މި ސަރުކާރުގައި މާލެ އަތޮޅު ހޮސްޕިޓަލްގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި އިރާދަކުރެއްވިއްޔާ މާލެ އަތޮޅުގެ ރައްޔިތުންގެ އެ ހުވަފެނުގައި މިސަރުކާރުން ކުލަ ޖައސައިދޭނެ ކަމަށް ހެލްތް މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފައިން ވިދާޅުވީ މާލެ އަތޮޅު ޞިއްޙީ މަރުކަޒަށް 32 އަހަރު ފުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރޭ ތުލުސްދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ މާލެ އަތޮޅު ހޮސްޕިޓަލް އެޅުމުގެ މަސައްކަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ ވަނީ މި ސަރުކާރުން މާލެ އަތޮޅު ހޮސްޕިޓަލްގެ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
" އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ އެ ހުވަފެނުގައި ( ހޮސްޕިޓަލް ) މިސަރުކާރުން ކުލަ ޖައސައިދޭނެ. އެކަން ހަގީގަތަކަށް ހައްދަވއަިދެއްވާނެ" : މިނިސްޓަރ ނާޒިމް
މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް ވީހާވެސް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތާއި ގުޅޭކަންކަން ފިނޭންސް މިނިސްޓްރީއާއި އެކު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މި ރަސްމިއްޔާތުގައި މާލެ އަތޮޅު ޞިއްޙީ މަރުކަޒަށް ޚިދުމަތް ކުރަމުންދާ މުވައްޒަފުންނަށް އަގުވަޒަންކޮށް ވަނީ ހަނަދާނީ ފިލާ ދެއްވާފައެވެ. މީގެ އިތުރުން ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކަށްވެސް އެކަމުގެ އަގުވަޒަންކޮށް ޝަރަފުގެ ފިލާވަނީ އަރުއްވާފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްމުވައްޒަފުން ބައިވެރިވަޑައިގެންނެވިއެވެ.