
މާލޭގައި ހުންނަ ދިރާގު ހެޑް އޮފީސް
ދިރާގު ޓީވީ އާއި ދިރާގު ޕްލޭ ހުއްޓާލަން ނިންމައިފި

އަހުމަދު ޒަލީފު - 24 ޑިސެމްބަރު 2022 - 11:01
ދިރާގުޓީވީ އާއި ދިރާގު ޕްލޭގެ ޚިދުމަތް ހުއްޓާލަން އެ ކުންފުނިން ނިންމަިއފިއެވެ.
މި ނިންމުން ދިރާގުން ނިންމާފައިމިވަނީ، ދިރާގަކީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ޝަރުތު ފުރިހަމަނުވާ ކުންފުންޏެއްކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް (އެމްބީސީ)އިން ނިންމުމާ ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ދިރާގުން ކުރި އިއުލާނެއްގަިއ ބުނެފައިވަނީ 29 ޖަނަވަރީ 2023 ގައި ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ މުއްދަތު ހަމަވާތީ، ލައިސަންސް އައު ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް (އެމްބީސީ) ހުށައެޅިކަމަށާއި، އަދި ޖަނަވަރީ 2022 ގައި އެމްބީސީއިން ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދަށް ގެނައި އިސްލާހަށް ހަވާލާދީ، ދިރާގަކީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ޝަރުތު ފުރިހަމަނުވާ ކުންފުންޏެއްކަމަށް އެމްބީސީއިން ވަނީ ނިންމާފައިވާ ކަމަށެވެ.
އެމްބީސީއިން ތަޢާރަފުކުރި މި އިސްލާހުގައި ބޭރުގެ ޙިއްޞާދާރުން ހިމެނޭ ކުންފުނިތަކަށް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުން ވަނީ މަނާކޮށްފައިވެއެވެ. ޤަވާއިދަށް ގެނައި މި ކުއްލި ބަދަލާއި ގުޅިގެން، އިންސާފުވެރި ހަމަތަކުގެ މަތިން ހިންގާ ދެމެހެއްޓެނިވި ރެގިއުލޭޓަރީ ނިޒާމެއްނެތި، ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ޚިދުމަތް ކުރިއަށް ނުގެންދެވޭނެތީ، އެކަން ޙައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއިއެކު މި އަހަރު ތެރޭގައި ގިނަގުނަ މަސައްކަތް ކުރެވިފައިވާ ކަމަށާއި، އަދި ލައިސަންސް އައުވާނެކަމުގެ ޔަޤީންކަމެއް ނެތުމުގެ ސަބަބުން ޕްލޭންތަކާއި އެއްގޮތަށް ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ވިޔަފާރި ފުޅާކޮށް ކުރިއަށް ނުގެންދެވި ގެއްލުންވިކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
"ރެގިއުލޭޓަރީ ގޮތުން ކުރިމަތިވެފައި މިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ކުންފުންޏާއި ޙިއްޞާދާރުންގެ ރައްކަލާއި މަންފާއަށާއި އަދި ކުންފުންޏަށް ލިބޭނެ ގެއްލުން އިތުރުވިޔަ ނުދިނުމަށްޓަކައި، ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ޚިދުމަތް ހުއްޓާލުމަށް ދިރާގު ބޯޑުންވަނީ ނިންމާފައެވެ. މިގޮތުން، ޤަވާއިދުގައިވާ ގޮތުގެމަތިން ޚިދުމަތް ހުއްޓާލުމުގެ 30 ދުވަސް ކުރިން ކަސްޓަމަރުންނަށް އެންގުމަށް ލާޒިމްކޮށްފައިވާތީ، 29 ޖަނަވަރީ 2023 އަކީ ދިރާގުޓީވީ އަދި ދިރާގުޕްލޭ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެފަހު ދުވަސްކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަޅުގަނޑުމެން މިނިންމުން ނިންމަންޖެހުނީތީވެ ނުހަނު ހިތާމަކުރަމެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ޓަކައި މަޢާފަށް އެދެމެވެ" އިއުލާންގައި ބުނެފައިވެއެވެ.
"ކަންމިހެން އޮތްނަމަވެސް، މިދަނޑިވަޅުގައި އަޅުގަނޑުމެން އެންމެ އިސްކަމެއްދީފައިވާނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ދިރާގުޓީވީ ކަސްޓަމަރުންނަށް، ތަފާތެއްނެތި ރަނގަޅު ފެންވަރެއްގައި އައިޕީޓީވީ ޚިދުމަތްތައް އިޚްތިޔާރުކުމުގެ ފުރުޞަތުން މަހްރޫމްވިޔަނުދީ، އެކަމަށް ހައްލެއް ހޯދައި ދިނުމަށެވެ. މިގޮތުން، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށް އަޅުގަނޑުމެންނަށް ހުށަހެޅި އެކި ފަރާތްތަކާއިއެކު މަޝްވަރާކުރީމެވެ. ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަލަށް ލިބިފައިވާ އެސްއެސް ނެޓްވަރކް ޕްރައިވެޓް ލިމިޓެޑާއިއެކު ކުރެވުނު މަޝްވަރާގެ ނަތީޖާއަކީ، ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެފަރާތާއިއެކު އެއްބަސްވުމަކަށް އައުމެވެ. އައު ރީބްރޯޑްކާސްޓަރުގެ ޚިދުމަތަށް ބަދަލުވާން ބޭނުންވާނަމަ، އެކަން ފަސޭހަކަމާއިއެކު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ވާހަކަ ދަންނަވަމެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިކަމާއިބެހޭ އިތުރު ތަފްސީލު ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ކަސްޓަމަރުންނަށް ޙިއްޞާ ކުރެވިގެންދާނެއެވެ" އިތުރަށް އެ އިއުލާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ދިރާގުޓީވީގެ ޚިދުމަތް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަށް 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތަކާއިއެކު، ރާއްޖޭގެ 95 ރަށް ހިމެނޭގޮތަށް، ރާއްޖޭގެ %85 ގޭބިސީއަށް ދިރާގުޓީވީގެ ޚިދުމަތް ލިބުމުގެ މަގުފަހިކޮށްދީފައިވާނެއެވެ. ދިރާގުޓިވީއަށް ލިބުނު ކާމިޔާބީއަކީ ކަސްޓަމަރުންގެ ފަރާތުން ކެނޑިނޭޅި ލިބެމުންދިޔަ ތަރުހީބާއި، އިތުބާރާއި އެއްބާރުލުންކަން ފާހަގަކޮށް ކުންފުނީގެ ފަރާތުން އިޚުލާސްތެރިކަމާއިއެކު ޝުކުރުއަދާކުރާކަމަށްވެސް ދިރާގުން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން