ރައީސް އަޒުލުކުރެވޭނީ އަޅުގަނޑުމެންގެ ކަރުގެ ހިމަނާރު ބުކޮށްލައިގެން - މިނިސްޓަރ ޝަހީމް
ޝުރުފާ މުހައްމަދު - 18 ފެބްރުއަރީ 2024 - 20:50
އިސްލާމިކް މިނިސްޓަރ ޝަހީމް
ކުޅިވަރު ކުޅޭހެން ވެރިކަން ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒުގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރަން ޖެހޭނީ ކަރުގެ ހިމަ ނާރު ކަނޑާލައިގެން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހަންމަދު ޝަހީމް އަލީ ސަައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައީސް އަރިހުގައި ދެކުނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ފޭދޫ އަދި ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އެކަމަކު ވެރިކަމަކީ ކުޅިވަރެއް ނޫން ކަމަށާއި، ރައްޔިތުން އިންތިޚާބްކޮށްފައިވާ ވެރިޔަކު އަޒުލުކުރުމަށް މަޝްވަރާ ކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ގާނޫނާ ޚިލާފަށް ވެރިކަން ފުރޮޅާލަން މަސައްކަތްކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކިތަންމެ މަސައްކަތެއް ކުރި ކަމުގައިވީ ނަމަވެސް، އެކަން ނުކުރެވޭނެ ކަމަށެވެ.
"މަނިކުފާނާއި އެކު އަޅުގަނޑުމެން މިތިބީ ސާބިތުކަމާއި އެކި އިންޝާﷲ. މަނިކުފާނުގެ ވެރިކަން ގާނޫނާ ޚިލާފަށް ފުރޮޅައެއް ނުލެވޭނޭ އިންޝާﷲ. ކުޅޭ ކުޅިވަރަކަށް ހަދައިގެން މަނިކުފާނު އަޒުލެއް ނުކުރެވޭނޭ އިންޝާﷲ. އެކަން ކުރަން ޖެހޭނީ އަޅުގަނޑުމެންގެ ކަރުގެ ހިމަ ނާރު ބުރިކޮށްލައިގެންނޭ އިންޝާﷲ." މިނިސްޓަރ ޝަހީމް ވިދާޅިވިއެވެ.
މިނިސްޓަރ ވިދާޅުވީ މިވަގުތު ވެރިކަމުގައި ހުންނެވީ ރައްޔިތުން އިންތިޚާބު ކުރެއްވި ބޭފުޅެއް ކަމަށާއި، އެއީ އެކަމަށް ގާބިލް ކުޅަދާނަ ބޭފުޅެއް ކަމަށެވެ. އަދި ތައުލީމީ ގޮތުން ބެލި ކަމުގައިވިޔަސް އެއީ ދުނިޔޭގެ އެންމެ މަތީ ފެންވަރަށް ކިޔަވައިގެން ހުންނެވި ބޭފުޅެއް ކަން ފާހަގަކުރައްވާ ވިދާޅުވީ ވެރިކަމަށް 14 ދުވަސް ވެސް ނުވަނީސް އެތެރެއާއި ބޭރުން އެކި ގޮންޖެހުންތައް ކުރިމަތިކޮށް، ވެރިކަން ފުރޮޅާލަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތްކުރަނީ ދޮގު ވާހަކަތައް ފަތުރައިގެން ކަމަށް ތުހުމަތުކުރައްވާ މިނިސްޓަރ ވަނީ އެކަމާއި މެދު ރަނގަޅަށް ވިސްނަން ދިވެހިންނަށް އިލްތިމާސްކުރައްވާފައެވެ.
އެގޮތުން މިނިސްޓަރ ވަނީ ފާއިތުވެދިޔަ މަދު ދުވަސްކޮޅު ތެރޭގައި އެކަނި ވެސް ރައްޔިތުންނަށް ޚިދުމަތްކުރައްވާ ރައްޔިތުންނަށް ފައިދާ ހުރި ރަނގަޅު ވެރިކަމެއް ކުރެއްވުމަށް ރައީސް މުއިއްޒު ކެނޑިނޭޅި ކުރެއްވި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސް އަޒުލްކުރުމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކަށް އިސްލާމިކް މިނިސްޓަރ ގޮންޖެއްސެވި އިރު، ރައީސް އަޒުލުލުރުމުގެ މަޝްވަރާތައް ކުރަމުން އަންނަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންނެވެ. އެކަމަށް ބޭނުންވާ ވަރަށް ސޮއި ހަމަވެފައިވާ ކަމަށް އެމްޑީޕީން އިއުލާންކުރި ނަމަވެސް، އަދި އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން