
އިންފުލުއެންޒާ އަދި އަރިދަފުސް ރޯގާ ޖެހިފައިވާ މީހެއް، ފޮޓޯ: ސޯޝަލް މީޑިއާ
އިންފްލުއެންޒާ ފެތުރޭތީ ރައްކާތެރިވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި

އާމިނަތު ޝަޒްލާ - 14 ނޮވެމްބަރު 2026 - 13:49
މި ދުވަސްވަރު މާލެއާއި އަތޮޅުތެރޭގައި ވެސް އިންފުލުއެންޒާ އަދި އަރިދަފުސް ރޯގާގެ ކޭސްތައް ރިޕޯޓް ކުރެވޭ މިންވަރު ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާތީ، އެކަމުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގައި އެކި ދުވަސްވަރު އަރިދަފުސް ރޯގާއާއި ގައިންގަޔަށް އަރާ ބަލިތައް އިތުރުވަމުން އަންނައިރު، ފަހަކަށް އައިސް ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ދައްކާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ހާލަތާ ގުޅިގެން އެޗްޕީއޭއިން ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި، ބަލީގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން މައުލޫމާތުތަކެއް ހާމަކޮށްފައެވެ.
އެޗްޕީއޭއިން ފާހަގަކޮށްފައިވާ ގޮތުގައި އާދައިގެ އަރިދަފުސް ރޯގާއާއި އިންފްލުއެންޒާއަކީ އަލާމާތްތައް އެއްގޮތް ނަމަވެސް މުޅިން ތަފާތު ދެ ވައިރަހަކުން ޖެހޭ ދެ ބައްޔެކެވެ. އަދި އާދައިގެ ރޯގާއަކާ އަޅާބަލާއިރު އިންފްލުއެންޒާއިން މީހާގެ ހަށިގަނޑަށް ކުރާ އަސަރު މާ ބޮޑުވާނެ ކަމަށް ވެސް އެ އެޖެންސީން ވަނީ ހާމަކޮށްފައެވެ. އިންފްލުއެންޒާ ޖެހުމުން ގަދައަށް ހުންައައުމާއި، ގައިގައި ރިއްސުމާއި، ވަރުބަލިވުން ފަދަ އުނދަގޫތައް މާ ބޮޑަށް އިހުސާސް ކުރަންޖެހެއެވެ.
މީގެއިތުރުން، އިންފުލުއެންޒާ ޖެހިއްޖެނަމަ، ހާއްސަކޮށް ކުޑަކުދިންގެ ހާލަތު ގޯސްވުމުގެ ފުރުސަތު ބޮޑުކަން ސިއްހީ މާހިރުންނާ ހަވާލާދީ އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 5 އަހަރުން ދަށުގެ ކުދިންނަށް މި ބަލި ޖެހިއްޖެނަމަ ބަލީގެ ހާލަތު ސީރިއަސްވުން އެކަށީގެންވާ ކަމަށާއި، ވަކިން ހާއްސަކޮށް 2 އަހަރުން ދަށުގެ ތުއްތު ކުދިންގެ ހާލަތު އިތުރަށް ނާޒުކުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ހުން އައިސް ރޯގާޖެހޭ ކުޑަކުދިންގެ ފަރާތުން ފެންނަ ނުރައްކާތެރި އަލާމާތްތަކަށް މައިންބަފައިންނާއި ބަލަދުވެރިން ވަރަށް ބޮޑަށް ސަމާލުވުމަށް އެދެމުން އެޗްޕީއޭއިން ބުނީ، ކުޑަކުދިން 6 ގަޑިއިރު ނުވަތަ 8 ގަޑިއިރު ވަންދެން ކުޑަކަމު ނުދެވިއްޖެނަމަ އެއީ ސަމާލުވާންޖެހޭ ކަމެއް ކަމަށެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ނުވަތަ މާބޮޑަށް ވަރުދެރަވެ، ނޭވާލާން އުނދަގޫވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އިރުޝާދު ދީފައެވެ.
ރާއްޖޭގައި އިންފްލުއެންޒާ ކޭސްތައް ގިނަވާ މި ދަނޑިވަޅުގައި، ބަލިން ރައްކާތެރިވުމަށްޓަކައި ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމަށާއި، ކެއްސައި ކިނބިހި އަޅާއިރު ޓިޝޫއަކުން އަނގަމައްޗާއި ނޭފަތް ނިވާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލި ޖެހިފައިވާ މީހުން އާންމު އެއްވުންތަކަށް ނުދިއުމަށާއި، ގިނައިން ދިޔާތަކެތި ބޭނުންކުރުމުގެ އިތުރުން ހައި-ރިސްކް މީހުންނާއި ތުއްތުކުދިން އިންފްލުއެންޒާ ވެކްސިން ޖެހުމަށް ވެސް ސިއްހީ އިދާރާތަކުން ބާރުއަޅައެވެ.
ގުޅުން ހުރި ޙަބަރުތައް

ޢަދާލަތު ޕާޓީ ޕީއެންސީއާ އިއްތިޙާދުވަނީ
5 ގަޑިއިރު ކުރިން

ޒަޔަނިސްޓުންނަށް އިޙްތިރާމްކުރުން މި ޤައުމުގައި ތަންފީޛެއް ނުކުރެވޭނެ: މަލީހް
6 ގަޑިއިރު ކުރިން

ބަނގުރަލުގެ ބޮޑު ނެޓްވޯކެއްގައި ހަރަކާތްތެރިވާކަމަށް ތުހުމަތުކުރާ ރަޝްވާންގެ ބަންދު އިތުރު!
11 ގަޑިއިރު ކުރިން

ކެފޭއެއްގެ ތެރޭގައި ދެ މީހަކަށް އަނިޔާކޮށް ބިރުދެއްކި މައްސަލައެއްގަ ތިން މީހަކު ހައްޔަރަށް!
11 ގަޑިއިރު ކުރިން


