
ކައުންސިލަރުންގެ އަދަދު މަދުކުރާ ބިލް ފާސްކޮށްފި

ޝަހްޒާ މުޙައްމަދު - 27 ނޮވެމްބަރު 2025 - 11:42
ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފިއެވެ.
އަތޮޅު ކައުންސިލްތައް އުވާލައި، ރަށާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ޤާނޫނުތަކަށް ހުށަހެޅި އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކުރީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ހުށަހެޅި ބިލުތައް ދިރާސާ ކުރުމަށް މަޖިލީހުން އެކުލަވައިލި ވަގުތީ ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމުންނެވެ.
ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާޙުގެ ދަށުން އެ ޤާނޫނުގައި އެކި މާއްދާތަކުގައި އަތޮޅު ކައުންސިލްތަކާއި ގުޅޭގޮތުން މިހާރު ހުރި ބައިތައް އުނިކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. އެ ބިލު ފާސްކުރުމަށް ވަގުތީ ކޮމިޓީން ނިންމީ، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވޭ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ އުސޫލު ބަދަލުވުން ހިމެނެ އެވެ. އިސްލާޙުތަކުގައިވާ ގޮތުން، ރަށެއްގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ، އެ ރަށަކުން އިންތިހާބު ކުރާނީ ތިން ކައުންސިލަރުންނެވެ. ނަމަވެސް، 2000 އަށް ވުރެ ބޮޑެތި އާބާދީތަކުން މިހާރު އޮންނަ ގޮތަށް ފަސް ކައުންސިލަރުން ހޮވާނެ އެވެ.
ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގައި ވެސް ބަދަލުތަކެއް ހިމެނެ އެވެ. އެގޮތުން އާބާދީ 10,000 އާއި 25,000 ދެމެދުގެ ސިޓީތަކަށް މޭޔަރު ހިމެނޭހެން 7 ކައުންސިލަރުން، 25,000 އާއި 50,000 އާ ދެމެދުގެ ސިޓީތަކަށް 11 ކައުންސިލަރުން، އަދި 50,000 އަށްވުރެ އިތުރުނަމަ 15 ކައުންސިލަރުން އިންތިޚާބު ކުރެވޭނެ އެވެ.
މީގެއިތުރުން މާލެ ސިޓީއިން އިންތިހާބު ކުރާނީ ރައްޔިތުންގެ މަޖިލީހުގައި އެ ސިޓީތަކުން މެންބަރުން އިންތިހާބު ކުރާ އަދަދަށެވެ. އަދި ފުވައްމުލަކު ސިޓީގެ ކޮންމެ އަވަށަކުން ކައުންސިލަރަކު އިންތިހާބު ކުރާނެ ކަމަށް ވެސް އިސްލާޙުގައި ބަޔާންކޮށްފައިވެ އެވެ.
ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކަނޑައެޅުމަށް ހުށަހަޅާފައިވަނީ، ހުރިހާ ދާއިރާއެއް ހަމަހަމަވާ ގޮތަށް ދައުރުވާނެ އުސޫލެއްގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ގޮތަކަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވޭ އިސްލާޙުތަކުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އިތުރު ބާރުތަކެއް ދިނުމަށް ޚާއްޞަ މާއްދާތަކެއް ހިމަނާފައިވެ އެވެ. މި ބަދަލުތަކުގެ ދަށުން، ކޮންމެ އިދާރީ ދާއިރާއެއްގައި އެލްޖީއޭގެ އޮފީސްތައް ހިންގުމުގެ ބާރު އެ އިދާރާއަށް ލިބިގެންދެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބުންނަށް ޢިނާޔަތް ދޭ ބިލް ފާސްކޮށްފި
20 ދުވަސް ކުރިން
(1).png&w=3840&q=75)
ރިޔާޒް، ގަޕޯއަށް: އެންމެ ފުރަތަމަ މަނިކުފާނު ނަމޫނާ ދައްކަވާ، ރިޓަޔަމަންޓް ނެންގެވުން ހުއްޓަލައްވާ!
24 ދުވަސް ކުރިން

ނުރައްކާތެރިކޮށް ދުއްވުން ޖިނާއީ ކުށަކަށްހަދާ، ގަވާއިދާ ޚިލާފަށް ދުއްވާ ފަރާތްތަކަށް ބޮޑެތި އަދަބު
24 ދުވަސް ކުރިން

ކުރީގެ ރައީސުން އޮފީސް ހިންގުމުގެ ފައިސާ އުނިކޮށް ނައިބުންނަށް އެލަވަންސް ދެނީ
24 ދުވަސް ކުރިން


