logo

ޑޮލަރުގެ ދަތިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އިނދަޖެހިދާނެތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

profile

އާމިނަތު ޝަޒްލާ - 17 ސެޕްޓެމްބަރު 2026 - 11:08

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމާއި އިޤްތިޞާދީ ކާރިސާގެ ސަބަބުން މުޅި ޤައުމުގެ އިޤްތިޞާދު އިނދަޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެ، މައި އިދިކޮޅު ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ.

https://wamco.com.mv/

އެމްޑީޕީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި އެ ޕާޓީގެ ކަންބޮޑުވުންތައް މައިގަނޑު ހަތަރު ދާއިރާއަކަށް އަމާޒުވެއެވެ. އެއީ ގޭގައި ތިބެގެން ކުރާ ކުދި ވިޔަފާރިތަކުން ފެށިގެން ރިސޯޓްތަކާ ހަމައަށް ހުރިހާ ވިޔަފާރިތަކަށް ކުރާ ނޭދެވޭ އަސަރާއި، ކުއްލި ބަދަލުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލުމާއި، އިޤްތިޞާދީ އަދި މާލީ ނިޒާމަށް އަވަސް އިޞްލާޙީ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުގެ ޤާބިލުކަމެއް ނެތުމުގެ އިތުރުން، ޤައުމުގެ ރިޒާވް އިންތިހާއަށް ދަށަށް ގޮސް މުޅި އިޤްތިޞާދު ހީނަރުވެދާނެ ކަމުގެ ބިރެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، ދަރަނި ދެއްކުމަށް އިޤްތިޞާދުގެ ތެރެއިން ގިނަ އަދަދެއްގެ ޑޮލަރު ބޭރުކުރުމުގެ ސަބަބުން ރަސްމީ ރިޒާވް ނުރައްކާތެރި މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާގެ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ފެސިލިޓީގެ ތެރެއިން އެންމެ ފަހު 50 މިލިއަން ޑޮލަރު ސެޕްޓެމްބަރު 17 ގައި ދައްކަން ޖެހޭއިރު، މީގެ ކުރިން ޖެނުއަރީ އަދި މޭ މަހު ވެސް 100 މިލިއަން ޑޮލަރު ވަނީ ދައްކާފައެވެ. އަދި އޭޕްރިލް މަހު އިންޑިއާއާއެކު ވީ ކަރަންސީ ސްވޮޕްގެ 400 މިލިއަން ޑޮލަރާއި 500 މިލިއަން ޑޮލަރުގެ ސުކޫކް މުއްދަތު ހަމަވެގެން ދައްކާފައިވަނީ ރާއްޖޭގެ ރިޒާވުންނެވެ.

މީގެ ސަބަބުން އޭޕްރިލް މަހު ރަސްމީ ރިޒާވް 718 މިލިއަން ޑޮލަރަށް ތިރިވެފައިވާއިރު، ފިޗްގެ ހިސާބުތަކުން ދައްކާގޮތުގައި ބޭނުންކުރެވޭ ރިޒާވްގައި ހުރީ 244 މިލިއަން ޑޮލަރެވެ. އަދި ވޯލްޑް ބޭންކުން އެ އަދަދު 148 މިލިއަން ޑޮލަރުގައި ހުރިކަމަށް ލަފާކުރާއިރު، މިއީ އެންމެ 9 ދުވަހާއި ދެ ހަފުތާއާ ދެމެދުގެ އިމްޕޯޓަށް ފުދޭ މިންވަރެއް ކަމަށްވުމުން، ތެލާއި ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި އެތެރެކުރުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

މި ހާލަތުން އަރައިގަތުމަށް ސަރުކާރުން މަޝްވަރާއަކާ ނުލައި، ރިސޯޓްތަކުގެ އާމްދަނީގެ 40 އިންސައްތަ ރަސްމީ ރޭޓުގައި މާރުކުރަން މަޖުބޫރުކުރުމާއި، ބޭރުގެ ޓުއާ އޮޕަރޭޓަރުން 17 އިންސައްތަ ޓީޖީއެސްޓީ ދައްކަންޖެހޭ ގޮތަށް ކުއްލިއަކަށް ޤާނޫނު ބަދަލުކުރުމުން ބައިނަލްއަޤްވާމީ ފަރާތްތަކުގެ އިތުބާރު ގެއްލިފައިވާ ކަމަށްވެސް އެ ޕާޓީން ފާހަގަކުރެއެވެ. އަދި 600 އަށް ވުރެ ގިނަ ބޭރުގެ ޓުއާ އޮޕަރޭޓަރުން މިކަމާ ދެކޮޅަށް އަޑުއުފުލައި، ރާއްޖެ އިޝްތިހާރުކުރުން ހުއްޓާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މީގެއިތުރުން، ބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ވެއްޓިފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެއީ މަނީ އެކްސްޗޭންޖްތަކަށް ބިރުދައްކައި، ބޮޑެތި ޖޫރިމަނާތައް ކަނޑައަޅައިގެން މަސްނޫޢީ ގޮތެއްގައި ހިފަހައްޓާފައިވާ ރޭޓެއް ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ ރޭޓުގައިވެސް ބާޒާރުން ޑޮލަރު ލިބެން ނެތް ކަމަށާއި، ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެ ހަފުތާގެ މުއްދަތެއް ހޭދަވާ ކަމަށް ވަނީ ބުނެފައެވެ.

އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް އަލިއަޅުވާލަމުން އެމްޑީޕީން ބުނީ، ބޭންކް ކާޑުތަކުގެ ލިމިޓްތައް އިންތިހާއަށް ކުޑަކުރުމުގެ ސަބަބުން، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި، ބޭސްފަރުވާއަށްދާ ފަރާތްތަކަށް ބޮޑެތި ތަކްލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ.

އެމްޑީޕީން ސިފަކުރި ގޮތުގައި މި އިޤްތިޞާދީ ކާރިސާއަކީ ނޮވެމްބަރު 2023 ގައި މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ގެންގުޅުނު އިސްރާފާއި، ކޮރަޕްޝަނާއި، ނުބައި މެނޭޖްމަންޓުގެ ނަތީޖާއެވެ. އަދި ސަރުކާރުގެ ހަރުދަނާ އިޤްތިޞާދީ ޕްލޭނެއް ނެތުމުގެ ސަބަބުން ރައްޔިތުންނާއި ވިޔަފާރިތައް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ތިބެން ޖެހިފައިވާ ކަމަށް ބުނެ އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

https://wamco.com.mv/
tel:+9607331319