
ފޮޓޯ: ފޮރިން މިނިސްޓްރީ
ޔޫޕީ.އާ.ރު. ވަރކިންގ ގްރޫޕްގެ 50 ވަނަ ސެޝަންގައި ރާއްޖޭގެ ވަފްދު ބައިވެރިވާނެ: ފޮރިން މިނިސްޓްރީ

އައިޝަތު އިބްރާހިމް - 04 ނޮވެމްބަރު 2025 - 12:46
ޔޫޕީ.އާ.ރު. ވަރކިންގ ގްރޫޕްގެ 50 ވަނަ ސެޝަންގައި ރާއްޖޭގެ ވަފްދު ބައިވެރިވާނެ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާރޒުން ބުނެފިއެވެ.
ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫ.ޕީ.އާރު.) ގެ ވަރކިންގ ގްރޫޕުގެ 50 ވަނަ ސެޝަން ޖެނީވާގައި މިއަދު ވަނީ ފަށާފައެވެ.
ދެ ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ސެޝަން ނިމޭނީ 14 ނޮވެމްބަރ 2025 ގައެވެ. މި ސެޝަންގައި އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕުން ދިވެހިރާއްޖެ ހިމެނޭގޮތަށް، 14 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ރެކޯޑްތައް ބަލާނެއެވެ.
ދިވެހިރާއްޖޭގެ 4 ވަނަ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ 5 ނޮވެމްބަރ 2025ގައެވެ. މި ރިވިއުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ ނިޒާމުތަކާ ގުޅިގެން ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ސެޝަންގައި ދިވެހިރާއްޖޭގެ ވަފުދުން ބައިވެރިވެ، މި ސެޝަންގައި ހިމެނޭ އެހެނިހެން ޤައުމުތަކަށް ބިނާކުރަނިވި ރިކޮމެންޑޭޝަންތައް ހުށަހަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕުން ކޮންމެ އަހަރަކު 3 ސެޝަނެއް ބާއްވައެވެ. ޔޫ.ޕީ.އާރު.ގެ 4 ވަނަ ސައިކަލް 2022 ވަނަ އަހަރުގެ ނޮވެމްބަރ މަހު ފަށާފައިވާއިރު، މި ސައިކަލް ނިމޭނީ 2027 ވަނަ އަހަރުގައެވެ. ޔޫ.ޕީ.އާރު. އަކީ އދ.ގެ މެންބަރު ޤައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ދިރާސާ ކުރުމަށް ޤައުމުތަކުން އިސްނަގައިގެން ހިންގާ ޕްރޮސެސްއެކެވެ.
މި ނިޒާމުގެ ސަބަބުން ކޮންމެ ޤައުމަކަށްވެސް އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި ވެފައިވާ ވަޢުދުތައް ފުއްދުމުގައި ހޯދާފައިވާ ކުރިއެރުންތައް ރިޕޯޓް ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މި މަސައްކަތަށް ފަހިކޮށްދިނުމުގެ ގޮތުން ކޮންމެ ރިވިއުއަކަށް 3 ޤައުމެއްގެ މައްޗަށް އެކުލެވޭ "ޓްރޮއިކާ" އެއް ކަނޑައެޅިފައިވާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން މި ސެޝަންގައި ދިވެހިރާއްޖެއަކީ ޖެމެއިކާގެ ރިވިއު އަށް ކަނޑައެޅިފައިވާ ޓްރޮއިކާގެ މެމްބަރު ޤައުމެކެވެ.
ޔޫ.ޕީ.އާރު. ގެ 50 ވަނަ ސެޝަންގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
އަދި މިވަފުދުގައި ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަންގެ ކައުންސެލަރ އަލްފާޟިލް އާދަމް ހާމިދާއި ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް އާއި ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ ޢާއިޝަތު ރަޔާހީން އާއި އެޓާޗޭ އަލްފާޟިލް މުޙައްމަދު ރާއިދު ސައީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖީލީހުގެ ނައިބު ރައީސްގެ ޙައިސިއްޔަތުން ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު، ޔޫ.ޕީ.އާރު. ގެ މި ސެޝަންގެ ބައެއް ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓެވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ދުނިޔޭގެ އެންމެ މަގްބޫލް މަންޒިލްގެ އެވޯޑް 6 ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ
18 ގަޑިއިރު ކުރިން

ދިރާސީ އައު އަހަރަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ފޮނުވަން ފަށައިފި
20 ގަޑިއިރު ކުރިން

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި
20 ގަޑިއިރު ކުރިން

ނޮވެމްބަރު މަހު އަސާސީ ކާބޯތަކެތީގެ އަގުތަށް ދަށަށް ގޮސްފި
21 ގަޑިއިރު ކުރިން


