logo
މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ވާދަކުރި މެޗުގެ ތެރެއިން...

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ވާދަކުރި މެޗުގެ ތެރެއިން...

ވާދަވެރި ކުޅުމަކަށްފަހު ޔުނައިޓެޑުން ފުލަމް ބަލިކޮށްފި

profile

ހަސަން ޝަމްއޫން - 02 ފެބްރުއަރީ 2026 - 03:30

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑުން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

https://wamco.com.mv/

ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެމެޗުގައި ތާވަލު އެންމެ ކުރީގައި އޮތް އާސެނަލް އަދި މެންޗެސްޓާ ސިޓީ އަތުން މޮޅުވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން އެޓީމު ޖެހިޖެހިގެން ތިން މެޗުން މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. އަދި ލީގުގައި ފުލަމް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޔުނައިޓެޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކަސަމީރޯ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މެތިއަސް ކުންޔާ އެވެ.

ފުލަމް އިން ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 85 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ރައުލް ހިމެނޭޒް އެވެ. އަދި އެޓީމު މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ކެވިން އެވެ.

ނަމަވެސް ޖެހިގެންއައި މިނެޓުގައި ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ސްލޮވޭނިއާގެ ފޯވާޑް ބެންޖަމިން ޝެސްކޯ އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 24 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 41 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި ފުލަމް ލީގުގައި ކުޅުނު 24 މެޗުން ހޯދި 34 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay