
300 މިލިއަނަށްވުރެ ގިނަ ރުފިޔާ ޒުވާން ވިޔަފާރިވެރިންނަށް ބީއެމްއެލް އިން ފޯރުކޮށްދީފި

މުޙައްމަދު ފަޟްލޫން - 27 އޯގަސްޓު 2026 - 09:51
ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފްކޮށްފައިވާ ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ ގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިންގ ފޯރުކޮށްދީފިއެވެ.
މި ފައިނޭންސިންގ ފެސިލިޓީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ ކުރިއަރުވަން ބޭނުންވާ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކޮށްފައިވާ ފެސިލިޓީއެކެވެ.
އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލެވުނު މި ފެސިލިޓީގެ ދަށުން، އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ވަނީ ދޫކޮށްފައެވެ.
މިކަމާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލްގެ އެ ހަރަކާތަށް ޒުވާނުންގެ ބޮޑުތަރުހީބެއް ލިބިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަމިއްލަ ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުން އެމީހުންގެ އުފެއްދުންތެރި ހިޔާލުތައް ވިޔަފާރިއަށް ބަދަލުކުރުމާއި ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކޮށް ދިގުމުއްދަތެއްގެ ކާމިޔާބީ ހާސިލްކުރަން ބޭނުންވާ ހުނަރާއި ގާބިލްކަން ތަރައްގީކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ބީއެމްއެލްއަށް ލިބުނު ފަހުރުވެރިކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގެ ފުރަތަމަ ފިޔަވައްސަށް ޒުވާން ވިޔަފާރިވެރިންގެ ފަރާތުން ވަރަށް ރަނގަޅު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ.
ބަދުރުއްދީން ހަސަން ވިދާޅުވީ 300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިންގ މެދުވެރިކޮށް 3،000 އަށް ވުރެ ގިނަ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެވުމަކީ ޒުވާން ވިޔަފާރިވެރިން ބިނާކުރުމަށް އަޅައިދެވުނު މުހިއްމު ބިންގަލެއް ކަމަށެވެ. އެހެންކަމުން އުއްމީދަކީ ފުރަތަމަ ފިޔަވަހީގެ ކާމިޔާބީއަށް ބިނާކޮށް ކުރިއަށް އޮތް ތަނުގައި ޒުވާނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، މި އިސްނެގުމުގެ އަމާޒަކީ މާލީ އެހީ ލިބޭ ފަރާތްތަކުގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއާ ގުޅިގެން، ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ ލިބުނު ފަރާތްތަކަށް މެންޓަރޝިޕާއި، ވިޔަފާރީގެ ތަމްރީނު އަދި ވިޔަފާރި ފޯމަލައިޒްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަނީ ހަަމަޖެހިފައެވެ.
ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަނޑައަޅާފައިވާ ފަންޑެއްގެ ދަށުން އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ.
މި ޕްރޮގްރާމްގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ހުށަހެޅުމަށް 1 ނޮވެންބަރު 2026 ވަނަ ދުވަހު ހުޅުވައިލެވޭނެއެވެ.
މިއީ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ހޯދުމަށާއި ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ޕްރޮގްރާމެކެވެ.
ބޭންކް އޮފް މޯލްޑިވްސްއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން މަސައްކަތް ކުރަމުންދަނީ ދިވެހި ޒުވާން ވިޔަފާރިވެރިންނަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން އަދި ލުއި ގޮތެއްގައި ލިބޭނެ މަގު ފަހިކޮށްދީ، ޒުވާނުންނަށް އިގްތިސާދީ ގޮތުން އިތުރު ފުރުސަތުތައް އުފައްދައިދިނުމަށް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފަލަސްތީނުގެ މައްސަލައަށް ހައްލުހޯދަން އޯއައިސީގެ ދައުރު ހަރުދަނާކުރަންޖެހޭ: ދިވެހިރާއްޖެ
11 މިނިޓު ކުރިން

ޕާސްޕޯޓު ލިބުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން، މުއްދަތު އިތުރުކުރުމާއި އިމަޖެންސީ ޕާސްޕޯޓް ދޫކުރަން ފަށައިފި
12 މިނިޓު ކުރިން

ޑޮލަރު ލިބޭނެ މަގު ތަނަވަސްކުރަން ކަސްޓަމްސް-ބޭންކް ނިޒާމެއް!
16 ގަޑިއިރު ކުރިން

ހުޅުދެލީ ޖެންސެޓް ހިދުމަތަށް ތައްޔާރު!
17 ގަޑިއިރު ކުރިން


