logo
ފެރާން ޓޮރޭސް

ފެރާން ޓޮރޭސް

ޓޮރޭސްގެ ދެލަނޑާއެކު ބިލްބާއޯ ބަލިކޮށް ބާސެލޯނާ އެއްވަނައަށް

profile

ހަސަން ޝަމްއޫން - 23 ނޮވެމްބަރު 2025 - 04:25

ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި އެތްލެޓިކް ބިލްބާއޯ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

https://wamco.com.mv/

ލީގުގައި ބާސެލޯނާ އިން އެންމެ ފަހުން ކުޅުނު މެޗުގައި 4-2 ގެ ނަތީޖާއަކުން ސެލްޓަ ވީގޯ އަތުން މޮޅުވެފައިވާއިރު، ލީގުގައި އެތްލެޓިކް ބިލްބާއޯ އިން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 އޮވިއޭޑޯ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ދެލަނޑުގެ ލީޑެއް ހޯދިއިރު، އެޓީމުގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވޮންޑަސްކީ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފޯވާޑް ފެރާން ޓޮރޭސް އެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ބާސާގެ ތިންވަނަ ލަނޑު ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒް ކާމިޔާބުކުރިއިރު، މިމެޗުގައި ބިލްބާއޯއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި އެޓީމުގެ މިޑްފީލްޑަރު ސަންސެޓަށް ރަތްކާޑު ދައްކައި ދަނޑު ފޮނުވާލުމުންނެވެ.

މިއާއެކު މެޗުގެ ބާކީބައި ބިލްބާއޯ އިން އެއްކުޅުންތެރިއަކު މަދުކޮށް ފުރިހަމަކުރިއިރު، ބާސެލޯނާގެ ހަތަރުވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ފެރާން ޓޮރޭސް އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 13 މެޗުން ބާސެލޯނާއަށް 31 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް 12 މެޗުން ވަނީ 31 ޕޮއިންޓް ލިބިފައެވެ. އަދި މިވަގުތު ލަނޑުގެ ތަފާތުން ބާސެލޯނާ އެއްވަނައިގައި އޮތް ނަމަވެސް، މިރޭ އެލްޗޭ އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުން ރެއާލް މޮޅުވެ ނުވަތަ އެއްވަރުވި ނަމަވެސް އެޓީމަށް އަލުން ތާވަލުގެ އެއްވަނަ ލިބިގެންދާނެއެވެ. އަދި މިމެޗުން ބަލިވި ބިލްބާއޯ އިން ލީގުގައި ކުޅުނު 13 މެޗުން ލިބުނު 17 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay