logo

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރަން ކޮމިޓީން ފާސްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 29 ޖޫން 2026 - 07:57

ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު، މަޖިލީހުގެ މުޅި ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

https://wamco.com.mv/

ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައުމަށް ނިންމާފައިވާ މައިގަނޑު ބަދަލަކީ މިހާރު ސިނގިރޭޓަކުން ނަގަމުންދާ 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ދަށްކުރުމެވެ.

ސިނގިރޭޓުގެ އިތުރުން، ބިޑިއާއި ހީޓަޑް ޓޮބޭކޯ ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ވެސް 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރުމަށް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި ޕެޗު ފަދަ ތަކެތިން ޑިއުޓީ މާފުކުރުމަށް ވެސް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.

މި ބަދަލުތަކާ ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީއަށް އަންނާނެ ބަދަލުތައް ބިލުގައި ފާހަގަކޮށްފައިވެއެވެ.

އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އިސްލާހަށް އަމަލުކުރަން ފަށައިފިނަމަ، މިއަހަރުގެ ބަޖެޓުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީން ގާތްގަނޑަކަށް 21 މިލިއަން ރުފިޔާ މަދުވާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.

ބިލު ދިރާސާކުރުމުގެ މަރުހަލާގައި، އެއްވެސް އިސްލާހެއް ނުގެނެސް އެ ބިލު ފާސްކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ނިންމާފައެވެ.

މި ގޮތަށް ނިންމާފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ވޯޓު ދެއްވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk