logo
މީރާގެ ނަންބޯޑު---

މީރާގެ ނަންބޯޑު---

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.9 ބިލިއަން ރުފިޔާ

profile

ޖިނާން ޙުސައިން ޖަބީން - 14 ނޮވެމްބަރު 2026 - 10:48

މިއަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

https://wamco.com.mv/

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ލިބުނު މިއަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ 10 މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 1.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ ގާތްގަނޑަކަށް 4 އިންސައްތައިގެ އިތުރުވުމެކެވެ.

އަހަރުގެ މިހާތަނަށް ޖުމްލަ އާމްދަނީ އިތުރުވި ނަމަވެސް، ނިމިދިޔަ އޮކްޓޫބަރު މަހު ގްރީން ޓެކުހުން ލިބުނު އާމްދަނީ ވަނީ ކުރީ އަހަރަށްވުރެ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 172 މިލިއަން ރުފިޔާ ލިބުނުއިރު، މިއަހަރުގެ އޮކްޓޫބަރު މަހު ލިބިފައިވަނީ 156 މިލިއަން ރުފިޔާއެވެ.

ގްރީން ޓެކުހަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ. މި ޓެކްސް ނަގަމުން އަންނަނީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ދުވާލަކަށް 12 ޑޮލަރު، އަދި މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ދުވާލަކަށް 6 ޑޮލަރުގެ ރޭޓުންނެވެ. ނަމަވެސް، އުމުރުން ދެ އަހަރު ނުފުރޭ ތުއްތުކުދިން މި ޓެކުހުން އިސްތިސްނާވާނެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުން އަންނައިރު، މިވަގުތު ވެސް 185 ރިސޯޓާއި، 922 ގެސްޓްހައުސް، 164 ސަފާރީ އުޅަނދުގެ އިތުރުން 17 ހޮޓަލެއް ރާއްޖޭގައި ދަނީ ހިންގަމުންނެވެ.

ގްރީން ޓެކުހުން ލިބޭ އާމްދަނީ ސަރުކާރުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށެވެ. އެގޮތުން ރަށްރަށުގެ ގިރާ ސަރަޙައްދުތައް ހިމާޔަތްކުރުމާއި، ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތަކުގެ އިތުރުން، ކުނި މެނޭޖްކުރުމަށް ހިންގާ "ކްލީން އެންވަޔަރަމަންޓް" ފަދަ ތިމާވެއްޓާ ގުޅުންހުރި މުހިންމު ތަރައްގީގެ މަޝްރޫއުތަކަށް މި ފައިސާ ހަރަދުކުރެވެއެވެ.

https://wamco.com.mv/
tel:+9607331319