ހިތަދޫ - ހުޅުމީދޫ ބުރިޖުގެ ޑިޒައިން މަސައްކަތް އަރަބި ކުންފުންޏަކަށް
ޝުރުފާ މުހައްމަދު - 19 ފެބްރުއަރީ 2024 - 06:23
އައްޑޫ ހިތަދޫ އަދި ހުޅުމީދޫ ގުޅައިދޭ ބްރިޖުގެ ސަރވޭ ފެށުމަސް އަރަބް ކޮންޓްރެކްޓަރސް ކުންފުންޏާއި އެކު އެއްބަސްވުމުގައި ސޮއިކުރުން--- ފޮޓޯ: ރައީސް އޮފީސް
އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުމީދޫ ގުޅުވާ ބްރިޖުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސަރވޭގެ މަސައްކަތް އަރަބި ކުންފުންޏަކާ ހަވާލްކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ މިސްރުގެ "ދަ އަރަބް ކޮންޓްރެކްޓަރސް" ކިޔާ ކުންފުންޏަކާއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ދެކުނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އައްޑޫ ސިޓީ ހުޅުމީދޫ އަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މި އެއްބަސްވުމުގައި ސަރޔުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާ ސްޓްރަކްޗަރ ޑރ. އަހުމަދު މުއްތަލިބެވެ. އަދި އަރަބް ކޮންޓްރެކްޓަރސް ގެ ފަރާތުން ސޮއިކުރެއްވީއެ ކުންފުނީ ގެ ބޯޑް މެމްބަރ ހެބާ އަހުމަދު އަބޫ ލައިލާއެވެ.
މިސްރުގެ އަލް އަރަބް ކުންފުނިން މި މަޝްރޫއުގެ ސަރވޭ ހަދައިދޭނީ ހިލޭ އެހީގެ ދަށުންނެވެ. އެކަމަކު މި އަހަރުގެ ބަޖެޓުގައި މި މަޝްރޫއުގެ ސަރވޭ ހެދުމަށް 30 މިލިއަން ރުފިޔާވެސް ހިމަނާފައިވެއެވެ.
އަރަބް ކޮންޓްރެކްޓަރސް ކުންފުންޏަކީ މިޑްލް އީސްޓުގައި މިފަދަ މަސައްކަތްތަކުގެ ލީޑިންގ އެއް ކުންފުންޏެވެ. އެގޮތުން އިރާގް އެޖިޕްޓް، ލުބްނާން، އަދި ގަތަރު ފަދަ ބޮޑެތި ގައުމުތަކުގައި ބްރިޖާއި މަގު ހެދުމުގެ މަޝްރޫއުތައް މި ކުންފުނިން ހިންގާފައިވެއެވެ.
އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ގުޅާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 2018 ވަނަ އަހަރުގެ އިންތިޚާބާއި ދިމާކޮށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ. އެކަމަކު އެ ިންތިޚާބު ނާކާމިޔާބުވުމަށް ފަހު ދެން އައި 2023 ވަނަ އަހަރުގެ އިންތިޚާބުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ ރައީސް ޔާމީންގެ އެ ވައުދު ފުއްދަވާދެއްވާނެ ކަމުގެ ޔަގީންކަން އައްޑޫ ސިޓީގެ ރައްޔިތުންނަށް އަރުވާފައެވެ.
އޭގެ ފަހުން ވެސް އެކި ޕްލެޓްފޯމްތަކުގައި އެމަނިކުފާނު މި ބުރިޖާއި ގުޅޭގޮތުން ވާހަކަދައްކަވާފައިވާއިރު، މި ބުރިޖުގެ އަމަލީ މަސައްކަތް އެމަނިކުފާނުގެ މި ދައުރުގެ ތެރޭގައި އެއްކޮށް ނިންމަނާވެ ކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން އިއްޔެ އައްޑޫ ސިޓީ މަރަދޫގައި ބޭއްވި ޖަލްސާގައި ވެސް އެމަނިކުފާނު ވަނީ މި މަޝްރޫއު މި އަހަރު ފަށާނެ ކަން އިއުލާންކުރައްވާފައެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދާނީ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެންމެ ފައިދާ ވާނެހެން، އިގްތިސާދީ ގޮތުން ރާއްޖެ އަށް މަންފާ ލިބޭނެ އުސޫލަކުން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މި ބުރިޖުގެ މަސައްކަތަށް ސަރވޭ ހެދުން މިހާރު ހަވާލުކޮށްފައިވާއިރު، ދާދި ފަހުން ޗައިނާގައި ބޭއްވި އިންވެސްޓަރސް ފޯރަމްގައި ވެސް އިންވެސްޓަރުން ހޯދުމަށް ހުޅުވާލި މަޝްރޫއުތަކުގެ ތެރޭގައި މި މަޝްރޫއު ހިމެނެއެވެ. އަދި އެ ފޯރަމްގައި ބައިވެރިވި ބައެއް ކޮންޓްރެކްޓަރުން މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރި ކަމަށް ވެސް އޭރު ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވެއެވެ.
އައްޑޫ ސިޓީގެ ފަސް ރަށް އެއްފަސްކޮށް އޮންނަ އިރު އެ ރަށްތަކާއި ވަކިން ހުޅުމީދޫ އޮންނަނީ ގާތްގަނޑަކަށް 16 ކިލޯމީޓަރ ދުރުގައެވެ. މި ދުރުމިނަކީ އައްޑޫ ސިޓީ ހިތަދޫ އާއި، ހުޅުމީދޫ އާއި އޮންނަ ދުރުމިނެވެ. ރާއްޖޭގައި މިހާތަނަށް އަޅާފައިވާ ބްރިޖުތަކަށް ބަލާއިރު އެންމެ ބޮޑު ބްރިޖަކަށް ވެސް ހުރީ މާލެ އާއި ހުޅުމާލެ އާއި ދެމެދު އަޅާފައިވާ ބްރިޖެވެ. އެއީ 2 ކިލޯމީޓަރުގެ ބުރިޖެކެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ސަރުކާރުގައި މާލެ ތިލަމަލެ އަދި ގުޅީފަޅު ބުރިޖަކުން ގުޅާލުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ބުރިޖުގެ ދިގުމިނަކީ ވެސް 6.7 ކިލޯމީޓަރެވެ. އެހެންވީމަ ހިތަދޫ އަދި ހުޅުމީދޫ ގުޅައިދޭ ބްރިޖު ވެގެންދާނީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު ބްރިޖަށެވެ.
ގުޅުން ހުރި ޙަބަރުތައް
ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން
ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން
"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން
ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން