logo

ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

profile

މުޙައްމަދު ފަޟްލޫން - 21 ޖެނުއަރީ 2026 - 18:54

ދިވެހިރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކް ޕްލެޓްފޯމް ބޭނުންކޮށްގެން މަންފާ ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ޓިކްޓޮކްގެ އިސްވެރިންނާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

https://wamco.com.mv/

މި ބައްދަލުވުން ކުރިއަށްދިޔައީ ސްވިޒަލޭންޑުގެ ދާވޯސްގައި ބޭއްވުނު ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޓިކްޓޮކްގެ އިސް މަންދޫބުންނާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދިވެހި ޒުވާނުންނަށް އެ ޕްލެޓްފޯމް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ދިވެހި އުފެއްދުންތެރިންނަށް ޑިޖިޓަލް އިގްތިސާދުގެ ތެރެއިން އައު ފުރުސަތުތަކެއް ހޯދައިދިނުމެވެ. މިނިސްޓަރ ސައީދު ވިދާޅުވީ، މި މަސައްކަތުގެ އަމަލީ ނަތީޖާއަކާ ހަމައަށް ވާސިލްވުމަށްޓަކައި ޓިކްޓޮކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ މިފަދަ ޕްލެޓްފޯމްތަކާއެކު ގާއިމުކުރެވޭ ގުޅުންތަކުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަގުވާމީ ބާޒާރުގައި ފުރުސަތުތައް ހުޅުވި، ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރ ސައީދު ފާހަގަކުރެއްވިއެވެ. އަދި ޓިކްޓޮކުން ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްތައް ހޯދުމަށްޓަކައި، އެ ކުންފުނީގެ ރީޖަނަލް އޮފީސްތަކާއެކުވެސް މިހާރު މަޝްވަރާތައް ފަށާފައިވާކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319