logo
އަދާލަތު ޕާޓީ - ފޮަޓޯ

އަދާލަތު ޕާޓީ - ފޮަޓޯ

ޢަދާލަތު ޕާޓީ ޕީއެންސީއާ އިއްތިޙާދުވަނީ

profile

މުޙައްމަދު އަނާން - 14 ނޮވެމްބަރު 2026 - 18:35

ހިނގަމުން މިދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށާއި، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު ކޯލިޝަން ހެދުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައިފިއެވެ.

https://wamco.com.mv/

މި ނިންމުން ނިންމާފައިވަނީ ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާއިން މަޝްވަރާ މަޖިލީހަށް ލިބިދީފައިވާ ބާރުގެ ދަށުން، އެ ޕާޓީން ފާސްކުރި ޚާއްޞަ ޤަރާރަކުންނެވެ.

ޢަދާލަތު ޕާޓީން ބަޔާންކޮށްފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ދީނީ ކަންކަން ހަރުދަނާކުރުމަށާއި، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމަށް ކުރައްވާ މަސައްކަތްތަކަށް ސިޔާސީ އެއްބާރުލުން ބޭނުންވާތީ، ޕީއެންސީއާއެކު އިއްތިޙާދުވުމަށް އެ ޕާޓީއަށް ރަސްމީކޮށް ދަޢުވަތު ދެއްވުމާ ގުޅިގެންނެވެ. މީގެއިތުރުން އިޤްތިޞާދު ރަނގަޅުކުރުމާއި ސިޔާސީ ހަމަޖެހުމާއި ޤައުމީ އެއްބައިވަންތަކަން ޤާއިމުކުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ މިވަގުތު ޤައުމަށް އެންމެ މަޞްލަޙަތު ހުރި ގޮތް ކަމަށް ވާތީއެވެ.

ޢަދާލަތު ޕާޓީން މިފަދަ ނިންމުމެއް މި ނިންމީ، ރަސްމާލެއިން 500 ހެކްޓަރުގެ ބޮޑު ބިމެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ހިލޭ ދީލައިލި ކަމަށް ބުނެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ދަނޑިވަޅެއްގައެވެ.

މަޝްވަރާ މަޖިލީހުން ފާސްކުރި ޤަރާރުގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި:

  • ސަރުކާރުގައި ބައިވެރިވުން: ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ދަޢުވަތު ޤަބޫލުކޮށް، މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުން.
  • 2028 ގެ އިންތިޚާބު: 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު ކޯލިޝަން ހަދައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކޮށް އެމަނިކުފާނު ހޮވުމަށް މަސައްކަތްކުރުން.
  • އެއްބަސްވުމުގައި ސޮއިކުރުން: ޕާޓީގެ މަޤްޞަދުތަކާއި މެންބަރުންގެ ޙައްޤުތަކަށް ރިޢާޔަތްކޮށް، ކޯލިޝަން އެއްބަސްވުން އެކުލަވާލުމަށްފަހު، ޕީއެންސީއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ އެންމެހައި ބާރުތައް ޢަދާލަތު ޕާޓީގެ ރައީސަށް ޙަވާލުކުރުން.

ޢަދާލަތު ޕާޓީން ފާހަގަކުރި ގޮތުގައި އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތާއި މިނިވަންކަން ރައްކާތެރިކޮށް، އިސްލާމީ އުޞޫލުތަކުގެ މަތީގައި ޤައުމު ބިނާކުރުމަކީ އެ ޕާޓީގެ އަސާސީ މަޤްޞަދެވެ. އެހެންކަމުން، މި އިއްތިޙާދުގެ ސަބަބުން ޤައުމުގެ ސިޔާސީ މަސްރަޙަށް އިތުރު ހަމަޖެހުމެއް ލިބި، ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އެ ޕާޓީން ދެކެއެވެ.

https://wamco.com.mv/
tel:+9607331319