logo

ރާއްޖޭގައި 49 މީހުންނަށް އެއިޑްސް ޖެހިފައިވޭ!

profile

އައިޝަތު އިނާޝާ - 02 ޑިސެމްބަރު 2024 - 13:31

aids-red-ribbon-1.jpg

aids-red-ribbon-1.jpg

ރާއްޖޭގައި އެއިޑްސް ޖެހިފައިވާ މީހުންގެ އަދަދު 49 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ.

އެއިޑްސް ދުވަހާއި ގުޅުވައިގެން އެޗްޕީއޭ އިން ބުނީ ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު 31 އޮކްޓޫބަރު 2024 ގެ ނިޔަލަށް މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 49 އަށް އަރާފއިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 7 އަންހެނުންނާއި 43 ފިރިހެނުން ކަމަށެވެ.

މި ބަލީގައި 16 މީހުން މިހާރު ދުނިޔެ ދޫކޮށްފައިވާއިރު ،މި ވަގުތު 32 މީހުން ބައްޔަށް ފަރުވާހޯދަމުން ދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗް.އައި.ވީ އަކީ އެއްކޮށް ފަސޭހަ ކުރެވޭ ބައްޔެއް ނޫނެވެ. ނަމަވެސް ކަނޑައެޅިފައިވާ ފަރުވާ ޤަވާއިދުން ބޭނުންކުރާނަމަ ދިގު މުއްދަތަކަށް ސިއްޙަތު ރަނގަޅު މީހެއްގެ ގޮތުގައި އާއްމު ދިރިއުޅުމެއް އުޅެވެއެވެ.

ގަވާއިދުން ފަރުވާ ކުރާނަމަ ވައިރަސް ހުރި މީހެއްގެ ގައިން އެހެން މީހެއްގެ ގަޔަށް ވައިރަސް ވާސިލް ނުވާ މިންވަރަށް ލޭގައި ވައިރަސް ހުންނަ މިންވަރު ދަށްކޮށްލައެވެ. އެހެންކަމުން ބަލި ޖެހިފައިވާ މީހުން ޤަވާއިދުން ބޭސް ބޭނުންކުރުމަކީ ބަލި ފެރުތުން ހުއްޓުވުމަށްވެސް އެޅޭ ފިޔަވަޅެކެވެ.ބަލާބެލުމަށް ސިއްހަތު ރަނގަޅު މީހެއް ކަމުގައި ވިޔަސް، އޭނާއަށް އެޗް.އައި.ވީ ޖެހިފައި ހުރެދާނެއެވެ.

ބަލި ފެތުރޭ ގޮތްތައް

- ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގައިފިނަމަ، އެޗް.އައި.ވީ ޖެހުމުގެ ފުރުސަތު އޮވެއެވެ.

- ސިރިންޖު ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާ ތަކެތި ބޭނުންކުރާއިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުންކުރުމުން އެޗް.އައި.ވީ ޖެހުމުގެ ފުރުސަތު ބޮޑުވާނެއެވެ.

- އެޗް.އައި.ވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރުއާއި ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން ދަރިފުޅަށް އެޗްއައިވީ ޖެހިދާނެއެވެ.

- އެޗް.އައި.ވީ ވައިރަސް ހުރި ލޭ އެޅިއްޖެނަމަ އެޗް.އައި.ވީ ޖެހިދާނެއެވެ.


އެޗް.އައި.ވީ އިން ރައްކާތެރިވެވޭނެ ގޮތްތައް

- އެޗް.އައި.ވީޖެހިފަ ނުވާ ވަފާތެރި އެއް ބައިވެރިއަކާއެކު ޖިންސީ ގުޅުން ހިންގުމުން އެޗް.އައި.ވީ ޖެހުމުގެ ފުރުސަތު ކުޑަކުރެވެއެވެ.

- ޖިންސީ ގުޅުން ހިންގާއިރު ކޮންޑަމް ނުވަތަ ހުރަސް ބޭނުން

- އެކަކު ބޭނުންކޮށްފަ ހުންނަ ސިރިންޖު / ކަށި ފަދަ ތަކެތި އަނެކަކު ބޭނުން ނުކުރުން

- އެޗް.އައި.ވީ ޖެހުމުގެ ރިސްކު ބޮޑު ފަރާތްތަކުން ޞިއްޙީ ޚިދުމަތްތެރިންގެ ލަފާގެ މަތިން އެޗް.އައި.ވީއިން ރައްކާތެރިވުމަށްޓަކައި ދެވޭ ފަރުވާ (ޕްރެޕް) ކަނޑައެޅިފައިވާގޮތުގެ މަތިން ފުރިހަމަކުރުން

- މާބަނޑު ދުވަސްވަރު ފުރަތަމަ 3 މަސް ތެރޭގައި އެޗް.އައި.ވީއަށް ޓެސްޓު ކުރުން އަދި ނަތީޖާ ޕޮޒިޓިވް ވެއްޖެނަމަ ކަނޑައެޅިފައިވާ ފަރުވާ ފުރިހަމަކުރުމުން ދަރިފުޅަށް އެޗް.އައި.ވީ ވާސިލްވުމުން ރައްކާތެރިކުރެވޭ.

2024 ވަނަ އަހަރުގެ އެއިޑްސް ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ " އެޗް.އައި.ވީ އާއެކު ދިރިއުޅުން" މިޝިއާރެވެ. މިޝިޢާރު ދޭހަކޮށްދެނީ އެޗް.އައި.ވީ ހުރިކަން އަވަހަށް ދެނެގަނެ، ޤަވާއިދުން ފަރުވާކުރަން ފަށައިފިނަމަ، އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނެކޭ އެއްގޮތަށް މުޖުތަމަޢުގައި އާއްމުދިރިއުޅުމެއް އުޅެވިދާނޭކަމެވެ. މިޝިއާރުގެ ދަށުން މިއަހަރު ދުނިޔޭގޭ އެއިޑްސް ދުވަހާ ގުޅުވައިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިސްނަގައިގެން ފުވައްމުލަކުގައި، ހޮސްޕިޓަލް އަދި ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން ގުޅިގެން ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ރޭވިފައިވެއެވެ.

އެޗް.އައި.ވީ ވައިރަސް ހަށިގަނޑަށް އެރުމަށްފަހު، އަހަރުތަކެއްގެ ތެރޭގައި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިކޮށްލައެވެ. މީގެ ސަބަބުން އާއްމުކޮށް ނުޖެހޭ އެތައް ބަލިތަކެއް ޖެހެންފަށައެވެ. އެއިޑްސް ޖެހިފައިވާ ކަމަށް ބެލެވެނީ އެހިސާބުންނެވެ.

އެޗް.އައި.ވީ އަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީޓްމަންޓެވެ. 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް މިފަރުވާ އަންނަނީ ދެމުންނެވެ. މިއީ މުޅިން ހިލޭ ފޯރުކޮށްދެވޭ ފަރުވާއެކެވެ. އަދި އެޗް.އައި.ވީ އިން ރައްކާތެރިވުމުގެ ގޮތުން ދެވޭ ފަރުވާ Pre-exposure prophylaxis or PrEP ވެސް ރާއްޖޭގައި ލިބެން ހުރެއެވެ.


https://wamco.com.mv/
tel:+9607331319