމްޕީބީގެ އެންމެހައި ހިދުމަތްތައް ފަރުމާކުރެވިފައިވަނީ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިކުރުމަށާއި ބައިނަލްއަގްވާމީ ގުޅުންތައް ބަދަހިކުރުމަށް އަމާޒުކޮށްގެންނެވެ. އަދި ހަރުދަނާ ހިންގުމުގެ ނިޒާމެއްގެ ދަށުން، އަބަދުވެސް ކަސްޓަމަރުންގެ ބޭނުންތަކަށް އިސްކަންދީގެން ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަކީ އެ ބޭންކުގެ މުހިއްމު އަމާޒެކެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، އެމް.އެމް.އޭ ގެ ގަވަރުނަރު އަހްމަދު މުނައްވަރު ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން، މި ރަސްމިއްޔާތުގައި ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް އަދި އެމްޕީބީގެ ހިއްސާދާރު މުހައްމަދު ޢަލީ ޖަނާޙުގެ އިތުރުން، އެމްޕީބީގެ ބޯޑު މެންބަރުންނާއި، އިސްވެރިންނާއި، ޕާޓްނަރުން އަދި ރާއްޖޭގެ މާލީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
2 ގަޑިއިރު ކުރިން

ރައްޔިތުންގެ ބައްދަލުވުންތަކަށް ކުރި ހަރަދުތަކާއި ގުޅުވައިގެން ފަތުރަނީ ދޮގު ހަބަރެއް: އާޒިމް
4 ގަޑިއިރު ކުރިން

މުވައްޒަފުން އިތުރުވުމަކީ އިކޮނޮމީ މެނޭޖްކުރަން އޮތް ގޮންޖެހުމެއް: މާލީ ވަޒީރު
5 ގަޑިއިރު ކުރިން

ސިޔާސީ ފިކުރަން ބަލައިގެން ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކި ނުކުރާނެ: މާލީ ވަޒީރު
6 ގަޑިއިރު ކުރިން


