
މާލޭގެ މަގުތައް ހަދާއިރު އިސްކަންދޭނީ މައި މަގުތައް ހަދަން: ޑރ މުއްތަލިބު

މުޙައްމަދު ފަޟްލޫން - 29 ޖޫން 2026 - 11:50
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ފަށާއިރު، އެންމެ ފުރަތަމަ އިސްކަންދޭނީ މައިމަގުތައް ހެދުމަށް ކަމަށް ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މި ބިޔަ މަޝްރޫއުގެ ދަށުން، ސަރަހައްދުތައް ސާވޭކުރުމާއި ކަމާގުޅޭ އިދާރާތަކާއެކު ބާއްވާ މަޝްވަރާތައް ޖުލައި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ސާވޭ މަސައްކަތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫއު ޗައިނާ ސަރުކާރާ ހަވާލުކުރަން ނިންމެވި މައިގަނޑު ސަބަބަކީ، މާލޭގެ ތޮއްޖެހުމާއި، ފެންބޮޑުވުމުގެ އިތުރުން ޓްރެފިކް މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ފަންނީ ގާބިލްކަން ހުރި ބައެއްގެ އެހީތެރިކަން ބޭނުންވާތީ ކަމަށެވެ.
ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގައި، މާލެ އާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް ހިމެނޭހެން ތަފްސީލީ ޑިޒައިންތައް އެކުލަވައިލާނެއެވެ. މިގޮތުން، މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށާއި، ދަތުރުފަތުރުގެ ދަތިތައް ނައްތާލުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މަޝްރޫއުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ މަޖީދީމަގާއި، ވިލިމާލޭގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލަށް ދާން އޮންނަ މަގުތަކުގައެވެ.
މީގެއިތުރުން، އައިޖީއެމްއެޗް ކުރިމަތީ މަގާއި ޝަހީދުއަލީ ހިނގުން ހިމެނޭހެން، ފެންބޮޑުވުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވާ ސަރަހައްދުތަކުގެ މަސައްކަތްތައް އިސްކަންދީގެން އަމަލީ މަސައްކަތުގެ މަރުހަލާގެ ތެރެއިން ކުރިއަށްގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދާދިފަހުން މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއާއި ބެހޭ ގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ތަރައްގީ ކުރަނީ މާލެއަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލަތަކާއި ޕާކް ކުރުމުގެ މައްސަލަތަކަށް ހައްލެއް ލިބޭނެ ގޮތަކަށް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ކޮންވެންޝަން ޓޫރިޒަމް އައްޑޫއަށް ތައާރަފް ކުރަން ރައީސް ނަޝީދު ގޮވާލައްވައިފި
3 ގަޑިއިރު ކުރިން

އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ހިދުމަތް ފަށަނީ
5 ގަޑިއިރު ކުރިން

ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
6 ގަޑިއިރު ކުރިން

މަޝްރޫއުތައް ސުންގަޑިތަކަށް ނިންމަން ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަނީ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)