logo
މާލީ ވަޒީރު ހަސަން ޒަރީރު

މާލީ ވަޒީރު ހަސަން ޒަރީރު

މުވައްޒަފުން އިތުރުވުމަކީ އިކޮނޮމީ މެނޭޖްކުރަން އޮތް ގޮންޖެހުމެއް: މާލީ ވަޒީރު

profile

މުޙައްމަދު ފަޟްލޫން - 18 އޯގަސްޓު 2026 - 07:13

މުވައްޒަފުންގެ އަދަދު އިތުރުވުމަކީ ދައުލަތުގެ އިގްތިސާދު ބެލެހެއްޓުމުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މި މައްސަލަ ޙައްލުކުރުމުގެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮނިގަނޑު ހަރުދަނާކޮށް، ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރިއަށްގެންދާ ކަމަށެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި މުސާރައަށް ކުރާ ހޭދަ ކުޑަކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން ފާހަގަކުރައްވައި، އެ އަމާޒަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ ތެރެއިން ރިޑަންޑެންސީގެ ކަންކަން ކުރިއަށް ގެންދާނީ ވަކިހާއްސަ އުސޫލުތަކެއްގެ ދަށުން ނޫން ކަމަށާއި، ބަލާނީ މުވައްޒަފަކު ކުރާ މަސައްކަތާއި އެ މީހަކު އަދާކުރަންޖެހޭ ޒިންމާތަކަށް ކަމަށެވެ.

ވަޒީފާއިން މީހުން ވަކިކުރުން ނޫން ކަމަށާއި، ކޮންމެ މުވައްޒަފަކަށްވެސް ފުރުސަތު ދެވޭނެ ކަމަށް ވިދާޅުވިއެވެ.

ހަމައެކަނި އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ބަދަލުގައި، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާ އަޅާބަލާއިރު، ސަރުކާރުގެ ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ނިސްބަތް އާބާދީއާ އަޅާބަލާއިރު ވަރަށް ކުޑަ ނަމަވެސް، ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ހަރަކާތްތެރިވަނީ ޕަބްލިކް ސެކްޓަރުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ އިގްތިސާދުވެސް ހަރުދަނާ އުސޫލުތަކަކުން ބަލަހައްޓައި، އިގްތިސާދު އިތުރު ހަރުފަތަކަށް ގެންދަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319