
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެ ޒިންމާ އަދާކުރާނަމަ، މެންބަރުންގެ ފަހަތުން ރައްޔިތުން ނުދުވާނެ: މައުރޫފް

ޖިނާން ޙުސައިން ޖަބީން - 20 އޮކްޓޯބަރު 2026 - 13:29
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ ބޭފުޅުންގެ ޒިންމާ އަދާކުރައްވާނަމަ، މެންބަރުންގެ ފަހަތުން ރައްޔިތުން ނުދުވާނެ ކަމަށާއި، ރައްޔިތުންގެ އިތުބާރު މަޖިލީހަށް ގެއްލިފައިވަނީ މެންބަރުންގެ އަމަލުތައް ހުންނަވާ ގޮތުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މައުރޫފް މި މޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންނަށް ކަނޑައަޅާފައިވާ އަގު ބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި ހުށަހެޅި އީ ޕެޓިޝަންގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މައުރޫފް ވިދާޅުވީ، ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި މަޖިލީހުގައި ހުންނަވާއިރު، އާންމު ރައްޔިތުންނަށް ނުލިބޭ ހާއްސަ އެއްވެސް އިނާޔަތެއް އަމިއްލަފުޅަށް ލިބިވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި އެހެން ރައްޔިތަކަށް ރަނގަޅު ގޮތެއް ވުމުން އެކަމާ ދެކޮޅަށް ނުކުތުމަކީ އެއްވެސް ރައްޔިތަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، ރައްޔިތުން ތެދުވާންވީ އެހެން މީހުންނަށް ލިބޭ ފަދަ މޮޅު ގޮތްތައް އެ ރައްޔިތުން ވެސް ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލިސް މެންބަރުން މަސައްކަތް ކުރައްވަންވާނީ އެ ބޭފުޅުންނަށް ލިބޭ ކޮންމެ އެއްޗެއް ވެސް ދިވެހި ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާ އިންސާފާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް ކަމަށް ވެސް މައުރޫފް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، މިއަދު ފެންނަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރާ މެދު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި މަންޒަރުކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް މަޖިލީހުން ހައްލެއް ހޯދައިދެވިފައެއް ނުވާ ކަމަށެވެ. މީގެ އިތުރުން، ރައްޔިތުން އިންތިހާބުކޮށްފައިވާ މެންބަރުން ވަކިކުރުމުގެ ބާރު ވަކި މީހަކަށް ދިނުމާއި، ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ހައްގުތައް ހަނިކޮށް ވަކި މީހެއްގެ ބާރުގެ ދަށަށް ޖަމާކުރުން ފަދަ އަމަލުތަކުގެ ސަބަބުން މަޖިލީހަށް އޮތް އިތުބާރު މުޅިން ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ގައުމުގެ ސިއްހީ ނިޒާމުން ރައްޔިތުންނަށް ފުރިހަމަ ހިދުމަތްތަކެއް ނުލިބޭތީ ރައްޔިތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް މެންބަރުން އިޖާބަދީ، އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެފަދަ މައްސަލަތައް ހައްލުކޮށް، މެންބަރުން އެމީހުންގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރާނަމަ، އެ މެންބަރުންގެ ފަހަތުން ރައްޔިތުން ނުދުވާނެ ކަމަށް ވެސް މައުރޫފް ވަނީ ވިދާޅުވެފައެވެ.
މައުރޫފް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ އިނާޔަތްތަކަކީ މެންބަރުން އަމިއްލައަށް ނިންމާ ނިންމުމެއް ކަމަށްވާތީ، އެކަމުގައި އިންސާފުވެރި ގޮތެއް ކަނޑައެޅުމަށްޓަކައި، މިނިވަން އޮޑިޓް ފާމަކުން މެންބަރުންގެ އިނާޔަތްތައް ކަނޑައަޅާ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނެގުން ހުއްޓާލުމަށް ގޮވާލައި މަޖިލީހަށް ބިލެއް
5 ގަޑިއިރު ކުރިން

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޝަފްނީޒް ޢައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި
ދުވަހެއް ކުރިން

މަޝްރޫއުތައް ނިންމަން 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވޭ: ޑރ މުއްތަލިބު
ދުވަހެއް ކުރިން

އެކްސިޑެންޓްތައް އިތުރުވާތީ ފުލުހުން މަޖިލީހަށް ހާޒިރުކުރަނީ
6 ދުވަސް ކުރިން


