
މިދިޔަ ޖޫން މަހު އާމްދަނީގެ ގޮތުގައި މީރާ އަށް 2.92 ބިލިއަން ރުފިޔާ ލިބިއްޖެ

މުޙައްމަދު ފަޟްލޫން - 10 ޖުލައި 2026 - 08:52
މިދިޔަ ޖޫން މަހު އާމްދަނީގެ ގޮތުގައި މީރާ އަށް 2.92 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މީރާ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ޖޫން މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.92 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިއީ އެ މަހު ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށްވުރެ 14.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއީ 10.1 އިންސައްތައިގެ ކުރިއެރުމެކެވެ.
އާމްދަނީ އަންދާޒާކުރި ވަރަށްވުރެ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޖީ.އެސް.ޓީ، ބޭންކް އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުން ހިމެނެއެވެ.
މީގެއިތުރުން، މިއަހަރުގެ މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަންދާޒާކުރި މިންވަރަށްވުރެ 1.7 އިންސައްތަ އިތުރުވުމަކީ ވެސް ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ މަތިވުމަށް މެދުވެރިވި ސަބަބެކެވެ.
އާމްދަނީ އިތުރުވުމަށް ބާރުއެޅި އެހެނިހެން ކަންކަމުގެ ތެރޭގައި، ރިޒޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ، ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީ، އަދި ސީއެސްއާރު ފީގެ ގޮތުގައި އެއްފަހަރާ ލިބުނު ފައިސާ ހިމެނެއެވެ.
މިދިޔަ މަހު ލިބުނު ޖުމުލަ އާމްދަނީގެ 14.3 އިންސައްތައަކީ ކުރީގެ ސުންގަޑިތަކަށް ދައްކަންޖެހިފައިވާ ފައިސާއެވެ.
ޖުމްލަ އާމްދަނީގެ 23.4 އިންސައްތައަކީ ނުދެއްކި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުން ލިބުނު ފައިސާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.
ޖޫން މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 118.60 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޢަދާލަތު ޕާޓީ ޕީއެންސީއާ އިއްތިޙާދުވަނީ
5 ގަޑިއިރު ކުރިން

ޒަޔަނިސްޓުންނަށް އިޙްތިރާމްކުރުން މި ޤައުމުގައި ތަންފީޛެއް ނުކުރެވޭނެ: މަލީހް
6 ގަޑިއިރު ކުރިން

އިންފްލުއެންޒާ ފެތުރޭތީ ރައްކާތެރިވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި
10 ގަޑިއިރު ކުރިން

ބަނގުރަލުގެ ބޮޑު ނެޓްވޯކެއްގައި ހަރަކާތްތެރިވާކަމަށް ތުހުމަތުކުރާ ރަޝްވާންގެ ބަންދު އިތުރު!
11 ގަޑިއިރު ކުރިން


