
އިންޑިއާ އަދި ސަޢޫދީ ޢަރަބިއްޔާއަށް ސަފީރުން ޢައްޔަން ކުރައްވައިފި-- ފޮޓޯ: ރައީސް އޮފީސް
އިންޑިއާ އަދި ސަޢޫދީ ޢަރަބިއްޔާއަށް ސަފީރުން ޢައްޔަން ކުރައްވައިފި

އައިމިނަތު ރޫޔާ - 30 އޮކްޓޯބަރު 2024 - 08:09
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން އިންޑިއާ އަދި ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ.
އެގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު، ރިޕަބްލިކް އޮފް އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަން ކުރެއްވީ މާފަންނު ބީނާފުށި، އަލްފާޟިލާ ޢާއިޝަތު ޢަޒީމާއެވެ.
އަދި އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ މާފަންނު ވެސްޓްސައިޑް، އަލްފާޟިލް އަޙްމަދު ސަރީރެވެ.
އަހުމަދު ސަރީރު އައްޔަންކުރުމަށް އިއްޔެ ރައްޔިތުން މަޖިލީހުން ވަނީ 86 މެމްބަރުންގެ ވޯޓާއެކު ރުހުން ދީފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޮރިން ސެކެޓްރީއަކަށް ހުންނެވި ސަރީރަކީ 1987 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހާރިޖިއްޔާގެ އެކި މަގާމުތަކުގައި، އެކި ފެންވަރުގެ މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް އަޒީމާ އައްޔަނުކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމީ މިމަހުގެ 15 ގައެވެ. ކޮމިޓީގެ ނިންމުމާ އެއްގޮތަށް އެ މަގާމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ރުހުން ދިނީ 79 މެމްބަރުންގެ ވޯޓާ އެކުއެވެ.
އަޒީމާ ވަނީ ދިވެހި ހާރިޖިއްޔާއަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައެވެ. މީގެކުރިން އޭނާ ވަނީ ދިވެހި ހާރިޖިއްޔާގެ އެކި ފެންވަރުގެ މަގާމުތައް ފުރުއްވާފަ އެވެ. ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީގެ މަގާމުގައި މިހާރުވެސް ހުންނެވި އަޒީމާއަކީ ފޮރިން މިނިސްޓްރީގެ އިންޑިއާ ޑިވިޝަންގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅާ އެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން