
މައުރޫފް ޒާކިރު---
ދިވެހި ރައްޔިތުންގެ ހައްގުގައި މި ސަރުކާރުން ކޮށްދިން އެއްވެސް ކަމެއް ނެތް، ދައުލަތުގެ މާލިއްޔަތު ލޫޓުވައިފި: މައުރޫފް

ޖިނާން ޙުސައިން ޖަބީން - 08 ނޮވެމްބަރު 2026 - 12:24
ދިވެހި ރައްޔިތުންގެ ހައްގުގައި މި ސަރުކާރުން ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށާއި، މިހާތަނަށް ކުރިހާ ވެސް ކަމަކީ ދައުލަތުގެ މާލިއްޔަތު ލޫޓުވާލުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
"ދިވެހީންގެ ބިން ދިވެހިންނަށް" މި ނަމުގައި ހޮނިހިރު ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ކުއްލި އެއްވުމުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދިވެހި ރައްޔިތުން އިތުބާރު ކުރަންޖެހޭ އެއްވެސް ސަބަބެއް މިއަދު ނެތް ކަމަށެވެ. އަދި ސަރުކާރުގެ މަސައްކަތްތައް ފެއިލްވެ، ރައްޔިތުން ކުރަމުން އައި އުންމީދުތައް ގެއްލިފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މައުރޫފްގެ ވާހަކަފުޅުގައި، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއަ ދެކޮޅަށް ރައްޔިތުން ނުކުމެ އަޑު އުފުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ދިވެހި ބިމުގައި ބޭރުގެ ފަރާތްތައް ވަޒަންވެރިކުރުވުމާ ދެކޮޅަށް އަޑުއުފުލުމަށާއި، މި މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލުމަށްޓަކައި، މިހިނގާ ނޮވެންބަރު މަހުގެ 13 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި ބާއްވާ ބޮޑު އެއްވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެއިތުރުން މައުރޫފް ވިދާޅުވީ، މިފަދަ ހަރަކާތްތަކާ ދެކޮޅަށް ނުކުންނާނީ ކިހާ އަދަދެއްގެ ރައްޔިތުންތޯ ބެއްލެވުމަށް ރައީސް މުއިއްޒު ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަރަށް އިސް ލީޑަރަކު އޭނާ ގާތުގައި ވިދާޅުވި ކަމަށެވެ. އަދި މި ހަރަކާތުގައި އާންމު ރައްޔިތުން ބައިވެރިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށް ވެސް މައުރޫފް ވަނީ ހާމަކުރައްވާފައެވެ.
އެހެންކަމުން، މި މަޝްރޫއާ މެދު ރައްޔިތުން ދެކޭގޮތް ސަރުކާރަށް ސާފުކޮށްދިނުމުގެ ގޮތުން، އެއްވުމުގައި ބައިވެރިވުމުގެ އިތުރުން މީސްމީޑިއާގައި މި މަޝްރޫއާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ލޯގޯ ބޭނުންކުރުމަށް މެންބަރު މައުރޫފް ވަނީ އެދިވަޑައިގެންފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަޖިލީސް ރައީސްގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމާ ގުޅޭ ކުއްލި މައްސަލަ ރިޔާސަތުން ބަލައެއް ނުގަތް!
13 ދުވަސް ކުރިން

ރިސޯޓްތަކަށް އާންމުދަނީ ލިބޭ ޑޮލަރުގެ %40 މާރުކުރުކުރުން މަޖުބޫރު ކުރާ ބިލް މަޖިލީހުން ބޭރުކޮށްލައިފި!
2 މަސް ކުރިން

ކައުންސިލްތަކަށް ދެން އޮތީ ހަމަ އެކަނި ވިހާ، މަރުވާ ހިސާބު ބެލުން އެކަނި: މައުރޫފް
3 މަސް ކުރިން

މައުރޫފް ޑޮކްޓަރަށް ގެންދިޔައީ ބަންދުގައި ހުންނަވަނިކޮށް ދިމާވި ކަމަކުން ނޫން: ފުލުހުން
އަހަރެއް ކުރިން


