logo

ފަތުރުވެރިން އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ނުނަގަން ނިންމައިފި

profile

އައިމިނަތު ރޫޔާ - 09 ނޮވެމްބަރު 2024 - 22:30

ރާއްޖޭގެ އެއަރޕޯޓުގައި ފަތުރުވެރިންތަކެއް

ރާއްޖޭގެ އެއަރޕޯޓުގައި ފަތުރުވެރިންތަކެއް

ޓޫރިސްޓު ވިސާގައި ރާއްޖެއަށް އަންނަ މީހުން އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ނުނަގަން ކަސްޓަމްސް އިން ނިންމައިފިއެވެ.

ކަސްޓަމްސް އިން މިއަދު ވަނީ ފަތުރުވެރިން ދުންފަތުގެ ބާވަތްތައް އެތެރެކުރުމާބެހޭ ގައިޑްލައިން އިސްލާހުކޮށް އައު ސާރކިއުލާ އެއް ނެރެފައެވެ.ކަސްޓަމްސް އިން ބުނީ އަމިއްލަ ބޭނުންތަކަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުމުގެ ހުއްދަ ލިބެނީ ހަމައެކަނި ޓޫރިސްޓް ވިސާގައި ދަތުރުކުރާ ފަރާތްތަކަށް ކަމަށެވެ.

ކަސްޓަމްސް އިން ބުނީ 18 އަހަރުން މަތީގެ ފަތުރުވެރިންނަށް 200 ސިނގިރޭޓު ނުވަތަ 25 ބިޑި ސުއްޓާ ނުވަތަ 250 ގްރާމްގެ ދުންފަތް ޑިއުޓީއަކާއި ނުލައި އެތެރެކުރެވޭނެއެވެ.

ކަސްޓަމްސް އިން ބުނީ މި ލިމިޓްތަކަށްވުރެ އިތުރުވާ އަދަދުތައް ކަސްޓަމްސްއިން ގިނަވެގެން 30 ދުވަހުގެ މުއްދަތަށް ހިފެހެއްޓާނެ ކަމަށެވެ.

މީގެއިތުރުން ކަސްޓަމްސް އިން ބުނީ ފަތުރުވެރިން ނޫން ދަތުރުވެރިން ގެންނަ ދުންފަތުގެ ބާވަތެއް ނުވަތަ ހެލްތު މިނިސްޓްރީގެ ލޭބަލިން ޝަރުޠު ހަމަނުވާ އެއްވެސް އެއްޗެއް ގެނެސްފިނަމަ ކަސްޓަމްސްއިން އަތުލެވޭނެ ކަމަށެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިނގިރޭޓާއި ބިޑިން ނަގާ ޓެކުހާއި އެތަކެތިން ނަގައި އިމްޕޯޓް ޑިއުޓީވެސް ވަނީ ބޮޑުކޮށްފައެވެ. އެއާއެކު، ސިނގިރޭޓާއި ބިޑިން ނަގައި ޑިއުޓީ ވަނީ ތިން ރުފިޔާއިން އަށް ރުފިޔާއަށް އުފުލިފައެވެ. މިހާރު ސިނގިރޭޓް ފޮއްޓެއްގެ އަގަކީ 250 ރުފިޔާއެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މި މަހުގެ 15 އިން ފެށިގެން މަނާކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ނިންމާފައެވެ.

https://int.etukuri.mv/
tel:+9607331319